މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާ އުފުލާފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ގެންނަން އިންޓަޕޯލްގެ އެހީއަށް އެދިފައިވާ ކަމަށް ފުލުހުން ބުނިތާ ދެ ހަފްތާވީއިރުވެސް އޭނާ ހައްޔަރުކުރަން ރެޑްނޯޓިސް ނުނެރެ އޮތްކަން ހާމަވެއްޖެއެވެ.

އަލީ ވަހީދު ހައްޔަރު ކޮށްގެން ރާއްޖެ ގެންނަން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރުނީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ. އަލީ ވަހީދު ކޯޓަށް ހާޒިރު ކުރުމަށް އަމުރެއް ނެރުމުން، އެމައުލޫމާތު އިންޓަޕޯލް އާއި ހިއްސާކޮށް އަލީ ވަހީދު ކޯޓަށް ހާޒިރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެ މައްސަލާގެ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށް ގުޅުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "އަލީ ވަހީދު މައްސަލައިގެ އިތުރު އަަޕްޑޭޓެއް" މި ވަގުތުު ނެތް ކަމަށެވެ. އަލީ ވަހީދު މިހާރު ދިރިއުޅެމުން ގެންދަނީ އިނގިރޭސިވިލާތުގައެވެ.

އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުނުވުމުން އޭނާގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި އޮތް ނަމަވެސް މިހާތަނަށް އަލީ ވަހީދު ހޯދަން ފުލުހުން އިންޓަޕޯލްގެ އެހީއަށް އެދިފައެއް ނެތެވެ.

އިންޓަޕޯލް ރެޑް ނޯޓިސް ނެރުނަސް، އަލީ ވަހީދު ރާއްޖެ ގެނެވޭނެ ކަމުގެ ޔަގީން ކަން ނެތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އިންޓަޕޯލް ވެސް ހިނގާނީ އެކި ގައުމުތަކުގެ ޖުރިސްޑިކްޝަންތަކުގައި އެކި ގޮތަށް ކަމަށެވެ. "އިންޓަޕޯލު ރެޑް ނޯޓިސް ނެރުމަކުންނެއް އަދި އެ މީހަކު ހައްޔަރުކޮށްގެން، އަޅުގަނޑުމެންގެ ޖުރިސްޑިކްޝަން ތެރެއަކަށް ނުގެނެވޭނެ،" ސީޕީ ހަމީދު ވިދާޅުވިއެވެ.

އިނގިރޭސިވިލާތަކީ ވެސް އިންޓަޕޯލްގެ 194 މެންބަރު ގައުމުގެ ތެރެއިން ގައުމެކެވެ. އިންޓަޕޯލްގެ ރެޑް ނޯޓިސް އާއި ގުޅިގެން އިނގިރޭސިވިލާތުން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދަނީ އެގައުމުގެ ނޭޝަނަލް ސެންޓްރަލް ބިއުރޯއިންނެވެ. ރެޑް ނޯޓިސް ނެރެފައިވާ މީހަކު އިނގިރޭސިވިލާތުން ހައްޔަރު ކުރެވިއްޖެނަމަ އެމީހަކު ހައްޔަރު ކުރަން ނޯޓިސް އަށް އެދުނު ގައުމު މެދުވެރިކޮށް ރެޑް ނޯޓިސް ފިޔަވައި އެހެން ކޯޓު އަމުރެއް ހޯދަން އިނގިރޭސިވިލާތުން އެދެއެވެ. އެއަމުރު ލިބެންދެން ރެޑް ނޯޓިސް ނެރެފައިވާ މީހާ އިމިގްރޭޝަން ސެންޓަރެއްގައި ބަންދު ވެސް ކުރެއެވެ.

އިނގިރޭސިވިލާތުގެ ގާނޫނުތައް ބުނާ ގޮތުން ރެޑް ނޯޓިސް ނެރެފައިވާ މީހަކު ހައްޔަރު ކުރަން އެގައުމެއްގެ ކޯޓަކުން އަމުރެއް ނެރެފައި ވާނަމަ، އެމީހަކު ހައްޔަރު ކޮށް، ނޯޓިސް ނެރެފައިވާ ގައުމަށް މީހަކު ފޮނުވާލުމަށް އެއްވެސް ހުރަހެއް ނޯވެއެވެ.

އެހެންކަމުން އަލީ ވަހީދު ހޯދަން ރެޑް ނޯޓިސް ނެރެފިނަމަ އިނގިރޭސިވިލާތުން އޭނާ ރާއްޖެ ފޮނުވަން އެއްވެސް ގާނޫނީ ހުރަހެއް ނޯންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އައްޑޫ މީހާ

    ހޫއް މިސަރުކާރުގެ ސައިޒް ފެނޭތަ؟ މިއީ ފިނޑި ތާކުންތާކު ނުޖެހޭ ސަރުކާރެއް ހެހެހެހެ އިންޑިއާ މިލިޓަރީ އައުޓް

  2. ަސދަސދ

    މުޅި ދައުލަތް އެއްމެ މީހެއްގެ ފަހަތުން އުޅޭއިރުވެސް ކާމިޔާބެއް ނުވި.

  3. މުހަންމަދު

    ސަރުކާރުގެ ވެރިންގެ ސޯޓު ބޭލިދާނެތީ އަލީ އާއި ކުޅޭކަށް ނުކުރޭނެ.

  4. އަހައްމަދޫ

    ތިޑްރާމާ ހުއްޓާލަން ވެއްޖެއެއްނު

  5. އުގުރި

    ތިޔަ ކަމުގައި ސަރުކާރު އޮތީ ބޭނި ހުސްވެފައި ދެނެއް އަލަކަށް ދައްކާނެ އެވެސް ބަހަނާއެއް ނެއް

  6. ސައި

    އަމުރު ނެރޭކަށް ނުޖެހޭ އަލީވަހީދު ނުކުރާކަމަކަށް ބެހުނުކަމަށްބުނާ މީހުން މާތްﷲ ގަންދީހުވާކޮއްބަލަ ތިޔައީ ބޮޑުރޭވުމެއް