އަންހެން ދަރިފުޅަށް ވަލީ ނުދޭން ވެގެން ފިލައިގެން އުޅޭ މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން، އެ އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ، އއ. ތޮއްޑޫ/ ޗާންދަނީމާގެ، ޙަސަން ވަޙީދު (40އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޙަސަން ވަޙީދު ހޯދަމުންދަނީ ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ވަލީ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޑިސެމްބަރު 23 ވަނަ ދުވަހުގެ 10:00 އަށް ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޙަސަން ވަޙީދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓަޑީގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

ތަފާތު މައްސަލަތަކުގައި ކޯޓަށް ހާޒިރު ނުކުރެވޭ މީހުން ހޯދަން ފުލުހުން އިއުލާން ކުރުމަކީ އާއްމު ކަމެކެވެ. ނަމަވެސް ވަލީ ނުދޭން ވެގެން ފިލައިގެން އުޅޭ މީހަކު ހޯދަން ފުލުހުން މީގެ ކުރިން އާއްމުކޮށް އިއުލާން ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖުލައި

    ހާކިމް ވަލީ ދިނީމަ ނިމުނީ

    17
    1
  2. Anonymous

    ކޯޓުން ވަލީ ދެވޭކަން މިސަރުކާރައް ނޭނގެނީތޯ...؟؟

    23
  3. ހުވަދޫ އަލިބެއްޔާ

    ގަދަކަމުން ވަލީ ނުނެގޭނެ.. މިފަދަ ކަންކަމަކީ ގަދަ ބަދަވިކަމުގައި ބަދެ ހައްޔަރުކޮށް އޮބި އަޅުވައިގެން ކުރަން އޮންނަ ކަންކަމެއް ނޫން.. މިގޮތަށް ވަލީ ނުދޭން އުޅޭ ޙާލަތުގައި ޙާކިމަށް އެކަން ކުރެވޭނެ ނޫންތޯ.. ދީނީ ޢިލްމުގެ އަޙުލުވެރިން މިކަން ސާފުކޮށްދޭން އެބަ ޖެހޭ..

    29
    1
  4. ވިސްނާ

    ކޮއިފުޅާ ހާސް ނުވޭ ތި ބައްޕަ ވަލީ ނުދިނަސް ކައިވެނި ކުރެވޭނެ، ސުވާލަކީ ކީއްވެތޯ ތި ބައްޕަ ފިލަންޖެހުނީ، ވަލީ ނުދޭނަމޭ ނުވަތަ ތިކައިވެނި ނުކުރެވޭނޭ ބުނެފަ ވޭތޯ، ކޮންކަހަލަ ބަފައެއް، މަންމަ ކައިރި ބުނޭ ބައްޕަ ކައިރިން ވަރިވާށޭ
    ދަރިން ގެ ހައްގުގަ

  5. ބޯހަލާކު

    މިހާރު ވަލީ ނުލިބިގެން ވިސްނާކަށް ނުޖެހޭނެ....ބައްޕަ ވަލީ ނުދީފިއްޔާ އަޅާނުލާ ކޯޓުން އެކަން ހަމަޖެހޭނެ.. ވަގުތު ސަލާމަތްވެފަ ފަސޭހަދޯ...

    6
    1
  6. ރަދީފުލް ކުމާރު

    މީހާދަ މަޖާ ޚަބަރެކޭ.

  7. ކަޅުބެ

    އޭނަ ކޯޓަށް ދަމާހަލާފަ ގެންދާކަށް ނުޖެހޭ މީގެ ކުރީގަވެސް ވަލީ ނުދިނީމަ ކޯޓުން ވަލީދޭ އިންސާނާގެ ކަރާމަތަށް ފުލުހުން އަރައި ނުގަތުމަށް އިލްތިމާސް ކުރަން.

    6
    1