2015 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ބ.ތުޅާދޫ ދޮންވެލިގޭގެ ކޮޓަރިއެއްގެ ފާހާނާތެރެއަށް ވިހެއުމަށްފަހު ފާހާނާގެ އިރު ދެކުނު ކަނުގައި ހުރި ފެންހިނދާ ވަޅުގަނޑެއްގެ ތެރެއަށް ވިހޭ އަންހެން ދަރިފުޅު ލައި، ދަރިފުޅު މަރާލި މައްސަލައިގައި ބ.ތުޅާދޫ ހުދުއަސުރުމާގޭ ފާރިހާ އަބްދުއްރަހްމާންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކުގައި މިއަދު ހުލާސާ ބަޔާން އިއްވާ ނިންމާފައިވާއިރު، ދެން އޮންނަ ޝަރީއަތެއްގައި ހުކުމް އިއްވާނެ ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއްޖެއެވެ.

ބ.ތުޅާދޫ ހުދުއަސުރުމާގޭ ފާރިހާ އަބްދުއްރަހްމާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، އިންސާނާގެ ފުރާނައިގެ އެއްވެސް ފަރުވާލެއް ނެތްކަން ދައްކުވައިދޭ ހާލަތެއްގައި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމާއި، މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުން އަދި ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި، ދަރިންނަށް އަޅާނުލައި ދޫކޮށްލުމުގެ ދައުވާއެވެ.

މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި މި ތިން މައްސަލައިގައި ދައުލަތުން އަދި ފާރިހާގެ ފަރާތުން ހުލާސާ ބަޔާން އިއްވާފައިވެއެވެ.

މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ މި ކުށްތަކުން ބަރީއަވުމަށްޓަކައި ފާރިޙާގެ ފަރާތުން ހުށަހެޅި ހަމައެކަނި ހެކި ކަމަށްވާ ފާރީހާގެ "ސައިކޮލޮޖިކަލް ރިޕޯޓް" ތައްޔާރުކުރި ފަރާތް ކޯޓަށް ހާޒިރުކޮށް ހެކިބަސް ނެގުމާއި ހުލާސާ ބަޔާން އިއްވުމަށެވެ. އެ ރިޕޯޓް ތައްޔާރުކުރި ފަރާތް ކޯޓަށް ހާޒިރު ކުރުމަށް ޝަރީއަތުން ދިފާއަށް ދިން އެންމެ ފަހު ފުރުޞަތުގައިވެސް (މިއަދު) އެ ރިޕޯޓް ތައްޔާރުކުރި ފަރާތް ކޯޓަށް ހާޒިރު ކުރެވިފައި ނުވާތީ ގާޒީ ނިންމެވީ މިއަދު މި މައްސަލައިގައި ހުލާސާ ބަޔާން އިއްވުމަށެވެ.

ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލުން ވިދާޅުވީ، މި މައްސަލައިގައި ތަހްޤީގަށް ޤާނޫނީ ވަކީލެއްގެ ހާޒިރުގައި ފާރިޚާ ދީފައިވާ ބަޔާނުގައި ކުށަށް އިއުތިރާފްވުމަށްފަހުގައި، ކްރިމިނަލް ކޯޓުގައި ދައުވާއަށް އިންކާރު ކޮށްފައިވީ ނަމަވެސް، ދައުވާއަށް އިންކާރު ކުރައްވާ ސަބަބު ތަފްސީލު ގޮތެއްގައި ހާމަކޮށްފައި ނުވާ ކަމަށެވެ. އަދި ބަޔާނަށް އިންކާރު ކުރި ނަމަވެސް ސްޕްރީމް ކޯޓުގެ ނިންމުންތަކަށް ބަލާއިރު، މިބާވަތުގެ މައްސަލަތަކުގައި ތަހްޤީގުގައި އިއުތިރާފްވެ ދީފައިވާ ބަޔާނަށް ބާރުލިބޭ އިތުރު ހެކި ޤަރީނާ ހުރި ކަމަށްވާނަމަ ތަހްޤީގަށްދިން ބަޔާނަށް ރިއާޔަތްކުރަން ޖެހޭކަމަށްވެސް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

ހާދިސާ ހިނގިތާ ދެ ދުވަސް ފަހުން 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހު ފާރިޙާގެ މަންމައަށް ފާހާނާގެ ފެންހިނދާ ވަޅުގަނޑުން މަރުވެފައިވާ ކުއްޖަކު ފެނުމުން އެކަމާ މެދުގައި ފާރިހާއާ ސުވާލު ކުރުމުން އެއީ ފާރިޙާގެ ދަރިއެއް ކަމަށް ބުނެފައިވާ ކަމަށް މި މައްސަލައިގައި ހެކިބަސް އަދާކުރަމުން ފާރިހާގެ މަންމަ ބުންފައިވާކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

މީގެ އިތުރުން މި ހާދިސާގެ ފަހުން އެރަށު ސިއްޚީމަރުކަޒުގައި ފޫޅުމާ ފޯމު ފުރުމަށް މައުލޫމާތު ދެމުން ވިހެއީ އަންހެން ކުއްޖެއް ކަމަށާއި، އެ ތުއްތު ކުއްޖާ ރުއި ކަމަށް އަދި ދެފަހަރަކު ނޭވާ ލީކަމަށް ފާރިޙާ ބުނިކަމަށްވެސް ބައެއް ހެކިވެރިން މި މައްސަލައިގައި ހެކިބަސް ދީފައިވާކަމަށް ދައުލަތުން ހުލާސާ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ހެކިބަސް ދިން ފުލުހުން ބުނެފައިވަނީ، ފާރިޙާ ދިރިއުޅުނު ކޮޓަރީގެ ފާހާނާ މުށިގަނޑުމަތިން ލޭ ފެނިފައިވާ ކަމަށާއި، ފާރިހާގެ ކޮޓަރިން ލޭ ހޭކިފައިވާ ރަތް ކުލައިގެ ޖަންގިޔަލަކާއި، ޖިންސެއްގެ އިތުރުން ފާރިޙާ ނިދާ އެނދުގެ ދަށުން ބޭނުންކޮށްފައިހުރި ޕެޑް ފެނިފައިވާ ކަމަށެވެ.

މި މައްސަލައިގައި ހެކިބަސް ދެމުން ފާރިހާ އަދި ދަރިފުޅު ބެލި ޑޮކްޓަރު ބުނެފައިވަނީ ފާރިޙާ ވިހާފައިވަނީ ދުވަސް ފުރާ ކަމަށާއި، ވިހޭ ކުއްޖަކީ ޞިއްޙަތު ރަނގަޅު ކުއްޖެއް ކަމަށް އަދި ވެހޭއިރު ކުއްޖާ މަރުވެފައިވާކަމުގެ އެއްވެސް ނިޝާނެއް ދަރިފުޅުގެ އަދި ފާރިހާގެ ކިބައިން ފެނިފައި ނުވާ ކަމަށެވެ. އަދި ވިހޭއިރު ކުއްޖާ ދިރިހުރިކަމަށް ޑޮކްޓަރު ކައިރީ ފާރިޙާ ބުނެފައިވާ ކަމަށްވެސް ހެކިބަސް ދީފައިވެއެވެ.

ވިހޭއިރު އެތަނުގައި ހުރި ހަމައެކަނި މީހަކީ ފާރިހާ ކަމަށްވެފައި، ދަރިފުޅު ފޮރުވަން މަސައްކަތް ކޮށްފައިވާތީއާއި، ޖެހިގެން އައި ދުވަހު ކަމެއް ދިމާވެފައިވާކަންވެސް ނާންގައި އުޅެ، ޖެހިގެން އަދި ދވަހުގެ ރޭ މިއުޒިކް ޝޯ ބަލަންގޮސް އުޅެފައިވާތީ މަރު ފޮރުވުމުގައި ފާރިހާގެ ނުރަނގަޅު ނިޔަތް އޮތަކަމަށް ބެލެވޭނެ ކަމަށްވެސް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތުން ވިދާޅުވީ، މި މައްސަލައިގައި ކުރިއަށް ދިއުމުގެ އަހުލިއްޔަތު ނެތްކަން ސާބިތު ކުރުމަށްޓަކައި ފާރިޙާގެ ފަރާތުން ހުށަހަޅާފައިވާ ހަމައެކަނި ހެކި ކަމަށްވާ "ސައިކޮލޮޖިކަލް ރިޕޯޓް" ގެ ޞައްޚަކަން ސާބިތު ކުރުމަށް ހަބީރަކު ކޯޓަށް ހާޒިރު ކޮށްފައި ނުވާ ކަމަށާއި، ރިޕޯޓާމެދު ދައުލަތުން ސުވާލު އުފައްދާއިރު ހަބީރަކު ހާޒިރުކުރަންޖެހޭނެ ކަމަށެވެ.

ހުލާސާ ބަޔާން އިއްވަން ފާރިޙާއަށް އެރުވި ފުރުޞަތުގައި އެންމެ ފުރަތަމަ ފާރިޙާގެ ވަކީލު ވިދާޅުވީ، "ސައިކޮލޮޖިކަލް ރިޕޯޓް" ގެ ޞައްޚަކަން ސާބިތު ކުރުމަށް ކޯޓަށް ހާޒިރު ކުރުމަށް ނިންމާފައިވާ ޑރ.ނާޒް މިވަގުތު ރާއްޖޭގައު ނެތުމުން އަދިވެސް އޭނާ ހާޒިރުކޮށް ހެކިބަސް ނެގުމަށް ފުރުޞަތަކަށް އެދޭ ކަމަށެވެ. އަދި ފާރިޙާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ ނުރުހުމުގައިކަމާމެދު ދައުލަތުން ސުވާލު އުފައްދާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ހުލާސާ ބަޔާން އިއްވަމުން ފަރިޙާގެ ވަކީލް ވިދާޅުވީ، ދައުލަތުން އުފުލާފައިވާ ތިން ދައުވާއަށްވެސް ފާރިޙާ އިންކާރު ކޮށްފައިވާނެ ކަމަށާއި، އެއްވެސް ދައުވާއެއް ޝައްކެއް ނެތް މިންވަރަށް ސާބިތުވާވަރަށް ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާކަމަށާއި، ހާއްޞަކޮށް ފާރިޙާގެ ދަރިދުޅު ނިޔާވީ ވިހެކުމުގެ ކުރިންކަން ނުވަތަ ވިހެއުމަށްފަހުގައިކަން ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ.

ފާރިޙާ ވިހޭ ކުއްޖާ ވިހެއުމުގެ ކުރިން ނިޔާވެފައިވާކަމަށް ޝަރީއަތުގައި ފާރިޙާ ބުނެފައިވާ ކަމަށާއި، ޞިއްޙީ ހާލަތު ގޯސް ވަގުތެއްގައި ހެލްތު ސެންޓަރުގައި އޮއްވާ އެތަނުގެ މުވައްޒަފުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ފާރިހާ ބުނެފައިވާ ބުނުމަކަށް މައްސަލަ ސާބިތު ނުކުރެވޭނެ ކަމަށްވެސް ފާރިހާގެ ވަކީލް ވިދާޅުވިއެވެ.

ފާރިޙާ ބަލިވެ އިނދެފައިވަނީ މީހެއްގެ ޖިންސީ އަނިޔާގެ ސަބަބުން ކަމަށާއި ފާރިހާ ވިހޭ ކުއްޖާގެ ބައްޕައަކީ ކާކުކަން (ފާރިޙާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބިދޭސީއެއް) ތަހްޤީގުގައި ފާރިޙާ ފުލުހުންނަށް ކިޔައިދީފައިވާއިރު، ބައްޕަ އަކަށަވަރު ކުރުމަށް ފުލުހުން މަރުވި ކުއްޖާގެ ޕޯސްޓްމޯޓަމް އަދި ޑީއެންއޭ ޓެސްޓްތައް ހަދާފައި ނުވާ ކަމަށް އަދި ދައުލަތުން ފާރިޙާއަށް އަޅާލާފައިވެސް ނުވާ ވަކީލް ވިދާޅުވިއެވެ. މީގެ އިތުރުން ކުށް ސާބިތު ކުރުމަށްޓަކައި ފާރިހާ ކުރި ފަރުވާކުޑަވުމުގެ އަމަލެއް ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާކަމަށާއި، ދަރިންބެލުމުގައި އިހުމާލުވެފައިވާކަންވެސް ދައުލަތަށް ސާބިތުކޮށް ނުދެވޭކަމަށް ފާރިހާގެ ވަކީލް ވިދާޅުވިއެވެ.

ހަމައެއާއެކު ފާރިހާ ދަރިފުޅު މަރާލުމަށްފަހު ސިއްރު ކުރަން މަސައްކަތް ކޮށްފައިވާކަމަށް ބުނި ނަމަވެސް އެގޮތަށް އެކަން ހިނގާފައި ނުވާކަމަށް ފާރިހާގެ ވަކީލު ވިދާޅުވިއެވެ. ވަކީލް ވިދާޅުވީ، ފާރިހާ ވިހޭތާ 24 ގަޑިއިރު ވީއިރުވެސް ތުއްތު ކުއްޖާ އޮތީ ފާހާނާގެ ތެރޭގައި ކަމަށާއި، ލޭ ހޭކިފައިހުރި ތަނެތިވެސް ކޮޓަރީގައި ހުރިގޮތަށް ހުރި ކަމަށް އަދި ވިހެއުމަށްފަހު އެކަންކަން ފޮރުވަން ވަގުތާއި ފުރުޞަތު ލިބުނު ނަމަވެސް އެއިން އެއްވެސް ކަމެއް ފާރިޙާ ކޮށްފައި ނުވާކަމަށެވެ.

ފާރިހާގެ ވަކީލް ވިދާޅުވީ، ފާރިޙާގެ އަމަލުތަކަކީ ހަމަ އިންސާނަކު އަމަލުކުރާނެ ގޮތްތަކެއް ނޫންކަން ހަމަބުއްދިން ވިސްނާލުމުންވެސް އެނގޭ ކަމަށާއި، ހާދިސާ ހިނގާފައިވަނީ ފާރިޙާއަށް ލިބިފައިވާ ޖިންސީ ގޯނާތަކުގެ ސަބަބުން ނަފްސާނީ ބަލިމަޑުކަމުގެ ތެރޭގައި ބުއްދިއަށް އުނިކަމެއް އައިސްފައިވާ ހާލަތެއްގައި ކަމުން މި ހާދިސާގައި ފާރިޙާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނުނިންމޭނެ ކަމަށް ހުކުމް ކޮށްދެއްވުން އެދޭ ކަމަށެވެ.

މިއަދުގެ ޝަރީއަތް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ، މި މައްސަލައިގައި ދައުލަތުން އަދި ދައުވާ ލިބޭ ބ.ތުޅާދޫ ހުދުއަސުރުމާގޭ ފާރިޙާ އަބްދުއްރަހްމާންގެ ފަރާތުން ހުލާސާ ބަޔާން އިއްވާ ނިމިފައިވާތީ، ދެން އޮންނަ ޝަރީއަތެއްގައި މި ތިން ދައުވާގެ ހުކުމް އިއްވަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އާމިނާފުޅު

    ކާކުގެ ދަރި އެއް. ސައްތައިން ސައްތަ މުސްލިމް ގައުމެކޯ ޔޯލަ

  2. ޙަބޭސް

    ފާރިހާއާއި ތިވަކީލުމީހާ އަައި ދެމީހުން އެެއްކޮޓަރިއެއްގައިތިބެ ދައްކާ މަންޒަރަަކަށް ހުކުމް ކުރެވިދާނެތަ؟

  3. ދައްޖާލު

    ހުންނަ ނުބައި ނުލަފާކަން ބަލާބަލަ، އެ ފުރާނައަށް އެހެން ހަދަން ހެޔޮ ވާނެތަ

  4. އިބިރިހިމާ ބެއްޔާ

    މައްސަލައެއް ނިންމަން 2 އަހަރު މަހުވެއި މިތިބީ މޮޅު ޤާޟީ ތަކެއް އުޅޭ ގައުމެއް

  5. ތުޅާދޫ ދަރިއެއް

    ފާރިހާ އަކީ ބުއްދިއުނި ކުއްޖެއްނޫން. މިހާރުވެސް އޭނާ ހަމަ ރަނގަޅު. އެކަމަކު ތި ކުރި ކުށަށް ތައުބާވުމުގެ ބަދަލުގައި އަދަބުން ރެކިގަތުމަށް އިތުރު ފާފާތަކެއް ތިޔަ ކުރަނީ މާތްﷲ އަށް ބިރުވެތި ވުމެއްނެތި... މިއަދު ސަލާމަތް ވެވިދާނެ... މާﷲ ގެ ދަރުބާރުގައި ނިޔާ އިއްވޭދުވަހު ފާރިހާއާއި ތިޔަބުނާ ވަކީލަކު އަދި ފާރިހާ ސަލާމަތް ކުރުމާށް އުޅޭ އާއިލާ މާﷲގެ ހަޟްރަތަށް ގެންދާނީ ކޮން މެޑިކަލް ރިޕޯޓެއްތޯ...

  6. އޭނާ

    އޭނާ އަމިއްލަ އަށް އެއްބަސްވީމަ

    ދެންކޮން ހެއްކެއްތަ؟ އަޖައިބުވާނެ