ތ. އަތޮޅު ތިމަރަފުށީގައި ކުޑަކުއްޖެއްގެ ލޮލަށް ވަޅިއެއް ހެރި، އެ ލޮލުގެ ފެނުން ގެއްލިދާނެ ކަމުގެ ބިރު ހީވެފައި ވާތީ އަވަސް ފަރުވާއަށް ރާއްޖެއިން ބޭރަށްް ދިއުމަށް އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ އިއްޔެ މެންދުރު އެވެ. އެ ވަޅި ހެރިފައި ވަނީ އުމުރުން ހަތަރު އަހަރުގެ އިބްރާހިމް ލައިޝާން މުހައްމަދުގެ ވައަތު ލޮލަށެވެ. އެ ހާދިސާ ހިނގުމާއެކު އޭނާ ގޮވައިގެން ދިޔައީ ތ. ވޭމަންޑޫއަށެވެ.

"އެއީ އަސްލު ތަޅުދަނޑި ގެއްލިފައިއިން ދޮރެއް ހުޅުވަން ވެގެން ކުޑަ ދެކުދިން މަސައްކަތް ކުރަނިކޮށް. ވަޅިއަކުން މި މީހުން ހުޅުވަން އުޅުނީ، ހުޅުުވުމުގެ ތެރެއިން ކުޑައަށް ހުރި ކުއްޖާ ތިރިން ލޯ ދިއްކޮށްގެން ހުއްޓާ ލޮލަށް ވަޅި ހެރުނީ". އާއިލާގެ ފަރާތުން "ވަގުތު"އަށް މައުލޫމާތު ދިން ލައިޝާންގެ މަންމަގެ ކޮއްކޮ އިހުސާނާ އިބްރާހިމް ބުންޏެެވެ.

އިހުސާނާ ބުނީ ވޭމަންޑޫން ލައިޝާން ޓެސްޓު ކުރުމަށްފަހު އަވަހަށް މާލެ ދިއުމަށް ޑޮކްޓަރުން ލަފާ ދިން ކަމަށެވެ.

"ކަޅީގެ މެދަށް އިންނަނީ ހުދު ކުލައިގެ ލައިނެއް ފެންނަން، އެކޮޅުން ބުނީ އެެތެރެއަށް ވެފައި ހުރި ގެއްލުމެއް ޓެސްޓު ކުރެވެން ނެތޭ، ރަނގަޅު ވާނީ މާލެ ދިޔައީމައޭ. ރޭ 6:30 ހާއިރު މާލެ އައީ". އިހުސާނާ ބުންޏެވެ.

މާލެ އައިސް ލައިޝާން ދެއްކީ އައިޖީއެމްއެޗްއަށެވެ. އަދި 12 ގަޑިއިރު ވަންދެން ނުކައި އޮވެ، ހޭނައްތާފައި ޓެސްޓުތައް ވަނީ ހަދާފައެވެ.

"ރޭ ނުވައެއް ޖެހިއިރު ޓެސްޓުތައް ހަދާފައި، ލޯ އޮޕަރޭޝަން ކުރީ، އެތަން ފެހީ، އެތަން ފަހާލާފައި ބުނީ މެދު ކަޅީގައި /ވަޅިން/ ޖެހިފައޭ އިނީ. އެގޮތަށް ވެފައި ހުރީމަ ލިބިފައި ހުރި ގެއްލުމެއް އެނގޭނީ މިއަދު ހެނދުނު ޓެސްޓުތަކުގެ ނަތީޖާ ލިބުނީމައޭ".

މިއަދު މެންދުރު ޑޮކްޓަރު ވަނީ އެ ޓެސްޓުތަކާއި ގުޅޭ ނަތީޖާގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އަނެއް ލޯ މަތީގައި އަތް އެޅުމުން އަނިޔާވި ލޮލުން ލައިޝާންއަށް ނުފެންނަކަން ޑޮކްޓަރަށް ވަނީ އެނގިފައެވެ.

ލޮލަށް ވަޅި ހެރުނު ލައިޝާންގެ ކުރީގެ ފޮޓޯއެއް - ފޮޓޯ: އާއިލާ

"ޑޮކްޓަރު ބުނެފައި މި އިންނަނީ ވޭ އެންެމެ އަވަހަކަށް ބޭރަށް ގޮސް ފަރުވާ ނުހޯދައިފިނަމަ ފެނުން ގެއްލިދާނެ ކަމަށް. ރާއްޖެ އިން އެ އޮޕަރޭޝަން ކުރާކަށް ނުފެނެއޭ، ޑޮކްޓަރުން ބޮޑަށް ލަފާ ދެނީ ރާއްޖެއިން ބޭރަށް ގޮސް އޮޕަރޭޝަން ކުރުމަށް، އިތުރު ކަމެއް ދިމާވިޔަސް ރާއްޖޭގައި ދެވެނޭ ފަރުވާއެއް ނެތީ ކަންނޭނގެ". އިހުސާނާ ބުންޏެވެ.

މިއާއެކު އާއިލާއިން މިހާރު ތިބީ މާޔޫސްވެފައެވެ. ރާއްޖެއިން ބޭރަށް ދާން ފައިސާގެ އެހީއަކަށް ބޭނުން ވެފައެވެ. އިހުސާނާ ބުނީ، ޑޮކްޓަރުންގެ ރަސްމީ ލިޔުން މިއަދު މެންދުރު ލިބޭނެ ކަމަށް ލަފާ ކުރެވޭއިރު، އެންސްޕާ އާއި އާސަންދަގެވެެސް އެހީތެރިކަމަށް އެދޭނެ ކަމަށެވެ.

ލައިޝާންގެ މަންމަގެ ފޯން ނަމްބަރު: 7211033 އެވެ.

ލައިޝާންއަށް އެހީވުުމަށް ފައިސާ ޖަމާ ކުރަންވީ އެކައުންޓް ނަމްބަރު:

7701157481101 ރުފިޔާ އެކައުންޓް

7730000268292 ޑޮލަރު އެކައުންޓް