އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝާންގެ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުރި މީހަކު، ދެ ފުލުހެއްގެ ލޮލަށް ބްލީޗް ޖަހައިފި އެވެ.

ފުލުހުން ވިދާޅުވީ ބަންދުގައި ހުރި މީހަކު ހަވީރު 4:30 ހާއިރު ދެ ފުލުހެއްގެ ލޮލަށް ބްލީޗު ޖަހާފައިވާ ކަމަށާއި އެ ދެ ފުލުހުންނަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ނަމަވެސް ދެފުލުހުންގެ ލޮލަށް ބަންދުގައި ހުރި މީހަކު ބްލީޗް ޖެހީ ކިހިނެއް ކަމެއް ފުލުހުން ސާފުކޮށެއް ނުދެއެވެ. އަދި އެކަން ކުރި މީހާ ފުލުހުންގެ ބަންދުގައި ހުރީ ކޮން މައްސަލައެއްގައި ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

މިހާދިސާ އާއި ގުޅިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ދެފުލުހުންގެ ހާލަތާއި ގުޅޭ މައުލޫމާތު އަދި ހޮސްޕިޓަލުން ވެސް ސާފުކޮށެއް ނުދެއެވެ.