ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ނިރުބަވެރިކަމުގެ އަމަލެއް ހިންގަން އުޅުމުގެ (ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ) ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

މިއަދު ހެނދުނަށް ތާވަލުކުރީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ޝަރީއަތަށް ހުށަހަޅަން ބާއްވާ އަޑުއެހުމެވެ. ކްރިމިނަލް ކޯޓުގެ މީޑިއާ އޮފީޝަލް "ވަގުތު" އަށް މަޢުލޫމާތު ދެއްވި ގޮތުގައި މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ ފާރިސްގެ ވަކީލުން އެދިގެން ކަމަށެވެ.

"ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފާރިސްގެ ވަކީލުން މިއަދުގެ އަޑުއެހުން ފަސްކޮށްދިނުމަށް އެދިފައިވަނީ ފާރިސްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތުގައި ފާރިސްގެ ވަކީލުން އަވަދިނެތި އުޅުއްވަތީ ކަމަށެވެ.

ފާރިސްގެ މައްޗަށް ނިރުބަވެރިކަމުގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އުފުލާފައިވަނީ 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށާއި، 2018 ވަނަ އަހަރުގެ ސުޕްރީމް ކޯޓުގެ އެއް ނަންބަރު އަމުރު ނެރުމުގައި ބައިވެރިވި ކަމަށާއި، ކުރީގެ ސީޕީ އަރީފާއި ގުޅިގެން ފުލުހުންތަކެއް މަގުތަކަށް ނެރެ ގައުމުގެ މަސްލަހަތު ނަގާލަން އުޅުނު ކަމަށް ބުނެއެވެ.

ފާރިސް ދައުވާއަށް އިންކާރު ކޮށްފައިވާތީ ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް 32 ހެއްކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި 17 ސިއްރު ހެކިވެރިޔަކާއި ސިއްރު ލިޔުންތަކެއް ހިމެނެއެވެ.

މިއަދަށް ތާވަލުކުރި ފާރިސް މަޢޫމޫންގެ މައްސަލަ ކެންސަލް ކޮށްފައިވާއިރު، 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ނިރުބަވެރި ޖަމާއަތެއް ކަމަށް ދުނިޔެ ޤަބޫލުކޮށްފައިވާ އިސްލާމިކް ސްޓޭޓް (އައި.އެސް) އާއި ގުޅިގެން ރާއްޖޭގައި ޖާނުން ފިދާވެގެން ނިރުބަވެރިކަމުގެ ހަމަލާއެއް ދޭން ރޭވި މައްސަލައިގެ މިއަދުގެ ޝަރީއަތްވެސް ވަނީ ކެންސަލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮނާ / ވާދޫ

    ފާރިޝް މީހާރުން މިހާރަށް ދޫކޮށްލާ