ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ރާއްޖެ އިން ބޭރުކުރަން ގޮވާލައި،ހިންގަމުން ގެންދާ ހަރަކާތުގައި ސޮއި ކުރަމުން ގެންދާ "އިންޑިއާ އައުޓް" ޕެޓިޝަނަށް ސޮއި ހޯދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރަށްރަށަށް ދަތުރުކުރައްވަން ނިންމަވައިފިއެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ އޮތް ޖަލްސާއެއްގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ޕެޓިޝަނަށް ސޮއި ހޯދުމަށް އެމަނިކުފާނާ ރަށްރަށަށް ދަތުރުކުރައްވާނެ ކަމަށެވެ. މި ދަތުރުތަކުގައި އިދިކޮޅުގެ އިސްވެރިން ވެސް ބައިވެރިވާނެ އެވެ.

ނަމަވެސް ދަތުރުތައް ފަށާނެ އިރެއް ޝުޖާއު ވިދާޅެއް ނުވެއެވެ.

"އަޅުގަނޑުމެން އަތޮޅު ތެރޭގެ ރަށްރަށަށް އެބަ ދަން ރައީސް ޔާމީނާ އެކީގައި. ތިޔަ ރައްޔިތުން މިވަގުތުން ފެށިގެން ކުރަންވީ ކަމަކީ އަޅުގަނޑުމެން މި ކޯލިޝަނުން ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވައިފައި އޮތް މިނިވަންކަމުގެ ދިފާއުގައި ދިވެހިން މި ޕެޓިޝަނަށް ސޮއި ހޯދުން،" ޝުޖާއު ވިދާޅުވި އެވެ.

ރައީސް ޔާމީން ރަށްރަށަށް ވަޑައިގެން ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދެއްވައި ޝުކުރު އަދާކުރައްވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ އިންޑިއާ އައުޓް ކެމްޕޭނަކީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ފެށި، އެމަނިކުފާނު ވިދާޅުވާ ގޮތައް ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށް ވިދާޅުވެ ކެމްޕޭންގެ ޒިންމާ އުފުއްލަވާފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އޮތް ޕީޕީއެމްގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އެތައް ރައްޔިތުންނެއް ތަމްސީލް ކުރާ ލީޑަރެއްގެ ހައިސިއްޔަތުން އިންޑިއާ ސިފައިން ރާއްޖެ އިން ފޭބުމަށް ގޮވާލާ ކަމަށެވެ.

"ރަސްމީކޮށް މި ދަންނަވަނީ، ރައީސް ކަން ކުރައްވާފައި ހުރި މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން މި ދަންނަވަނީ، އެތައް ހާސް ރައްޔިތުން ތަމްސީލުކުރައްވާ ލީޑަރެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، އަޅުގަނޑުމެންނެއް ބޭނުމެއް ނުވޭ އިންޑިއާގެ މިލިޓަރީގެ އެންމެ މީހަކު ވެސް، އެންމެ ބޫޓު ޖޯޑެއް ވެސް އަޅުގަނޑުމެންގެ ފަސްގަނޑުގައި ހުންނާކަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި މިހާރު އިންޑިއާ ސިފައިން ތިބެއެވެ. އެއީ އައްޑޫ ސިޓީ ގަމާއި، ލ.ކައްދޫ/ފޮނަދޫ އަދި ހދ.ހަނިމާދޫގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަސަން އާދަމް

    ބުދުދީނުގެ ސިފައިންގެ އެންމެ ބޫޓު ޖޯޑޭއްވެސް ދިވެހި ފަސްގަޑުގައި ބަހައްޓައިގެންނުވާނެ!

    33
    2
    • Anonymous

      ޕްލީޒް ޕްލީޒް ހުރިހާ ރަށަކަށް ވަޑައިގަންނަވައްޗޭ.
      އެއްވެސް ރަށެއް ދޫކޮށްލައްވައިފިނަމަ އެރަށު ރައްޔިތުން ދެރަވާނެ. ތިއީ ރައްޔިތުންގެ ރައީސް. އެއްވެސްރައްޔިތަކަށް ތަފާތު ނުކުރައްވާތި.

      6
      2
  2. އަހަރެން

    ގުޑް

    12
    1
  3. ކޮވިޑް

    މަނިކުފާންގެ ހަޤީޤީ ސަޕޯޓަރުން ތިބީ ރަށްރަށުގަ މަނިކުފާން އަވަހަށް އެމީހުން ކައިރިޔަށް ދިއުމަށް މިތިބީ ކެތްމަދުވެފަ. މިހާރުވެސް މާލަސްވެއްޖަހެން ހީވަނީ މަނިކުފާން ދެކެ އެއްމެލޯބިވާ މަނިކުފާނަށް ހެޔޮއެދޭ އޯގާތެރި ރައްޔަތުން މިތިބީ މަނިކުފާނާ ބައްދަލު ކޮށްލާހިތުން ކަރުހިއްކާގެންފަ އަވަހަށް ވަޑައިގަންނަވާ.އާދޭހާ އެކު ދަންނަވަން މަނިކުފާން.

    20
  4. އަޙުމަދު

    މަރުޙަބާ އަވަހަށް ވަޑައިގަންނަވާ އިސްލާމް ދީނާއި ދިވެހި ޤައުމުގެ ދިފާއުގައި ކުރާ ކޮންމެކަމެއް ގައި އަޅުގަނޑު މެންގެ އެއްބާރުލުން ލިބޭނެ، މިކަމުގައި ސަޕޯޓް ކުރާ ކުލަޔަށް ބެލުމެއް ނޯންނާނެ. މިކަމުގައި އޮންނާނީ އިސްލާމްދީން އާއި ދިވެހި ޤައުމު.

  5. ނާތު

    އާދޭ އާދޭ މިތިބީ ސޮއިކުރަން ތައްޔާރައް މިދުނިޔެއައްވެސް ދަކއްކާދީފި ކުށެއް ނެއް މައުސޫމު ވެރިޔެއް ކަން ވވވވވއުފާވެފަ މިތިބީ އިންޝާ ﷲ

    5
    2
  6. ރާއްޖެތެރެ

    ހެޔޮ ނަޔަކަސް

    1
    5
  7. އަމީތާބް

    ތިގޮތަށް އިންޑިޔާ އައުޓްކޮއްލަން އުޅެނިކޮށް އިންޑިޔާ އަންހިންވެރިންނުކުމެ ޔާމީން އައުޓް ކޮއްލަފާނެ