މޫސަ އަލި މަނިކު (މޫކޭ) ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު މަމްދޫހު ގޮވާލައިފިއެވެ.

މަމްދޫހު މިފަދައިން ގޮވާލާފައިވަނީ ސަރުކާރު އިދިކޮޅު ކޯލިޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާއްވަން އުޅުނު ޖަލްސާ ނުބޭއްވޭނެ ކަމަށް އެޗްޑީސީން ނިންމުމާއި ގުޅިގެން ސިޓީ ކައުންސިލުން އެޗްޑީސީއަށް ރަޖިސްޓްރީ ކޮށްދީފައިވާ ހުޅުމަލޭ ބިމުގެ ރަޖިސްޓްރީ ބާތިލު ކުރަން ނިންމުމާއި ގުޅިގެން މޫކޭ ކުރެއްވި ޓުވިޓާއި ގުޅިގެންނެވެ.

އެޓުވިޓުގައި މޫކޭ ވިދާޅުވީ، ޕާޓީއެއްގެ ޖަލްސާއެއް ނުބޭއްވިގެން ކުންފުންޏެއްގެ މިލްކު ފޭރިގަތުމަކީ ބޮޑު ޖަރީމާއެއް ކަމަށާއި އެކަން ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އެކަމާއި ގުޅިގެން މަމްދޫހު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ނުފޯރާފޮތިން ފޫގެޅުމަކީވެސް ޖަރީމާއެއް ކަމަށާއި މޫކޭ ޖެހެނީ ސަރުކާރު ހިމާޔަތް ކުރަން ރައީސް އޮފީހުގައި ހުރެގެން ޓުވިޓު ކުރަން ކަމަށެވެ.

"ނުފޯރާފޮތިން ފޫގެޅުމަކީވެސް ޖަރީމާއެއް އިނގޭތޯ.ޤާބިލް ބޭފުޅަކާ އެމްޑީ ކަން ހަވާލު ކުރައްވާފައި, RDC ގެ އެމްޑީކަމުން އިސްތިއުފާ ދެއްވާ, ސަރުކާރު ހިމާޔަތް ކުރަން ޓްވީޓް ކުރައްވަން އިންނަވަން ވީނޫންތޯ ރައީސް އޮފީސްގައި. އެހެން ކަމެއް ކުރައްވާކަށް ވަގުތެއްނެތެއްނޫންތޯ؟" މަމްދޫހު ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

އެޗްޑީސީން ކުރިން ބުނި ގޮތުގައި ހުޅުމާލޭގެ ބިމަކީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ހިއްކާފައިވާ، އަމިއްލަ ބިމެއް ކަމަށެވެ. އެ ކުންފުންޏަކީ ގާނޫނީ ގޮތުން މުދާ މިލްކުކުރުމުގެ ހައްގު ލިބިފައިވާ ވަކި ޝަހުސަކަށްވީ ހިނދު، އެ ކުންފުންޏަށް ލިބިފައިވާ ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ބާތިލުކުރަން ސިޓީ ކައުންސިލުން ނިންމީ ގާނޫނު އަސާސީއާ ވެސް ހިލާފަށް ކަމަށް ބަޔާނުގައިވެއެވެ.