ދޮންވެފައި އިންނަ ވަނދު ބަނބުކޭލެއް ވެއްޓޭހާ ފަސޭހައިން މި ސަރުކާރު ވެއްޓިދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރ.ފުއްގިރި މައްސަލައިގައި ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތް ނިމެންދެން އެމަނިކުފާނުގެ ޕާސްޕޯޓު ހިފަހައްޓަން ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުނު މައްސަލައާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. ރައީސް ޔާމީންގެ ދެޕާސްޕޯޓެއް ހިފަހައްޓައިދޭން ދައުލަތުން ކޯޓުގައި އެދުނުއިރު އެދެޕާސްޕޯޓްގެ ވެސް މުއްދަތު އޮތީ ހަމަވެފައެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ޕާސްޕޯޓު ހިފަހައްޓަން މިއަދު ހަތަރުދަމު ސަރުކާރުން، މަރަށް ތެޅޭހެން ތެޅިފޮޅުނީ ބޭކާރު ކަމެއްގައި ކަމަށެވެ. އެއީ ވަގުތާއި ހަކަތަ ބޭކާރު ކުރުން ކަމަށާއި ޔާމިން މިނިވަންވި ފަހުން ސަރުކާރު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ދޮންވެފައި އިންނަ ވަނދު ބަނބުކޭލެއް ވެއްޓޭހާ ފަސޭހައިން ސަރުކާރު ވެއްޓިދާނެ" އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ދިފާއީ ވަކީލުން މިއަދު ކޯޓުގައި ވިދާޅުވީ އެމަނިކުފާނުގެ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައި އޮތުމުން މިހާރު ވެސް އެމަނިކުފާނަށް ރާއްޖޭން ބޭރަށް ވަޑައިނުގެންނެވޭނެ ކަމަށެވެ. އަދި މިހާތަނަށް ވެސް ރައީސް ޔާމީން ގެންދެވީ ޝަރީއަތަށް އެއްބާރުލުން ގެންދަވަމުން ކަމުގައި ދިފާއީ ވަކީލުން ވިދާޅުވެއެވެ.

ދެ ފަރާތުން ދެއްކި ވާހަކައަށް ރިއާޔަތް ކުރުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ކަމުން އެއީ ވުޖޫދުގައި ނެތް ޕާސްޕޯޓެއް ކަމުގައި ބެލެވެއެވެ. އެހެންވެއާއެކު ރައީސް ފުރުމުގެ ޖާގައާއި ސަބަބެއް ވެސް ނެތް ކަމަށެވެ. ޕާސްޕޯޓް ހިފަހައްޓަން ބުރަދަނެއް ހުރި އިތުރު ސަބަބެއް ވެސް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ވެސް ގާޒީ ވިދާޅުވެއެވެ.

ރައީސް ޔާމީނަކީ މިހާތަނަށް އައި އިރު ވެސް ޝަރީއަތަށް އެއްބާރުލުންދީ، ކޯޓުން އަންގާ ވަގުތަކަށް ހާޒިރުވަމުން ވެސް އަންނަ ބޭފުޅަކަށް ވާތީވެ އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމުގައި ގާޒީ ކަނޑައެޅުއްވިއެވެ.

މިއަދު ހެނދުނު ފެށި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ފުރަތަމަ ވަނީ ޕާސްޕޯޓް ހިފެހެއްޓުމުގެ މައްސަލައަށް ޖަވާބުދާރީވާން ތައްޔާރުވުމުގެ ގޮތުން ދެ ހަފުތާގެ މުހަލަތަކަށް އެދިވަޑައިގެންފައެވެ. އެކަމަކު ހަވީރު ހަތަރެއް ޖަހާއިރަށް ތައްޔާރުވާން އަންގަވައި، ހަތަރެއް ޖަހާއިރަށް އަޑުއެހުމަށް ހާޒިރުވާން އެންގެވީއެވެ.

ދައުލަތުން އޭރު މި ގޮތަށް ހުށަހެޅުއްވިއިރު އިތުރު ސަބަބަކަށް ދެއްކެވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވި ކަމަށް އެއްބަސްވެފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެއް ފަހަރު ފިލައިގެން ރާއްޖެ ދޫކުރައްވައި ވަޑައިގަތުމުން އެ ފުރުސަތު ޔާމީނަށް ވެސް އޮންނާނެ ކަމުގައެވެ. އިންޑިއާއިން ހައްޔަރުކޮށްގެން އަދީބު ފަހުން ރާއްޖެ ގެނައީއެވެ.

ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން އެދިފައި މި ވަނީ، މީގެ ކުރިން ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާގައި ދަށު ކޯޓުން އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު މިނިވަންވެފައިވަނިކޮށެވެ.

ދައުލަތުން ވިދާޅުވަނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދިވަޑައިގަތީ މަނީ ލޯންޑަރިންގެ އެހެން މައްސަލަތަކުގައި ވެސް އަމަލުކޮށްފައިވާ އުސޫލުން ކަމަށެވެ. ކުރިން އެ ގޮތަށް އެދިވަޑައިނުގަތީ ރައީސް ޔާމީން ޖަލު ހުކުމެއްގައި ހުންނެވުމުން އެދިވަޑައިގަތުމުގެ ސަބަބެއް ނެތުމުން ކަމަށް ވެސް ދައުލަތުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކަތްދަ އަހްމަދު

    މިވެރިކަން އަވަހަށް ނިންމަންޖެހޭ...ދިވެހިންގެ ދުވަސް ދުއްވާލާފި. ހަގީގަތަކީ ވެރިކަން ކުރަނީ އިންޑިޔާއިން.

    13
    1
    • ނައިކް

      ވަނދު ބަނބުކެޔޮ ވެއްޓުނު ތަންފެނުނެއްނު 2018 ގަ.. އެއްބުރުން ދިޔައީ.. އޭގެ ހިތި ރަހަ އަދި ނުކެނޑިގެން ތިޔަ އުޅެނީ ކަރުބުޑުން.. އެހެންވީމަ އަބަދުވެސް ތިޔަހެން ކިޔޭނެ.

      3
      1
  2. ކެޔޮޅުބެ

    މަކަރާ ހީލަތްވެސް ހަދަންނޭނގޭ ސަރުކާރު އަޅެމީހަކުކޮހެއްނުވާނެތަ؟ ސޯލިބޭ ރައީސްޔާމީނަކީ ހިކުމަތްތެރިއެއް އެއީ ދޫހެލޭ ކުޅަދާނަ ފޯވަރޑެއް ކަލޭކޮޅަށް ލަނޑުގޯންޏެއް ވަށްދާލަންކެރޭނެ ކުޅަދާނަ ފޯވާރޑެއް.

    10
    1
  3. ގުދުގުދާބެއްޔާ

    ދައުލަތުން މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ހިފަހައްޓަން އެދުނަސް އެއީ ހަމަ ރަގަޅު ނިންމުމެއް! އަލަށް ޕާސްޕޯޓެއް ހަދާނަމަ އިމިޤްރޭޝަން އިން ދައުލަތައް އެކަން އަންގާނެ ޖާގަ ހޯދުމުގެ ބޭނުމުގައި އެކަން ކޮއްފައި އެވަނީ! ދެން އަލަށް ޕާސްޕޯޓެއް ހެދިޔަސް ދައުލަތުން އެ ޕާސްޕޯޓް ހިފަހައްޓަން ބޭނުންނަމަ އެކަން ކޮއްލެވިދާނެ!

  4. ނާދިރާ

    ވައްޓާލާ ވައްޓާލާ ވައްޓާލާ ވައްޓާލާ އަވަސްކުރޭ

    2
    1
  5. އާދަމް

    ދެން ކީއްވެޔޯ ލޮލަށް ނިދި ނައިސް ފަޔަށް ހިނި އަރައިގެން ތެޅޭއިރުވެސް އެކަން ނުވެގެން މިއުޅެނީ. އިބޫގެ ދަތްދޮޅި ނެތީމަ؟

    1
    1
  6. ވަޑޯޑީގެ

    ހާދަބޭނުމޭދޯ ވައްޓާލަން 5 އަހަރު ކެތްކޮށްނުލެވޭ ދެން އޮތީ އެންމެ 2 އަހަރު، ރައްޔިތުން ފުރުސަތުދޭތޯ ކެތްކޮށްލާ އާދަނާ

  7. ނަމަ

    ވަނދު ބަނބުކޭލޭ ބަދިގެފުއްޑަނޭ ނުކިޔާ މިސަރުކާރު ވައްޓާލަން ނުކެރިގެން އާދަމް ޝަރީފް މިއުލެނީ ކީއްވެބާ ސިއްރަކީ ކޮބައިބާ؟