ރ.އަތޮޅު އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަށް ފުޅާކޮށް އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް 6 ޕްރައިވެޓް ރޫމް އިމާރާތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޕްރައިވެޓް ރޫމް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމޭން ޕްރައިވެޓް ލިމިޓެޑްއާއެވެ. މިއަދު ހެލްތް މިނިސްޓްެރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމެވެ. އަދި އަމޭން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުރުޝިދާ އަލިމަނިކެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަަރުކާރުން ސިއްހީ ދާއިރާ ފުޅާކުރުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށާއި އޭގެ އެންމެ ބޮޑު ހެެއްްކަކީ އަތޮޅުތަކުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުތަކުން ފޯރުކޮށްދޭ ހިދުމަތްތަށް ފުޅާ ކުރުމަށް އެމަނިކުފާނު ކުރައްވަމުންދާ ބުރަ މަސައްްކަތްޕުޅު ކަމަށެވެ.

އަދި އުނގޫފާރު ހޮސްޕިޓަލުގައި އިތުރު 6 ޕްރައިވެޓް ރޫމް އިމާރާތް ކުރެވެމުން އެ ހޮސްޕިޓަލުން ޕްރައިވެޓް ރޫމްތަކުގައި ތިބެގެން ހިދުމަތް ހޯދުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ތަނަވަސް ވެގެންދާނެ ކަމަށެވެ.

މިނިސްޓަރ ނާޒިމް ވާހަކަފުޅު ދައްކަވަނީ -- ވަގުތު އިމޭޖެސް: އަމީން ފަހްމީ

"ރައީސް ޔާމިންގެ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ހާއްސަ އިސްކަމެއްދޭ. އަޅުގަނޑުމެން މިއަދު ސޮއިކުރެވިގެން މިދިޔަ އެއްބަސްވުމަކީ ރ. އަތޮޅުގެ ގިނަ ބައެއް ހިދުމަތް ހޯދާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި 6 ޕްރައިވެޓް ރޫމާއި ޕްރައިވެޓް ރޫމްތަކާއި ގުޅިގެން ކުރަން ޖެހޭ ބައެއް ކަންކަން ކުރުމަށް ވެވޭ އެއްބަސްވުމެއް. އުނގޫފާރު ހޮސްޕިޓަލުގައި އެޑްމިޑްކޮށްގެން ފަރުވާ ހޯދާ މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ ޕްރައިވެޓް ރޫމުގެ ހިދުމަތް އެ ހޮސްޕިޓަލުން ނުލިބޭތީ. ނަމަވެސް އަލަށް އިމާރާތް ކުރެވޭ ޕްރައިވެޓް ރޫމް ތަކާއި އެކު އެ މައްސަލައަށް ހައްލެއް ލިބިގެންދާނެ" މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

އުނގޫފާރު ހޮސްޕިޓަލުގައި އިމާރާތްކުރާ 6 ޕްރައިވެޓް ރޫމާއި އެކު 1 ނާސިންގ ސްޓޭޝަން އާއި، ކުލީން ޔުޓިލިޓީ ، ޑާރޓީ ޔުޓިލިޓީ، މެޑިކަލް ސްޓޯރ އަދި ޖެނެރަލް ސްޓޯރ އެއްގެ އިތުރުން ޓްރީޓްމެންޓް ރޫމެއް ހިމެނެއެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓަކީ 4902786.00 (ހަތަރު މިލިއަން ނުވަސަތޭކަ ދެހާސް ހަތްސަތޭކަ އައްޑިހަ ހަރުފިޔާ) ގެ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އެއްބަސްވުމުގައި ސޮއިކުރި ތާރީހުން ފެށިގެން 180 ދުވަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބަލިމީހާ

    ފެންވަރު ރަގަޅު ހިދުމަތް ބޭނުމީ. އެންޑެސްކޯޕު ކަހަލަ މުހިއްމު ހިދުމަތް ނުލިބޭ. ފެންވަރު ރަގަޅު ހިދުމަތް ބޭނުމީ.

  2. ސަޒުނާ

    ސީޒާ މެޑަމްއަށް އައްސަރިބަހާއި ސާބަސް

  3. މިހާ

    ތިތާ އޯ ޕީ ޑީ ގައި ވެސް ކިއުޖެހިފަ ފެރީފުރާއިރުވެސް ނުދެއްކޭ ކައުންޓަރ ސާވިސް މަދީ

  4. ނަހުލާ

    އުނގޫފާރު ހޮސްޕިޓަލު ކައުންޓަރުގައި ތިބޭ ފިރިހެންކުދިނަކީ ވަރަށް ސިޔާސީ ބައެއް...އައިޑީ ކާޑު ނަންބަރު ބޭނުންކޮށް ޚިދުމަތް ދިނުމުގައި ވަރަށް ތަފާތުކުރޭ. މީ ހުސް އެމްޑީޕީ ކުދިން...މިފަދަ މީހުން ވަޒީފާއިން ބޭރުކުރަންޖެހޭ.

    • ސަމޫން

      ހަޖަމް ކޮށްލައިގެން ތިބޭ

      • ފިލްޒާ

        ކައުންޓަރުގައި ތިބޭ ކުދިން ގޯސް ހެދިޔަސް ރައީސް ޔާމީން ނަޝީދު ވެރިކަމުގައި ހޮސްޕިޓަލު މުވައްޒަފުން ކަނޑާ މަގުމަތި ކުރިހެން ނުހަދާނެ. އަދި އެމްޑީޕީ އަށް ވެރިކަން ލިބެއްޖެނަމަ މުވައްޒަފުން ކަނޑާނެކަމަށް ދައްކާ ބިރެއްވެސް ރައީސް ޔާމީން ނުދައްކާނެ...އެއީ ހެޔޮ ވެރިއެއް...ވަޒީފާ ދިނުމުގަވެސް ޕާޓީއަށް ނުބަލާ