ނޫ ރާއްޖެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ މަސްވެރިން، މުޖުތަމައު، ވަކިވަކި ފަރުދުން، ފަތުރުވެރިކަމުގެ ސިނާއަތް، އަދި އެނޫންވެސް ފަރާތްތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކުރާ ގޮތާއި، އެފަރާތްތަކަށް މުހިއްމުވާ ސަރަހައްދުތައް ދެނެގަތުމުގެ 6 މަސް ދުވަހުގެ ސާވޭއެއް މިއަދު ފަށައިފިއެވެ.

ނޫ ރާއްޖެ އިން ބުނީ މި އޯޝަން ޔޫސް ސާވޭގެ ބޭނުމަކީ، އިޤްތިޞާދީ، ޘަޤާފީ އަދި ތިމާވެށީގެ ގޮތުން ދިވެހިންނާއި ކަނޑުތަކާއި އޮންނަ ގުޅުން އިތުރަށް ދެނެގަތުމެވެ. މިގޮތުން މި ސާވޭ މެދުވެރިކޮށް ދިވެހި ރާއްޖޭގެ ކަނޑު ފަޅުތައް ބޭނުންކުރާ އެކިއެކި ފަރާތްތަކަށް މުހިއްމު ސަރަހައްދުތައް ފާހަގަކުރެވި، ކަނޑުގެ ދިރުން ޙިމާޔަތްކޮށް މެނޭޖްކުރާނެ ގޮތްތައް ހޯދައި ދެނެގަތުމަށް ފަސޭހަވެގެންދާނެއެވެ. މި ސާރވޭގެ މަޤްޞަދަކީ ރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލާއިރު ކަނޑުގެ ވަޞީލަތްތައް ބޭނުންކުރާ ފަރާތްތަކުގެ ބައިވެރިވުން ކަށަވަރުކުރުމެވެ.

އޯޝަން ޔޫސް ސާވޭ ޓީމުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ވީހާވެސް ގިނަބައެއްގެ ހިއްސާއާއި އެކު، އެކިފަރާތްތަކުން ކަނޑުފަޅުގެ ސަރަހައްދުތައް ބޭނުންކުރާގޮތް ދެނެގަނެ، އެފަރާތްތަކަށް މުހިއްމުވާ ސަރަހައްދުތައް ވަޒަންކުރުމެވެ. މިގޮތުން މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ޢުމްރާނީ މަސައްކަތްތައް ކުރާ ފަރާތްތަކާއި މަޝްވަރާކޮށް މިފަރާތްތަކުން ދިވެހި ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ ގޮތާއި، އެތަންތަން އަގު ވަޒަންކުރާގޮތް ދެނެގަނެވޭނެއެވެ. އަދި ވަކިވަކި ސާވޭ ތަކުގެ ނަތީޖާ އެއްކުރުމަށްފަހު މަސްވެރިކަމާއި، ފަތުރުވެރިކަމާއި، މުނިފޫހިފިލުވުމާއި އެހެނިހެން ކަންކަމަށް ދިވެހިން އާންމުކޮށް ބޭނުންކުރާ ސަރަހައްދުތައް ފާހަގަކޮށް ހީޓްމެޕްތަކެއް އެކުލަވާލެވޭނެއެވެ. މި މެޕްތައް އުފައްދަނީ ސްޓޭކް ހޯލްޑަރުންނާއި މުޖުތަމަޢުގެ ހިޔާލާއި މަޝްވަރާތައް އެއްކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުން އަންނަ ޔުނިވަރސިޓީ އޮފް ކެލިފޯނިއާ، ސަންޓާ ބާބަރާގެ މެކްލިންޓޮކް ލެބް އިން ތައްޔާރުކޮށްފައިވާ 'ސީސްކެޗް' ޓޫލް މެދުވެރިކޮށެވެ.

ދިވެހިރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލައި، ސަރުކާރުގެ ނޫ އިޤްތިސާދުގެ ތެރެއިން ދެމެހެއްޓެނިވި މަސްވެރިކަން އަދި ފަތުރުވެރިކަން ކުރިއެރުވުމަށް މި ސާވޭގެ ހޯދުންތައް އެހީތެރިވެދޭނެ ކަމަށް ނޫ ރާއްޖެ އިން ބުނެއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގެ 20 އިންސައްތައަކީ ހިމާޔަތްކުރެވިފައިވާ ކަނޑުގެ ސަރަޙައްދުތަކަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށްޓަކައި، ހިމާޔަތް ކުރެވިދާނެ ކަނޑުފަޅުގެ ސަރަހައްދުތައް ދެނެގަތުމަށްވެސް ސާވޭގެ ނަތީޖާ ބޭނުންކުރެވޭނެއެވެ.

އޯޝަން ޔޫސް ސާވޭއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ"މިއީ ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގެ ވަކިވަކި ސަރަޙައްދުތައް ބޭނުންކުރެވޭ ގޮތް ދެނެގަތުމަށް ހިންގޭ ފުރަތަމަ ސާވޭ ކަމުގައިވާތީ މި މުހިންމު ސާވޭގައި ހުރިހާ ފަރާތްތަކުން ވެސް ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މި ސާވޭއިން ލިބޭ މައުލޫމާތަކީ ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް އަންނަން ހުރި ޖީލުތަކަށް ފޯރުކޮށްދިނުމަށް ވަރަށް މުހިންމު މަޢުލޫމާތުތަކަކަށް ވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އާންމު ފަރާތްތަކުން މި ސާވޭ ގައި ބައިވެރިވެވަޑައިގެން ހިޔާލު ހިއްސާކުރެއްވުމަށް ނޫ ރާއްޖޭ ޕްރޮގްރާމްއިން އެދެއެވެ. މި ސާވޭގައި އޮންލައިންކޮށް ބައިވެރިވެވަޑައިގަތުމަށް nooraajje.org/oceanusesurvey ލިންކް ބޭނުން ކުރެވޭނެއެވެ. އަދ ސާވޭ ފެސިލިޓޭޓަރުން ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ސްޓޭކް ހޯލްޑަރުންނާ ބައްދަލުކޮށް މަޢުލޫމާތު އެއްކުރާނެއެވެ. މި ސާވޭގެ ޒަރިއްޔާއިން ލިބޭ ވަކިވަކި ޖަވާބުތަކުގެ ސިއްރު ހިފެހެއްޓާނެ ކަމުގެ ޔަގީންކަން ނޫ ރާއްޖެ ޕްރޮގްރާމްއިން އަރުވަމެވެ. ސާވޭގެ ނަތީޖާއިން އެކުލަވާލެވޭ ހީޓްމެޕްތައް ދިވެހި ސަރުކާރަށާއި އާންމު ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. އަދި މި ހީޓްމެޕްތަކުގެ އަލީގައި ރާއްޖޭގެ ނޫ އިޤްތިޞާދުކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށާއި، މެރިން ސްޕޭޝަލް ޕްލޭނިންގެ މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތު ލިބިގެންދާނެއެވެ.

"ހިމާޔަތް ކުރަން ޖެހޭ ސަރަޙައްދުތައް ދެނެގަތުމުގައި އަޅުގަނޑުމެންގެ އަމާޒަކީ އެއީ ތިމާވެށީގެ ގޮތުން ފާހަގަކޮށްލެވޭ ސަރަހައްދުތަކެއްތޯ ބެލުން. މިސާލަކަށް، ވަކިން ހާއްސަކޮށް ފަރުތަކުގެ ދިރުން ރަނގަޅު، ވިލުންވެރި ސަރަހައްދުތައް، ނުވަތަ ވަކިދުވަސްވަރުތަކުގައި ބައެއްބާވަތުގެ މަސްމަހާއިމެހި ބިސްދޫކުރުމަށް ޖަމާވާ ސަރަހައްދުތައް. މިތަންތަނަކީ ހިމާޔަތް ކުރެވިއްޖެނަމަ އޭގެ ސަބަބުން ވަށައިގެންވާ ސަރަހައްދުތަކަށް އެކަމުގެ ފައިދާ ކުރާނެ ތަންތަން. އެހެންނަމަވެސް މިމަސައްކަތުގައި ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ ފަރާތްތަކުގެ ބަހެއް އޮތުން މުހިއްމު. މިފަރާތްތަކުން އެކި ސަރަހައްދުތައް ބޭނުންކުރަނީ ކިހިނެއްތޯ އެނގެން އަޅުގަނޑުމެން ބޭނުން" ނޫ ރާއްޖޭ ގެ ސައިޓް މެނޭޖަރ ފާޠިމަތު ނިސްތަރަން ވިދާޅުވިއެވެ.

ނޫ ރައްޖެއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ އިސްނެގުމާއެކު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓޫރިޒަމް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އަދި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ހިމެނޭ ގޮތަށް ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ ވެއިޓް އިންސްޓިޓިއުޓް، ވެއިޓް ފައުންޑޭޝަން، ނެޝަނަލް ޖިއޮގްރަފިކް ޕްރިސްޓީން ސީސް، ސްކްރިޕްސް އިންސްޓިޓިއުޝަން އޮފް އޯޝަނޯގްރަފީ، ސީސްކެޗް، އެންވަޔަރަންމަންޓަލް މާކެޓްސް ސޮލިއުޝަންސް ލެބް، ޔޫސީ ސަންޓާ ބާބަރާ، ޔޫސީއެލްއޭ އިންސްޓިޓިއުޓް އޮފް ދަ އެންވަޔަރަންމަންޓް އެންޑް ސަސްޓެއިނަބިލިޓީ، އަދި މިނޫންވެސް އެހެނިހެން ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.