ޖެންޑާ މިނިސްޓްރީން ވަކި ކުރި 21 މުވައްޒަފުންނަށް ގާނޫނީ ގޮތުން ދޭން ޖެހޭ އެހީތެރިކަން ދިނުމުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ފަށައިފިއެވެ.

އެ މިނިސްޓްރީން ވަކިކުރި މުވައްޒަފުންނަކީ ވިލިމާލެ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބުނީ،އެ މިނިސްޓްރީން ވަޒީފާއިން ވަކި ކުރި ބައެއް މުވައްޒަފުންނާއި އެ ކޯލިޝަންގެ ލީޑާޝިޕް ބޭފުޅުންނާއި ވަކީލުންގެ ޓީމްގެ ފަރާތުން ބައްދަލުކޮށްފައިވާ ކަމަށެވެ.

އަދި އެ ފަރާތްތަކަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އެ ކޯލިޝަނުން މިއަދު ބުންޏެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިނިސްޓްރީން 21 މުވައްޒަފު ދޫކޮށްލާފައިވަނީ ސިވިލް ސާވީސްގެ އޮނިގަނޑުގެ ތެރެއިން ބަލަންޖެހޭ ބެލުންތައް ބެލުމަށް ފަހު ކަމަށެވެ.،

"މިނިސްޓްރީގެ ނިންމުމެއް ނޫން. ސީއެސްސީން ލިސްޓު ފޮނުވީމާ. ހިޔާގެ ސީއީއޯއަށް އަންގާފައި ނިންމުން ނިންމީ" ވިދާޅުވިއެވެ.

ވަކިކުރި މުވައްޒަފުންނާ ޕީއެސް ބައްދަލުކޮށް އެކަން ކުރަން ޖެހުނު ސަބަބު ސާފުކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.