ކުއްޖާއާ ޝަރުޢީ އަދި ޤާނޫނީ ނުވަތަ އާއިލީ ގޮތުންވިޔަސް އެއްވެސް ގުޅުމެއް ނެތް މީހަކާއި އުމުރުން އެއްއަހަރުގެ ދަރިފުޅު ހަވާލުކޮށްފައި ބޭސްފަރުވާއަކަށް އެހެން ރަށަކަށް ދިޔަ ދިވެހި އަންހެނަކު އަނބުރާ ދަރިފުޅު ނުލިބިގެން 16 އަހަރު ވަންދެން ދަރިފުޅު ހޯދަން މަސައްކަތް ކޮށްފިއެވެ.

ހައިކޯޓުން މިހާރު ވަނީ ކުއްޖާގެ މަންމަ އާއި ދަރިފުޅު ހަވާލު ކުރަން ކުއްޖާ ބަލަހައްޓަމުންދާ މީހާގެ މައްޗަށް އަމުރު ކޮށްފައެވެ.

ހައިކޯޓުގެ ހުކުމުން އެނގޭ ގޮތުގައި ކުއްޖާ އެއްވެސް ގުޅުމެއް ނެތް މީހަކާއި ހަވާލު ކުރީ 2005 ވަނަ އަހަރު އެވެ. އޭގެ ފަހުން ދަރިފުޅު ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވުމުގެ އިތުރުން ކުއްޖާގެ މަންމަ އާއި ދަރިފުޅާއި ބައްދަލުވެފައި ވެސް ނެތެވެ. ކުއްޖާ ހޯދަން އެކި އިދާރާތަކަށް ހުށަހަޅައިގެން ކުރި މަސައްކަތް ކާމިޔާބު ނުވެފައި ވަނިކޮށް 2018 ވަނަ އަހަރު އެޗްއާރްސީއެމް އިން ކުއްޖާގެ މަންމަ އަށް އެންގީ ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ދިއުމަށެވެ.

ދެން ކުއްޖާގެ މަންމަ މައްސަލަ ހުށަހެޅީ އޭނާ އުފަން ރަށުގެ މެޖިސްޓްރޭޓް ކޯޓަށެވެ. އެކޯޓުން ހުކުމް ކުރީ ކުއްޖެއްގެ ޙަޟާނަތު ޙަވާލުކުރުން އެންމެ އިސްވެގެންވަނީ އެކުއްޖެއްގެ މަންމަ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައި ވާތީ އާއި ކުއްޖާއަކީ އޭނާގެ ކަންތައްތަކުގައި ހެޔޮ ރަނގަޅުގޮތް ނިންމޭވަރުގެ ކުއްޖަކަށްވާތީ ދަރިފުޅުގެ މަންމަ ދަރިފުޅުބަލައި ދިޔުމުން ކުއްޖާ ޞުލްޙަވެރިކަމާއި އެކު މަންމައާ އެކު އަންނަން ހުރިނަމަ އެކަމަށް އެއްވެސް ހުރަހެއް ނޭޅުމަށް ދަރިފުޅު ބަލަހައްޓަމުން ގެންދާ މީހާއަށް އަންގައި އަދި އޭނާގެ ފަރާތުން ވިޔަސް އަދި އެހެން ފަރާތަކުންވިޔަސް ކުއްޖާގެ ރުހުމުގައި މަންމަގާތަށް އަންނަންކުރާ މަސައްކަތަށް ހުރަހެއްއަޅާނަމަ އެކަން ހުއްޓުވައި އެ ދަރިފުޅުގެ މަންމަގެ ގާތަށް އާދެވޭނެ މާހައުލެއް ޤާއިމު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރާކަމަށެވެ.

ނަމަވެސް އެހުކުމް ގަބޫލުނުކޮށް ކުއްޖާގެ މަންމަ ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރީ ދަރިފުޅަކީ ޤާނޫނީ ގޮތުން ކުޑަކުއްޖެއްގެ ގޮތުގައި ހިމެނިގެންވުމަށް ރިޢާޔަތްކުރުމަކާއި ނުލައި އަދި ދަރިފުޅު ހުރި މާޙައުލަކީ ޝަރުޢީ އަދި ޤާނޫނީގޮތުން އެ ދަރިފުޅު ނިސްބަތްވާ މާޙައުލެއްކަމުގައި ނުވާއިރު އެކަމުގެ މައްޗަށް ރިޢާޔަތްކުރުމަކާއި ނުލައިކަމަށެވެ.

އޭގެ އިތުރުން މިއީ ހަޟާނާތު ހޯދުމުގެ މައްސަލައަކަށް ނުވާއިރު، އަދި ކުއްޖާ ބަލަމުން އަންނަނީ ކުއްޖާގެ ޝަރުޢީ އަދި ޤާނޫނީ ބެލެނިވެރިއަކަށް ވެސް ނުވާއިރު، މައްސަލަ ނިންމުމުގައި އާއިލާއާބެހޭ ޤާނޫނުގެ 12ވަނަ މާއްދާގެ އަށް ރިޢާޔަތްކޮށް، ކުއްޖާގެ މަޞްލަޙަތަށް މައްސަލަ ނިންމަވާފައިވަނީ ރަނގަޅަށް ނޫންކަމަށް ވެސް ކުއްޖާގެ މަންމަ ފާހަގަ ކޮށްފައި ވެއެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ކުއްޖާގެ ޝަރުޢީ ބަލަދުވެރިއެއް ނެތް ޙާލަތެއްގައި ކުއްޖާ އެހެންފަރާތަކާއި ޙަވާލު ކުރެވޭނެގޮތް ޤާނޫނީ ނިޒާމުގެ ތެރެއިން ކަނޑައެޅިފައިވާ ކަމަށެވެ. އެހެންނަމަވެސް މިހާރު ކުއްޖާ ބަލަމުންދާ މީހާ ކުއްޖާ ބަލަމުންދަނީ އެފަދައިން ކުއްޖާގެ ކަންކަން ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކުން ޙަވާލުކޮށްގެން ނޫން ކަމަށާއި މިއީ ކުއްޖާއާ ނަޞަބުގެ ގޮތުން ނުވަތަ އާއިލީ ގޮތުންވެސް އެއްވެސް ގުޅުމެއް ނުވާ ފަރާތެއް ކަން ވެސް ހައިކޯޓުން ފާހަގަ ކޮށްފައި ވެއެވެ.

ކުއްޖާ މިވަގުތު ހުރި މާހައުލަކީ ކުއްޖާގެ މަސްލަޙަތަށް އެންމެ ފައިދާހުރި ގޮތް ކަމަށް ބެލުމަކީ މީގެ ސަބަބުން އިޖުތިމާޢީ ގޮތުން ނޭދެވޭ ކަންތައްތަކަކަށް ފުރުސަތު ހުޅުވިގެން ހިނގައިދާނެ ކަމެއް ކަމަށް ވެސް ހައިކޯޓުން ބުނެފައި ވެއެވެ. ކުޑަކުދިންގެ ޒިންމާ އުފުލަންޖެހޭ ފަރާތެއްގެ ގޮތުގައި ކުއްޖާގެ މައިންބަފައިން ހިމެނިފައިވުމަކީ ކުޑަކުދިން އެއްވެސް ހަމައެއްނެތި މީހުންނަށް ދިނުމަށް ދެވިފައިވާ ހުއްދައެއް ނޫން ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

މެޖިސްޓްރޭޓް ކޯޓުގެ ހުކުމަކީ ޞައްޙަ ހުކުމެއްކަމަށް ކަނޑައެޅިއްޖެ ޙާލަތެއްގައި އެއްވެސް އުޞޫލެއް، ހަމައެއްނެތި، ޤާނޫނުންނާއި ދައުލަތުން ކަނޑައަޅާފައިވާ އުޞޫލުތަކުގެ ބޭރުން ކުޑަކުދިން ދިނުމާއި ކުދިން ވިއްކުމުގެ ޘަގާފަތެއް މުޖުތަމައުގައި އާލާވެ ދިއުންފަދަ ނުރަނގަޅު ނަތީޖާއެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

އެހެންކަމުން، މިމައްސަލައި ގައި ކުއްޖާ މަސްލަޙަތަށް ބަލައި ކުއްޖާ އިޚްތިޔާރުކުރުމަށް ފުރުޞަތު ދީފައިވަނީ އާއިލާއާބެހޭ ޤާނޫނާއި ގަވާއިދާއި އަދި ކުޑަކުދިން ޙައްޤުތަށް ރައްކާތެރި ކުރުމުގެ ޤާނޫނުގައި ކަނޑައެޅިފައިވާ ހަމަތަކާއެއްގޮތަށް ކުއްޖާގެ މަސްލަޙަތަށް އެންމެ ރަނގަޅަށް ރިޢާޔަތްކުރެވިގެންކަމަށް ޤަބޫލުނުކުރޭ ކަމަށް ހައިކޯޓުން ބުންޏެވެ.

ހައިކޯޓުގެ ތިން ފަންޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި އަމުރުކޮށްފައި ވަނީ ކުއްޖާ މިހާރު ބަލަހައްޓަމުންދާ މީހާ، ކުއްޖާ އެކުއްޖާގެ މަންމަ އާއި ހަވާލު ކުރުމަށެވެ.

ނޯޓް: މިހާރު ކުއްޖާ ބަލަހައްޓަމުންދާ މީހާގެ ނަމާއި، އޭނާ ދިރިއުޅެމުންދާ ރަށާއި، ކުއްޖާގެ މަންމަ ނިސްބަތްވާ ރަށް ވެސް ހައިކޯޓުގެ ހުކުމުގައި ހިމަނާފައި ވެއެވެ. ނަމަވެސް ކުއްޖާގެ މައުލޫމާތު ހާމަވެދާނެތީ އެމައުލޫމާތު ޚަބަރުގައި ނުހިމެނީއެވެ.

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހިމް

    އިންސާފަކީ އަވަހަށް ނިޔާކަނޑައެޅިގެން ގާއިމުވާނެ އެއްޗެއް. މި ހުކުމުން ކޮން އިންސާފެއް ގާއިމުވާނީ؟ ކުއްޖާގެ އުމުރުން އެއް އަހަރުގައި ލީ މައްސަލަ މި ނިމެނީ ކުއްޖާ ބޮޑުވީ ފަހުން. ދާން ހުރި މަގަކުން ކުއްޖާ ތަރުބިއްޔަތުވެ ނިމުނު ފަހުން.

    26
    1
  2. އައްޓަމަސް

    16 އަހަރުވަންދެން ދަރިފުޅު ބަލާބޮޑޫކުރީމައި މަންމައަށް ދަރިފުޅު ފެނުނީ! ކުއްޖާއަށް އިޚުރިޔާރުދޭންޖެހޭ ދާނެފަރާތެއް ނިންމުމަށް، 16 އަހަރުވަންދެން ކުއްޖަކުބެލުމަކީ ހާދަބޮޑުބުރައެކޭ، މިއަދު ދަރިފުޅު ބޮޑުވެފައި ހުރިމައި ބޭނުންވީތާ؟
    ނޫނީ 16 އަހަރުވަންދެން ދަރިފުޅު ހޯދަން އުޅެގެން ނުލިބުނީބާ؟ ވަރަށް ބައިވަރު ސުވާލު އެބަހުރި؟

    31
    5
  3. މޯހަން

    ބަލަ ޕޮލިސް އަށް މައްސަލަ ލާބަލަ ކިޑްނޭޕް ކޮށްފިޔޭ ކިޔާފަ

    33
    7
  4. ފުޖޭރާ

    އެއްވެސްގުޅުމެއްނެތް މީހަކަސް ތިވަރުގެ ކަމެއް ކުރާނީ ވަރައްބޮޑުސަބަބެއް އޮވެގެން ވީމާ ކުއްޖާ ހެޔޮގޮތުގަ ބަލާނަމަ އެފަރާތުގެ ބަހެއްވެސް އޮންނަން ޖިހޭނެ ހަމަ ތަނެއްގަ ކުއްޖަކުހުއްޓަސް މީހަކު ކާންބޯން އުނުއަންނައު ދީގެން ނުބަލާނެ ކުޑަކުއްޖަކުބެލުމަކީވެސް ކުޑަކަމެއްނޫން ވީމަ އަދި ގަބޫލްނުކުރެވޭ ގަބޫލްކުރަންދަތި އެތައްކަމެއް ތިމައްސަލާގަ އެބަހުރި

    81
    8
  5. މިކަންވެސް ބަލާބަލަ

    ޤާނޫނާ ހިލާފަށް ތިކަހަލަގޮތަކަށް އުތުރުގެ ރަށެއްގައިވެސް އެބަގެންގުޅޭ 7 އަހަރު ނުވާ ކުޑަކުއްޖެއް

    16
    4
  6. ރަދީފުލް ކުމާރު

    ބަލަ ރަށުމީހުންނަށް ވަކިވާންނު އެގަހުކޭލާ މިގަހުކެޔޮ. ތީ ވަރަށް ތާކުންނުޖެހޭ ކަންތައްގަނޑެއް.

    40
    2
  7. މަރިޔަމް

    ހަމަނުޖެހޭ ހުކުމެއް ، މަންމަ އާއި ހަވާލުކުރުމަކީ ގޯހެއްނޫން ، ނަމަވެސް 16 އަހަރުވަންދެން ބަލާ ބޮޑުވި މާހައުލާއި ގުޅޭގޮތުން ހުކުމްގައިވާ ކަންތައްތަކަކީ ތާކުންތާކުނުޖެހޭ ވާހަކަތައް ، ކުއްޖާ މިނިވަންކުއްޖަކަށް ވާން ބާކީ އޮތީ 2 އަހަރު ވީ އިރު 16 އަހަރުވަންދެން ކުއްޖާ އަށް ދީފައިވާ ރައްކާތެރިކަމާއި ކަންތައްތަކަށް ހުކުމްކުރާ އިރު ދިއުޅިއެއްނުވާ ވާހަކަ ފަނޑިޔާރުން ވިދާޅުވީމާ ޖޯކަކަށްވަނީ

    17
  8. ޤަބޫލެއް ނުކުރެވޭ

    މިޒަމާނުގައި މަންމަގެ ނުރުހުމުގައި، ހިލޭ މީހަކު 16 އަހަރު ވަންދެން އެދަރިފުޅު ބަލަހައްޓާނެ ގޮތެއް ހަމަ ނުވިސްނުނެވެ. ކޮންމެއަކަސް އެއީ އެކުއްޖާދެކެ އޭނަގެ މަންމަ އަށްވުރެ އެތައްގުނައެއް ލޯބިވާ މީހެއްކަން ކަށަވަރުވެއެވެ. މިޚަބަރުގެ އެއްވެސް ތަނެއްގައި ކުއްޖާއަށް އަނިޔާއެއް ލިބޭ ކަމުގެ ޝަކުވާއެއް ނެތެވެ. ހައްތާވެސް އޮތީ ޝަރުޢީ ގޮތުން ބަލަދު ނާރާ، ޢާއިލީ ގުޅުމެއްނެތް މީހެއްގެ ގާތުގައި ކުއްޖާ ހުރިކަމުގެ ޝަކުވާއެވެ. މަންމަ ދަރިފުޅުދެކެ ކުލުނެއް ހުރިނަމަ އެބުނާ ރަށަކުން އެނބުރި އައިސް ދަރިފުޅުނުލާ ގެއަކަށް ނުދިޔައީހެވެ. 16 އަހަރު ވަންދެން ކޮންމެ ރެއަކު ނުނިދުނީހެވެ. ފާއިތުވީ 16 އަހަރު ތެރޭ ދަރިފުޅާއި ފޯނުން ނަމަވެސް ގުޅުމެއް ބޭއްވި ހެއްޔެވެ؟ ބެލެވޭ ގޮތުގައި ތިވާނީ އަންހެން ކުއްޖަކަށެވެ. އަދި އެކުއްޖާވެސް މަންމަގެ ބެލުމުގެ ދަށަށް ދާން ބޭނުން ނުވަނީއެވެ. ދުޢާ އަކީ އެކުއްޖާއަށް ﷲގެ ޙަޟްރަތުން ރައްކާތެރި ކަމާއި، އުފާވެރިކަން މިންވަރު ކުރެއްވުމެވެ! އާމީން

    35
    1
  9. ށުމަން

    16 އަހަރު ވީ އިރު ޖެންޑަރަ ކިތައް މިނިސްޓަރުން އައިސް ގޮއްސި. ކޮންމެ ގޮތެއް ވިއަސް އާއިލީ ގުޅުމެއް ނެތް މީހަކާ ކުއްޖާ ހަވާލު ނުކުރެވޭނެ ޝަރުއީ ކޯޓަކުން ނުނިންމަނީސް

    12
    1
  10. ައާންމުން

    މަންމަގެ މާޒީވެސް ލިޔެލި ނަމަ

    25
    2
  11. ބަބޫ

    ބަލަގަ ދަރިފުޅު ހަވާލުކޮށްފައި ބޭސްފަރުވާއަކަށް ދިޔާމަ އަނބުރާ ދަރިފުޅު ނަގަން ނުޖެހޭ ކޯޓުއަމުރެއް އޮންނާކަށް. ހުރިތަނަކަށްވަދެ ގެންދަންވީ 16 އަހަރު ވަންދެން ކީއްތަ ތިކުރީ. މަނަމަ ދަރި ގެންދާނަން

    28
    2
  12. އަހަންމަދު

    ތިކުއްޖާގެ ބައްޕަ؟

    6
    2
  13. ޒަރީނާ

    އާއިލީ ގުޅުމެއނެއް މީހަކާ އުމުރުން އެންމެ އަހަރެއްވީތުއްތު ކުއްޖެއް ޙަވާލުކޮށްފަ ގޮސް 16 އަހަރުވަންްދެން ކުއްޖާ ނުގެންގޮސް ކުއްޖާ ބޮޑުވެ ތަސައްރަފް ފުދި ކުއްޖާގެ ފަރަތުން ފަސޭހަވާނެ ޢުމުރަށް ދިއުމުން ކުއޖާ ހޯދާކަަށްނޫޅޭނެ ރަނގަޅުމައެއް ތީގަ ދެން އެންމެ ރަނގަޅުގޮތަކީ ކުއްޖާ ދާން ބޭނުންމީހެއް ކައިރިއަށް ދިއުމުގެ ފުރުޞަތު ކުއްޖާއަށް ދިނުން

  14. ޙލީ

    ބަލަ އެކުއްޖާ ހޯދަން ގޮޮސްގެން ނުދީގެން އެކި އިދާރާތަކަށް ދުވެ ކޯޓުން މައްސަލަ ނިންމުމުގަ 16 އަހަރުވީ ކަމަށްވުމީވެސް އެކަށީގެންވާ ކަމެއް. ހައްޤާއި އިންސާފަކީ މިމުޖުތަމަޢުގަ ނިިކަމެތިންނަށް ލިބޭ އެއްޗެއް ނޫން. ޚާއްސަކޮށް އެކަނި ހުންނަ އަންހެނަކަށް. މުއްސަނދިންނާއި ބާރުހުރި މީހުންނަށް ނުހޯދޭނީ ކޯޗެއް. އެހެން މީހުންގެ މުދަލާ ގެދޮޜު ނުހައްޤުން ހޯދާ ބަޔަކު އެހެން މީހެއްގެ ދަރިޔަކު ބާރާއި ނުފޫޒުން މަންމައާއި ޙަވާލު ނުކޮށް 16 އަހަރު ގެނގުޅުނުވާހަކަ ބުނީމަ ކޮމެންޓް ކުރާ މިހުން ހައިރާން ވަނީ. މީ މިމުޖުތަމަޢުގަ ޢަދުލު އިންސާފް އޮތް މިންވަރު.