ނައިބް ރައީސް ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021 ގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވައިލައްވައިފިއެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ދިވެހި ހާރިޖިއްޔާއާއި ރައީސް އޮފީހުގެ ބޭފުޅުން ހިމެނޭ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. ޔޫއެއީއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021 ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނުގެ ގޮތުގައި ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ، ނައިބް ރައީސްގެ އަރިހަށް ވަނީ އިހުތިރާމުގެ ޒިޔާރާތެއް ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އިންޑިއަން އޯޝަން ކޮންފަރެނެސް 2021ގެ ހަވާސާގައި، އިންޑިއަން ފައުންޑޭޝަންގެ ގަވަރނިންގ ކައުންސިލުގެ މެންބަރު ރާމް މާދަވް އާއި ސްރީލަންކާގެ އިންސްޓިޓިއުޓް އޮފް ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް (އައިއެންއެސްއެސް) ގެ ޑިރެކްޓަރ ޖެނެރަލް ޕްރޮފެސާ ރޯހަން ގުނަރަތްނަ އާއި ވެސް ބައްދަލުކުރައްވާފައެވެ.

އަދި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އަބޫދާބީގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީއަށް ވެސް ޒިޔާރަތްކުރައްވާފައެވެ.