މާލެ ސަރަހައްދުގައި 2،500 ހައުސިން ޔުނިޓްގެ މަސައްކަތްތައް ކުރެވެން އޮތީ ސަރުކާރުން ދޭން ޖެހޭ ހުއްދަތައް ދިނީމަ ކަމަށާއި އެކަމުގެ ހުއްދަތަކަށް އެދިވަޑައިގެންފައި ވާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގައި ކުރަން ރާވާފައިވާ ކަންކަން ބަޔާންކޮށް ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލައިފައެވެ. ޕްލޭންގައި ގިނަ އަދަދެއްގެ ހައުސިން ޔުނިޓްތަކެއް އަޅަން ވެސް ނިންމާފައިވެއެވެ.

އެގޮތުން މާލޭގެ ހުޅަނގު ފަރާތުގައި އާބަން ޑެވެލޮޕްމެންޓް ޕްލޭނެއްގެ ދަށުން 1،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 25 ބުރީގެ 5 ޓަވަރު އެޅުމަށް ވަނީ ނިންމައިފައެވެ. އަދި ސިނަމާލެ ފްލެޓް ސަރަހައްދުގައި 360 އާއިލާއަށް ބޯހިޔާވަހިކަން ދިނުމަށް ނިންމާފައިވެއެވެ.

މީގެއިތުރުން ދުވާ ޓްރެކް އެކުވެނި ކުރިމަތިން އުތުރަށް އޮންނަ ބްލޮކުގައި ވެސް 160 އާއިލާއަށް ދިރިއުޅެވޭނެ ގޮތަށް ރެސިޑެންޝަލް އިމާރާތެއް އަޅާނެއެވެ. އަދި މާފަންނުގެ ޓާފް ސްޓޭޑިއަމްތަކާއި ޖެހިގެން 675 އާއިލާއަށް ރެސިޑެންޝަލް އިމާރާތެއް އަޅަން ޕްލޭންގައިވެއެވެ.

މާލޭގެ މޭޔަރު މުއިއްޒު، މިދިޔަ އާދިއްތަ ދުވަހު "ވަގުތަށް" ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ފާސް ކުރި އިރު، މާލޭގައި 2،000 ހައުސިން ޔުނިޓާއި ވިލިމާލޭގައި 500 ހައުސިން ޔުނިޓް އަޅާނެ ޖާގަ ޕްލޭންގައި ކަނޑައަޅާފައިވާ ކަމަށެވެ. މި މަޝްރޫއު ކުރިއަށް ގެންދެވޭނެ އެއް ކަމެއްގެ ގޮތުގައި މުއިއްޒު ފާހަގަ ކުރެއްވީ ލޭންޑް ޔޫސް ޕްލޭން ސަރުކާރުން ފާސްކޮށް ދިނުމެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ ސަރުކާރު ފާސްކޮށްދެއްވާނެ ކަމަށް. އެއީ ވަރަށް އެސްޓެންސިވް ކޮމިއުނިޓީ ކޮންސަލްޓޭޝަންގެ ދަށުން ހެދުނު މާލޭގެ ފުރަތަމަ ލޭންޑް ޔޫސް ޕްލޭން. ޕަބްލިކް ކޮންސަލްޓޭޝަންގެ އިތުރަށް ކަމާ ގުޅޭ އެކިއެކި ސްޓޭކް ހޯލްޑަރުންނާ އެކީގައި އަޅުގަނޑު ބައްދަލު ކުރިން. ހުރިހާ މަދަނީ ޖަމިއްޔާތަކާއި ޕްރައިވެޓް ޖަމިއްޔާތައް، ސަރުކާރުގެ އެކި އިދާރާތައް، ސްކޫލްތައް، މިހެން ގޮސް އެކިއެކި ފަރާތްތަކާ ބައްދަލު ކުރިން. ހުރިހާ ފަރާތްތަކެއްގެ ރިކުއަމެންޓްސްތައް އޮޅުން ފިލުވައި ހެދިން،" މުއިއްޒު ވިދާޅުވިއެވެ.

ދެ ވަނަ ކަމެއްގެ ގޮތުގައި މުއިއްޒު ވިދާޅުވީ އެކަމަށް ބޭނުންވާ ފައިނޭންސް ފޯރުކޮށްދިނުމުގެ މަގު ވެސް ސަރުކާރުން ފަހިކޮށްދޭން ޖެހޭ ކަމަށެވެ. އެކަމަށް މަގުފަހި ކުރުމަށްޓަކައި ކުންފުނި އުފައްދަން އިކޮނޮމިކް މިނިސްޓްރީ އަށް ފޮނުވާފައި ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެ ކުންފުނި އުފައްދަނީ މާލެ ސިޓީ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ނަމުގައެވެ.

"ސަރުކާރުން ކުރަންވީ ކަމަކީ ރަޖިސްޓްރީކޮށްލަ ދިނުން. ރަޖީސްޓްރީކޮށްލަ ދިނީމަ އަޅުގަނޑުމެން އަމިއްލަ އަށް ކުރިއަށް ދާނަން. އަޅުގަނޑުމެން ހޯދާނަން ފައިނޭންސް ވެސް. ހޯދައިގެން މި ހައުސިން ޔުނިޓްތައް ރައްޔިތުންނަށް އަޅައި ދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ކައުންސިލްގެ ތަރައްގީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން ވެސް ހަދާފައި ސަރުކާރަށް ފޮނުވާފައި ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މި ހައުސިން ޔުނިޓްތަކަކީ މުއްސަނދިންނަށް އަމާޒުކޮށް ހިންގާ ހައުސިން މަޝްރޫއުތަކެއް ނޫނެވެ. މިއީ އެންމެ ނިކަމެތިންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ހޯދައި ދިނުމަށް އަޅާ ތިން ކޮޓަރީގެ ހައުސިން ޔުނިޓްތަކެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މައިޓީ

  މުއިއްޒުމެން އަތުގަ ހުރިހާބާރެއް އޮތްއިރުވެސް ނުބައިތާކު ނެރެއްކެނޑުންފިޔަވާ ކުރެވުނީ ކޮންކަމެއް

  10
  24
 2. ޖހ

  މުއީޒު ތިހިރީ އަޅެ ބުރާންތިވެފަތަ؟

  10
  21
 3. ސަޕޯ

  ފުލެޓް އަޅާކަށް ނޫނޭ ހޮވީކީ. މާލެ ތާހިރު ކުރަން ހޮވީ. އިލޮށިފަތި ހިފައިގެން ނިކުމެބަލަ

  12
  21
  • ީ

   އެކަން ވެސް އެބަ ކުރޭ. ގޮސް ބަލާބަ މާލެ ސިޓީ ކައުންސިލް ޓްވިޓަރ ޕޯސްޓުތައް. އަމިއްލަ ޕާޓީ މީހަކަށް ނުވިއަސް ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ކޮށްދެންޔާ އެކަމަކާ ނުބެހި ހުރެބަލަ.

 4. މާލެއަށް ތިހެން ނުހަދާ

  މާލޭގައި ދިރިއުޅޭ ރައްޔިތުން މިހާރުވެސް އިޙުސާސް ކުރަމުން މިދަނީ ހަތަރު ފަރާތުން ބެދި ނޭވާހާސް ވެފައިވާ ކަމުގެ އިޙުސާސެވެ. ހުރިހައި ދިމާލަކުން އުޑުގައި ޖެހޭވަރަށް ބިލްޑިންގ ތައް ނަގަން ނުރޭވުމަށް އެދެވެއެވެ. އެފަދަ ޢިމާރާތްތަކަށް ފުރެންދެން މީހުން ވެއްދީމައި އަނެއްކާވެސް މާލެ އިތުރަށް ތޮއްޖެހޭނެކަން ނޭނގެނީ ހެއްޔެވެ؟