ނިމިދިޔަ ނޮވެމްބަރު މަހު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 29 މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީން އާންމުކުރި ނޮވެމްބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އެ މިނިސްޓްރީ އަށް 184 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން 84 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކެވެ.

ކުޑަކުދިންނަށް ކޮށްފައިވާ އެކި އަނިޔާތަކުގެ ތެރޭގައި ޖިންސީ ހާނިއްކައިގެ 29 މައްސަލަ ހިމެނެއެވެ. އަދި އިހުމާލުވުމުގެ 21 މައްސަލައާއި، ޖިސްމާނީ ހާނިއްކައިގެ 17 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 06 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުން އަދި ފުރައްސާރައިގެ ޝިކާރައްކަށްވުމުގެ ފަސް މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ހަތަރު މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދެ މައްސަލަ ހުށަހެޅިފައިވެއެވެ.

މީގެއިތުރުން އާއިލީ މައްސަލަތަކުގެ 26 މައްސަލައަކާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 23 މައްސަލައަކާއި ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 17 މައްސަލައަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 11 މައްސަލައަކާއި ހައްގުތަކުން ކުޑަކުދިން މަހުރޫމު ކުރުމުގެ ފަސް މައްސަލައެއްގެ އިތުރަށް ޤާނޫނާއި ގަވައިދާ ހިލާފުވުމުގެ ފަސް މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ އަދަދަކީ 208 އެވެ. އޭގެ ތެރޭގައި ހިމެނެނީ 95 އަންހެން ކުދިންނާއި 113 ފިރިހެން ކުދިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސުންދުސީ

    މައްސަލަ ހުށަހެޅީމަ ކިހިނެއްވަނީ؟ވަކި ކަމެއްވޭތަ؟ޝީދާތާ ވަކިނުވެގެން ހީވަނީ އެހެންފަދަ ކަމެއްވެގެން އުޅޭހެން.ހީވީ އޭނަޔަކާހުރެ މައްސަލަތައް ހައލުނުވެގެންއުޅޫނުހެން.މިގައުމުގައޮތީ ބޮޑެތި ކުށްވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން.

  2. ހމމ

    ކުޑަކުދިންނަށް ދެވޭ ޖިންސީ އަދި ނަފްސާނީ އަނިޔާ ހުއްޓުވައިގެން ނޫނީ އެއްވެސް ތަނަަކަށް އެއްވެސް ޤައުމަކަށް ކުރިއެރުމެއް ނެތް. ބަލަގަ އެކުދިންނަކީއޭ މާާދަމާ މިޤައުމު ހިންގަން ތިބި ކުދިންނަކީ. އެކުދިންނަށް ލޯބިދީ އެލޯބި އެކުދިންގެ ފަރާތުން އެހެން މީހުންނަށް ދޭން ދަސްކޮށްދީގެން ނޫނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަން ދެން އަންނަ ޖީލުތަކުގެ ވެރިންގެ ކިބައިގަ ހަރުލައްވާނީ ކިހިނެތް؟ ވަރަށް ދެރަ ކަމެއް މީ...