ކޮވިޑް-19ގެ އައުވޭއިރިއެންޓް، އޮމިކްރޯން ރާއްޖެއިން ފެނުމާއެކު ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އަށް ވޮލެންޓިއަރުން ހޯދަން ހެލްތް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ގްރޭޓާ މާލެ ސަރަހައްދުގައި ކުރެވޭ މަސައްކަތުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. ޝައުގުވެރިކަން ހުރި ފަރާތްތަކުން އޮންލައިންކޮށް ފޯމް ފުރިހަމަ ކުރުމަށް ފަހު ފޮނުވަން މިނިސްޓްރީން ވަނީ އެދިފައެވެ.

އެޗްއީއޯސީން ބުނެފައިވާ ގޮތުގައި ކޮވިޑްގެ ވޭދަނައިގެ އިތުރުވުމެއް އައިސް ރާއްޖޭގެ ހާލަތު ގޯސްވެއްޖެ ހިނދެއްގައި އެކަމަށް ތައްޔާރު ވާނީ މީގެ ކުރިން ލިބިފައިވާ ތަޖުރިބާގެ އަލީގައެވެ. އެގޮތުން ވޭދަނަތަކުގެ އަދަދު މައްޗަށް ގޮސްފާނެ ކަމަށް ބަލައި އެކްޓިވް ސަވައިލެންސްގެ ތެރެއިން ނެގޭ ސާމްޕަލްތަކުގެ އަދަދު އިތުރުކުރާނެ ކަމަށް އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ.ނަޒްލާ ރަފީގް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑްގެ ޓެސްޓިން ކެޕޭސިޓީ ރާއްޖޭގައި އެބަހުއްޓެވެ. ކޮވިޑްގެ ހާލަތު އެންމެ ގޯސްވެގެން ދިޔައިރުވެސް ދުވާލެއްގެ މައްޗަށް ކުރެވޭ އަދަދު މިހާރުވެސް ޓެސްޓުތައް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މިދޔަ ޕީކްގައި ލިބުނު ތަޖުރިބާއިން، އެންމެ ގޯސް ހަލާތަށް ތައްޔާރުވުމަށް ގިނަ އުސޫލުތަކެއް ހެދިފައިވާ ކަމަށް އެޗްޕީއޭއީން މައުލޫމާތުދެއެވެ.

އޮމިކްރޮން އެންމެ ފުރަތަމަ ފެނުނީ ދެކުނު އެފްރިކާއިން، މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މިއާއެކު، ދެކުނު އެފްރިކާގެ ހަތް ގައުމެއްގެ މީހުން ރާއްޖެ އެތެރެވުން ވަނީ މިހާރު މަނާކޮށްފައެވެ. ރާއްޖެއިންވެސް މި ވޭރިއެންޓް ފެނިފައިވާކަން އެޗްޕީއޭއިން ވަނީ އިއްޔެ ހާމަކޮށްފައެވެ. ވޭރިއެންޓް ފެނުމާއި ގުޅިގެން އާއްމުކޮށްފައިވާ ގައިޑްލައިނާއި އެއްގޮތަށް އަމަލު ކުރުމަށް އެ އޮތޯރިޓީން ވަނީ ނަސޭހަތްތެރިވެފައެވެ.

އެގޮތުން މާސްކް އެޅުމާއި، ގައިދުރުކަން ބެހެއްޓުމާއި، ބަލީގެ އަލާމަތްތައް ފެނިއްޖެނަމަ ފްލޫ ކްލިނިކަށް ދެއްކުމާއި، ވަކި ތަރުތީބެއް ނެތި ސުންކު ނަގާއިރު އެއްބާރުލުން ދިނުމާއި، އޮފީސް ތެރޭަގައިވެސް މާސްކް އެޅުމާއި، ދަތުރުފަތުރު ކުރުމުގައި ކަނޑައަޅާފައިވާ ގަވާއިދުތަކަށް ބޯލެނބުމާއި، ހަފްލާތަކާއި އިވެންޓްތަކުގައިވެސް ގައިޑްލައިންގައިވާގޮތުގެ މަތިން އަމަލުކުރުމަށްވެސް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލލ

    ވަކިބަޔަކު މާލިއްޔަތު ކައި ހުސްކުރަނީ، ވޭރިއެންޓުގެ ފުރަގަހުގައި ތިބެ !

  2. Anonymous

    ކޮވިޑެއްނެތް ތިތަން އުވާލަން ފެންނަނީ.