ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ބިލް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

އެ ބިލަކީ މިދިޔަ މަހު 29 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާގައި ފާސްކުރި ބިލެކެވެ.

މި އިސްލާހުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތައް، ކަމާގުޅޭ ގަވައިދާ އެއްގޮތަށް އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ، އެ އަތޮޅެއް ނުވަތަ އެ ރަށެއް ނުވަތަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންނެވެ.

މިކަމާއި ގުޅިގެން މިނިސްޓްރީއާއި ކަމާގުޅޭ އިދާރާތަކުން ކައުންސިލުތަކަށް ބޭނުންވާ ފައިސާއާއި ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމާއި މިކަންކަން ކުރިޔަށްގެންދާނެ ގޮތްތަކާއި އުސޫލުތައް މިކަމަށް ހަދާ ޤަވާއިދުގައި ހިމެނުމަށް މި އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ.

މި އިސްލާހުގައި "ރަށު ކައުންސިލު"، "ސިޓީ ކައުންސިލު" އަދި "އަތޮޅު ކައުންސިލު" މާނަކުރާގޮތް ހިމަނާފައިވެއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ބިލާއި ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިސްލާހުކުރަންޖެހޭ ގަވާއިދުތައް، އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި ހަދައި، ގެޒެޓުގައި ޝާއިއު ކުރަންޖެހެއެވެ.

ރައީސް މިއަދު ވަނީ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ބިލް ވެސް ފާސްކޮށްފައެވެ.

މި ގާނޫނުގައި ވެސް މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތައް ކަމާ ގުޅޭ ގަވައިދާ އެއްގޮތަށް އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ އެ އަތޮޅެއް ނުވަތަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލުން ކަމަށް ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަލަން ތުނޑު

    ތިކަންކުރެވޭނީ މަޖްލިހަށް..އިރުކޮލަކުން ހްޖަމެއްނުވާނެ ރީދޫމެންނަކަށް

  2. ގާނޫނު

    ހަހަހާ! ކަލޯ ކޮން ލާމަރުކަޒީ އެއް. މާލޭ ރައްޔިތުން ހޮވާފައިވާ އޮތް ކައުންސިލަކީ ތިމާގެ ޕާޓީ ނުވީމަ ،ބާރުތައް އަންބޮޑިކޮށްގެން ލަދުހަޔާތް ކޮބާތޯ ލާމަރުކަޒު ކިޔަންވެސް..ގާއިމު ލަދެއްހުރި ނަމަ މި ހެން ނޫޅޭނެ. މުޅި ގާނޫނު ފުޑާލާފައި ތި ކިޔަނީ ލާމރުކަޒޭ،،ކަލޯ ގާނޫނު އަރާހަމަކުރާނެ.