އޮސްޓްރިއާ ސަރުކާރުން ދިވެހި ދަތުރުވެރިންނަށް ވިސާގެ ލުއިފަސޭހަކަން ހޯއްދަވައިދެއްވައިފިއެވެ.

އޮސްޓްރިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސެލެންސީ ކެތެރީނާ ވީޒަރ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް އެރުވުމަށް ބޭއްވި ރަސްމިއްޔާުތުގައި ރައީސް ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އާއި ސަފީރު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި ގުޅޭގޮތުންނާއި، ކޮވިޑް-19 ޙާލަތާއި ގުޅޭގޮތުންނާއި، ތަޢުލީމީ ދާއިރާއިންނާއި އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި ވިސާ ދިނުމުގައި ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ފާހަގަކުރައްވާ، އޮސްޓްރިއާއިން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ މިހާރުގެ ކޮވިޑްގެ ހާލަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ކޮވިޑް ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު އަލުން އާރާސްތުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައުލޫމާތު އޮސްޓްރިއާގެ ސަފީރާއި ހިއްސާ ކުރައްވާފައެވެ.

ސަފީރު ވަނީ ކޮވިޑް-19ގެ ޙާލަތު ކާމިޔާބުކަމާއެކު މެނޭޖްކުރުމަށް ރާއްޖެއިން ނިންމާފައިވާ ހަރުދަނާ ނިންމުންތައް ފާހަގަކުރައްވައި، ރާއްޖެއިން ވެކްސިން ދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކުރައްވާފައެވެ.

އަދި ތަޢުލީމީ ރޮނގުންނާއި މީހުން ބިނާކުރުމުގެ ރޮނގުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އޮސްޓްރިއާގެ އެކަޑަމިކް އިންސްޓިޓިއުޝަންތަކާ ގުޅިގެން މަތީ ތައުލީމުގެ ރަނގަޅު ފުރުސަތުތައް ދިވެހި ދަރިވަރުންނަށް ހޯއްދަވައިދެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި މިކަމަށް ޖަވާބުދެއްވަމުން އޮސްޓްރިއާގެ ސަފީރު ވަނީ މި ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ގޮތްތައް އެކަމަނާ ބައްލަވާނެކަމުގެ ޔަގީންކަން ރައީސަށް އަރުވާފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސް ވަނީ ރާއްޖޭގެ ދަތުރުވެރިންނަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެމްބަރު ޤައުމުތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ ގޮތް ހަދަން ބޭނުންވާކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖެއާއި އޮސްޓްރިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1 މާރޗް 1978 ގައެވެ.