ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާތީ ކ. މާލެ/ ވ. ރާހި، މުޙައްމަދު ބާޤިރު (50އ) ހޯދަން ފުލުހުން މިއަދު ވެސް އިއުލާން ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މުޙައްމަދު ބާޤިރު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2021 ޑިސެމްބަރު 8 ވަނަ ދުވަހުގެ 09:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

މުހައްމަދު ބާޤިރު އާއި އޭނާގެ ކުރީގެ އަނބިމީހާ ޒީނިޔާ މުހައްމަދު ޒާހިރު ހޯދަން ފުލުހުން ނޮވެމްބަރ މަހުގެ ފަހުކޮޅު ވެސް އިއުލާން ކުރިއެވެ. އެއިއުލާނާއި ގުޅިގެން ޒީނިއާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މުހައްމަދު ބާޤިރާއި އޭނާ ކޯޓަށް ހާޒިރު ކުރަނީ ދެމީހުން ކައިވެނި ކޮށްގެން އުޅުނުއިރު މުހައްމަދު ބާޤިރު އުފެއްދި، ޒީނިޔާގެ %1 ހިއްސާ އޮތް ކުންފުނީގެ ދަރަނީގެ މައްސަލަތަކާއި ގުޅިގެން ކަމަށެވެ.

މުހައްމަދު ބާޤިރު ދިރިއުޅެމުން ދަނީ އޭނާގެ މިހާރުގެ އަނބިމީހާ އާއިއެކު އިނގިރޭސިވިލާތުގައި ކަމަށް ތުހުމަތު ކުރެވެއެވެ. މުހައްމަދު ބާޤިރުގެ މިހާރުގެ އަނބިމީހާ އަކީ ވެސް އިނގިރޭސި ރައްޔިތެކެވެ.

މުހައްމަދު ބާޤިރު ހޯދަން އިންޓަޕޯލް އިން މިހާރު ވެސް ރެޑްނޯޓިސް ނެރެފައި އެބައޮތެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ބާޤިރު ކޯޓަށް ހާޒިރު ކުރަން މަސައްކަތް ކުރަމުން ގެންދަނީ މޮރިޝަސް ބޭންކުން ނެގި ލޯނަކަށް ފައިސާ ނުދައްކާ މައްސަލައެއްގައެވެ. ދެމީހުންގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް މިދެމީހުން ގެރެންޓީ ދީގެން ނަގާފައިވާ ހަތަރު މިލިއަނަށް ވުރެ ގިނަ ޑޮލަރު (ދިވެހި ރުފިޔާ އިން ބަލާނަމަ 60 މިލިއަން ރުފިޔާ) ދައްކަން 2016 ވަނަ އަހަރު ހުކުމް ކުރިއެވެ.

މުހައްމަދު ބާޤިރާއި ބެހޭ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.