ރާއްޖެ އާއި ސައުދީ އަރަބިއްޔާގެ ގުޅުން ކުރިއަށް ވުރެ މިހާރު މާ ވަރުގަދަ ވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ، ޢަބްދުލްޢަޒީޒް ބިން ސަޢުދު ބިން ނާއިފް ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު، އާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ އާއި، އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ސަޢޫދީ ވަފްދުގެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވިކަމައްޓަކައި މަރުޙަބާ ވިދާޅުވެފައެވެ. އަދި، ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށް ހެޔޮއެދުންތަށް ރައްދުކޮށްދެއްވުމަށް ވެސް ރައީސުލްޖުމހޫރިއްޔާ ވަނީ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ ގެ އަރިހުން އެދިވަޑައިގެންފައެވެ.

ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތް އަޙުވަންތަ ގުޅުން ބިނާވެފައިވަނީ އިތުބާރާއި، އިޙްތިރާމްގެ މައްޗަށް ކަމަށާއި، މި ގުޅުން ރަސްމީ ސިފައެއްގައި ޤާއިމުކުރިތާ 40 އަހަރު ފުރެން ކައިރިވެފައިވާއިރު މިހާރު ދެޤައުމުގެ ގުޅުން ވަނީ ކުރިން ނުވާހާ ވަރުގަދަވެފައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގައި ވަރަށް ވަރުގަދަ އިޤްތިޞާދީ އެޖެންޑާއެއް ކާމިޔާބުކަމާއެކީ ކުރިޔަށް ގެންދަވާކަމުގައި ފާހަގަކުރައްވައި ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް މި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލި އަޅުއްވާލައްވާ ވާހަކަފުޅުދެއްކެވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ އަށް ރާއްޖޭގެ ސިޔާސީ މަސްރަޙުގެ މަޢުލޫމާތު ޙިއްޞާކުރައްވާ، މިކަމުގެ ސަބަބުން ޤައުމު އާރާސްތުކޮށް ހިންގުމުގައި ދިމާވާ ދަތިތަކުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ.

މިއަދުގެ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ ވަނީ ފަތުރުވެރިކަމާއި، ވިޔަފާރީގެ ދާއިރާގެ އިތުރުން އިސްލާމް ދީނާ ގުޅުންހުރި މުހިންމު މައްސަލަތަކާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މިގޮތުން އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައިވާއިރު، އިސްލާމް ދީނަކީ ޞުލްޙައަށް ލޯބިކުރާ، އެއްބަޔަކު އަނެއް ބަޔަކާ ގުޅޭ، އެކުވެރިކަމާއިއެކުގައި އުޅޭ ބައެއްކަން ހާމަކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ، ދުނިޔެއިން ޓެރަރިޒަމް ނައްތާލުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މިމޭރުމުން ވާހަކަފުޅުކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވީތީ، އިސްލާމީ އުއްމަތް ކުރިއެރުވުމުގައި އެންމެ އިސް ރޯލެއް އަދާކުރާ ޤައުމެއްގެ ގޮތުގައި ރާއްޖެއިން ބަލައިގަންނަ ޤައުމަކީ ސަޢޫދީ ޢަރަބިއްޔާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖެއަކީ ސަޢުދީ ޢަރަބިއްޔާގެ ގާތް އެކުވެރިއެއްކަމަށާއި، ދެޤައުމުގެ ގުޅުން ބަދަހިކުރުމަށާއި މިހާރު އޮތް އަޙުވަންތަ ގުޅުން ކުރިޔަށް އޮތްތާގައި އިތުރަށް ވަރުގަދަކުރުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ސަޢޫދީ ޢަރަބިއްޔާއިން އަބަދުވެސް އެހީތެރިވެ އެއްބާރުލުން ދެއްވާނެކަމުގައި ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސާބަހޭ ރައީސް ޔާމީން...ތިކަހަލަ ވެރިން އަހަރެމެން ބޭނުންވަނީ

  2. މުލައްދަނޑި

    ޝުކުރިއްޔާ ރައީސް ޔާމީން ގައުމާއިގެން ކުރިޔައް ވަޑައިގަންނަވާ ﷲ ގެ ރަހުމަތުން 2018 ކާމިޔާބު ކުރާނަން.