ތ. ތިމަރަފުށީގައި އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރައި ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ރާއްޖޭގައި އައިއީޑީއެއް ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަށް މީހުންގެ ތެރެއިން އެކަކު ޝަރުތުތަކާއެކު ދޫކޮށްލަން ނިންމައި ބާކީ ތިބި މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރި އަމުރު ކްރިމިނަލް ކޯޓުން މިއަދު ދަމަހައްޓައިފިއެވެ.

ނިރުބަވެރި އަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ހައްޔަރު ކުރި މީހުންނާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ކޯޓުން ޝަރުތުތަކާ އެކު ދޫކޮށްލަން ނިންމީ، ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒެވެ.

މި މީހުންގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު މުރާޖައާ ކުރުމަށް ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ މި މައްސަލައިގައި ހައްޔަރު ކުރި ދެން ތިބި ހަތް މީހުންގެ ބަންދަށް ލުޔެއް ދޭން ނުފެންނަ ކަމަށް ނިންމައިފައެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޮންމެ 30 ދުވަހަކުން ބަންދު ރިވިއު ކުރުމަކީ މިހާރު ކުރަން ޖެހޭ ކަމެކެވެ.

ދައުލަތުން ބުނެފައި ވަނީ މި މީހުން ދޫކޮށްލައިފި ނަމަ، އެމީހުންގެ ފަރާތުން ދައުލަތަށް ނުރައްކާވުމުގެ ފުރުސަތާއި ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމުގެ ބިރު އޮތް ކަމަށެވެ. އެކަމަކު، އަލީ މުނީޒް ދޫކޮށްލަން ނިންމީ މި ދެ ސަބަބު އޮތް ނަމަވެސް ސިއްހީ ސަބަބުތަކާ ގުޅިގެން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ އެދުމަކަށެވެ.

މި މައްސަލައިގައި ދިފާއީ ވަކީލުންގެ މައިގަނޑު ޝަކުވާއަކަށްވެފައި އޮތީ އެމީހުން ބަންދުގައި ބަހައްޓަން އެކަށީގެންވާ ހެކި ނެތް ކަމެވެ. އަދި އެމީހުން ބަންދުގައި ބެހެއްޓީ އިންޓަލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެ ރިޕޯޓަކީ ބައެއް ފަހަރު ހަގީގަތާއި ދޮގު މައުލޫމާތުގެ މައްޗަށް އެކުލެވޭ އެއްޗެއް ކަމަށް ވެސް ވަކީލުން ފާހަގަ ކުރެއްވިއެވެ. އެހެންވެ، މި މައްސަލައިގައި ދައުވާ ލިބޭ ހުރިހާ އެންމެން ވެސް ޝަރުތުތަކާ އެކު ނަމަވެސް ދޫކޮށްލަން ވަކީލުން ވަނީ އެދިވަޑައިގެންފައެވެ.

މައްސަލަ ބައްލަވާ ގާޒީ ނަދީމް ވިދާޅުވީ ތުހުމަތު ކުރެވޭ މީހުން ހެކި ނެތި ބަންދުގައި ބަހައްޓާ ކަމަށް ވަކީލުން ފާހަގަ ކުރެއްވި ނަމަވެސް ޝަރީއަތަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ތުހުމަތެއް ވުޖޫދުވާ މިންވަރަށް ހުރިހާ އެންމެންނާ ދެކޮޅަށް ހެކި ހުށަހެޅިފައިވާ ކަމަށެވެ. އެހެންވެ، ހަތް މީހުންގެ ބަންދަށް ބަދަލު ގެންނަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންނަކީ:

  • އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި/އަސްރަފީވިލާ
  • އަހްސަން މުހައްމަދު، ތ. ތިމަރަފުށި/އަސްރަފީވިލާ
  • އަލީ މުނީޒް، ތ. ތިމަރަފުށި/ކެނެރީގެ
  • މުހައްމަދު އާސިރު، ތ. ތިމަރަފުށި/އަސުރުމާގެ
  • އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ/ފެހިވިލާ
  • ޝަމާހް ޝަރީފް، ތ. ތިމަރަފުށި/ސައިމާ
  • އިބްރާހިމް ލޫތު، ނ. ކުޑަފަރީ/ރޯޒްމީޑް
  • އަބްދުﷲ އިމާދު، ރ. މަޑުއްވަރީ/ބީޗް ހައުސް

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ އަލީ މުނީޒް ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލަން އެދިވަޑައިގަތީ ސިއްހީ ސަބަބުތަކަކާ ގުޅިގެން ކަމަށެވެ. ޝަފީއު ވިދާޅުވީ އަލީ މުނީޒްގެ މެޑިކަލް ޗެކަޕެއް ހެދުމުން އައިޖީއެމްއެޗްގެ ޑޮކްޓަރުން ކަނޑައަޅާފައި ވަނީ އަލީ މުނީޒްގެ ހަށިގަނޑުގައި ޕޮޓޭސިއަމް އާދަޔާ ހިލާފަށް މަދުވުމުން ފުރާނައަށް ނުރައްކާވެފައިވާ ކަމަށެވެ.

އެހެންވެ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން އަލީ މުނީޒް ޝަރުތުތަކާ އެކު 100 ދުވަހަށް ދޫކޮށްލުމަށް ޝަފީއު އެދިވަޑައިގެންނެވިއެވެ.

އަލީ މުނީޒް އަށް ކުރި ޝަރުތުތައް:

  • ބަންދުން ދޫކޮށްލާފައި ހުންނަ އިރު ގާނޫނާ ހިލާފު ކުށެއް ނުކުރުން
  • ކޯޓަށް ހާޒިރުވާން ޖެހޭ ގަޑީގައި ކޯޓަށް ހާޒިރުވުން
  • ރޭގަނޑު 18:00 އިން ފެށިގެން ހެނދުނު 8:00 ގެއިން ބޭރުގައި ނޫޅުން
  • ކޮންމެ ދުވަހަކު އެންމެ ކައިރީ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުން
  • މާލެ އިން ބޭރަށް ނުދިއުން
  • ޓެރަރިޒަމްގެ ކުށްތަކުގައި ހިމެނޭ މީހުންނާ މުއާމަލާތު ނުކުރުން
  • ހެކި ބަސް ދޭނެ މީހުންނާ މުއާމަލާތް ނުކުރުން
  • ސިއްހީ ފަރުވާ ހޯދާ ކަމުގެ ލިޔުންތައް ކޮންމެ 15 ދުވަހަކުން އެއްފަހަރު ޕީޖީ އާއި ކްރިމިނަލް ކޯޓާ ހިއްސާ ކުރުން

ގާޒީ އަލީ ނަދީމް ވަނީ ދައުލަތުން އެދުނު ޝަރުތުތަކާއެކު، އަލީ މުނީޒް ބަންދުން ދޫކޮށްލުމަށް ކަމާބެހޭ ފަރާތްތަކަށް އަމުރު ކުރައްވައިފައެވެ.

މި މައްސަލައިގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ޝަރީއަތުން ވަނީ ދިފާއަށް ލިޔެކިއުންތައް ލިބިފައިވޭތޯ ކަށަވަރު ކުރައްވައިފައެވެ. އެގޮތުން ދިފާއީ ވަކީލުން ވަނީ ބައެއް ލިޔެކިއުންތައް ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ. ޝަރީއަތުން ވަނީ މަދުވާ ލިޔެކިއުންތައް ފާހަގަކޮށް، ލިސްޓެއް ހުށައެޅުމަށާއި ޑިސެމްބަރު 20 ގެ ކުރިން ލިސްޓު ހުށައެޅުމަށް އެދިވަޑައިގެންފައެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައެވެ.

މި އަށް މީހުންގެ މައްޗަށް ދައުވާ ކުރަނީ ނިރުބަވެރި ޖަމާއަތްތަކަށް ތާއީދުކޮށް އެކަމަށް ހިތްވަރުދީ ނިރުބަވެރި ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއް ކަމަށް ދައްކަން އުޅުމުގެ ތުހުމަތުގައެވެ.

އިސްލާމިކް ސްޓޭޓުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ކުރުމަށް ރާވައި އެކަމަށް ހިތްވަރުދީ ތިމަރަފުށީގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ އިސްފަރާތްތަކުން އޮޕަރޭޓްކުރާ "ނަސާހް 3" ދޯނި ތެރޭގައި އައިއީޑީ އެއް ތައްޔާރުކުރުމަށްފަހު އެ ގޮއްވާލައި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ތައްޔާރުކުރުވުމަށް ތައްޔާރީތައްވަމުން ދިއުމާއި ދަތުރު ދިއުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް ހަނގުރާމައިގެ އެކި އުކުޅުތައް ދަސްކޮށް ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެ ގޮތުން އެ ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރު ލިބޭފަދަ ކްލާސްތައް ހިންގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ދިއުމަކީ ވެސް އެ މީހުންނަށް ދައުވާކުރަން ފޮނުވި ސަބަބުތަކެވެ.

އޭރުގައި ފުލުހުން ވިދާޅުވި ގޮތުގައި އެ ދޯނީގައި އައިއީޑީއެއް ހަދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބުނު އިރު އެކަމަށް ބޭނުންކުރާ ބައެއް ސާމާނު ވެސް ދޯނިން ވަނީ ފެނިފައެވެ. އެގޮތުން ދޯނި އަޅާފައި އޮތް ސަރަޙައްދުގެ 10 މީޓަރު މޫދު އަޑިން ބަޑިބޭސް އެކުލެވޭކަމަށް ބެލެވޭ ކާޓްރިޖްތަކެއް ވެސް ފުލުހުންނަށް ވަނީ ފެނިފައެވެ.

މި މީހުން ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރަމުންދިއުމާއި ހަރުކަށި ފިކުރުގެ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ އިސް ފަރާތްތަކުގެ މައިގަނޑު މަގްސަދަކީ ފުލުހުން ވިދާޅުވި ގޮތުގައި އައިއެސް ޖަމާއަތަށް ތާއީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި އެ މީހުން ލައްވާ ރާއްޖޭގައި ނިރުބަވެރި ހަމަލާތައް ދިނުމެވެ.