މަސްތުވާކެތީގެ ވިއުގައެއް ހިންގާ ކަމަށް ބުނާ އަށް މީހުންގެ ތެރެއިން ހަ މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
މިއީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު މާލޭގެ ހަ ގެއެއް ބަލައިފާސްކޮށް ނުވަ ކިލޯގެ މަސްތުވާކަތި ފުލުުހުން އަތުލައިގަތުމަށް ފަހު ދައުވާ އުފުލި އަށް މީހެކެވެ.
މި ގެތަކުން ފުލުހުން ވަނީ މަސްތުވާތަކެތި ޕެކްކޮށް ބަންދު ކުރާ މެޝިނަކާއި 4.6 މިލިއަން ރުފިޔާ ހޯދައިފައެވެ. މި ފައިސާއަކީ އޭގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ފުލުހުން ބުނެއެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި ދައުވާ ސާބިތުވީ ކަމުގައި ނިންމީ ދެ މީހެއްގެ މައްޗަށް އެކަނި ކަމަށެވެ. ދެން ތިބި ހަ މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ނިންމައި ދޫކޮށްލަން އަމުރު ކުރިއެވެ.
ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު "ވަގުތު" އަށް ވިދާޅުވީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށެވެ. އެ ހަ މީހުންނާއި ވެސް މަސްތުވާކެތީގެ ވިޔަފާރީގެ ކުށް ގުޅުވާލެވޭނެ ކަމުގައި ދައުލަތުން ގަބޫލު ކުރައްވައެވެ.
މި މައްސަލައިގައި ފަސް މީހެއްގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލިއެވެ. ތިން މީހެއްގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމައި ބައިވެރިވި ކަމުގެ ދައުވާ އުފުލިއެވެ. މީގެ ތެރެއިން ދައުވާ ސާބިތުވާ ޓްރެފިކް ކުރުމުގެ ދައުވާ އުފުލި ދެ މީހެއްގެ މައްޗަށެވެ.
ޓްރެފިކިންގެ ދައުވާ އުފުލި މީހުން
- ގދ. ހޯނޑެއްދޫ، އަލޯއާ، އަރުޝަދު ޚާލިދު
- ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިން
- މއ. ވައިލެޓްމާގެ، އަސްލަމް ނާޒިމް
- ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު
- ލ. ކަލައިދޫ، މަތަރަސްމާގެ، ހުސައިން ޒަހީން
ޓްރެފިކިންގައި ބައިވެރިވިކަމުގެ ދައުވާ އުފުލި މީހުން
- ގދ. ހޯނޑެއްދޫ، މެޓްރިޓްހައުސް، އަހްމަދު ގިޔާސް
- މ. ދާރުލްގަރާރު، އިސްމާއީލް ވިޝާމް
- ޅ. ނައިފަރު، މިސްކިތްދޮށުގެ، އަހްމަދު އިމްސާހް
ދައުވާ ސާބިތުވެ ހުކުމް ކުރި މީހުން
- ލ. ކަލައިދޫ، މަތަރަސްމާގެ، ހުސައިން ޒަހީން
- މއ. ވައިލެޓްމާގެ، އަސްލަމް ނާޒިމް
ދައުލަތުން ދައުވާ އުފުލާފައިވާ އަށް މީހުން ވެސް އެކަކު އަނެކަކަށް ފޯނުން ގުޅާފައި ހުރި ކަމާއި މެސެޖް ކޮށްފައިވާ ކަމަށް ކޯޓުގައި ދައުލަތުން ވިދާޅުވެފައިވެއެވެ. އެކަކު އަނެކަކުގެ ފޯނުގައި ނަންބަރު ވެސް ސޭވް ކޮށްފައިވާ ކަމުގައިވެއެވެ. އަދި ޑްރަގް ޕެކްކޮށްފައިވާ ތާރީޚުގެ މެސެޖްތައް ވެސް ހިމެނެއެވެ.
މީގެ އިސް މީހެއް ކަމަށް ދައުލަތުން ވިދާޅުވާ އަރުޝާދުގެ އަތުން ފެނުނު ތަޅުދަނޑިން، ފުލުހުން ބަލައިފާސްކުރި ގެތަކުގައި ހުރި ތިޖޫރީތައް ހުޅުވޭ ކަމާއި، އަރުޝަދުގެ ފޯނުގައި މަސްތުވާތަކެތީގެ ވިޔަފާރީގެ ހިސާބުތަކާއި ނޯޓުތައް ހުރި ކަން ދައުލަތުން ފާހަގަ ކުރައްވައެވެ.
މި ހެކިތަކާއި ނުކުތާތަކާއެކު ވެސް، ފުލުހުންގެ ތަހުގީގު ހިންގި ގޮތް ނުބައިވުމުންނާއި މައްސަލަ ސާބިތުވާ ވަރަށް އެ ތަކެއްޗާއި މި މީހުނާއި ގުޅުވައިދެވޭ ވަރުގެ ކަމެއް ދައުލަތަށް ފާހަގަ ނުކުރެވޭ ކަމަށް ނިންމައި ދޫކޮށްލަން ކޯޓުން ހުކުމް ކުރީއެވެ.
އެކުދިންގެ މޫނުމަތިން ފެންނަނީ އުފާވެރިކަން! ހާސްކަމެއް ނެތް. ތިކަމަށް ފައިސާހަރަދު ކުރާމީހުން ހޯދިގެން ތިކަން ހުއްޓޭނީ!