އޮކްޓޯބަރު މަހުގެ މެދު ތެރޭގައި ރާއްޖެއަށް 215 ކިލޯގެ ހެރޮއިން އެތެރެކުރި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ރ. މަޑުއްވަރި، ފިނިފަރު، އަލީ ޝާކިރު 42، އާއި ރ. މަޑުއްވަރި، ފެހިއަލި، ނިމާލް އަބްދުލްހާރިސް 33، އެވެ. އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަަމުރުކޮށްފައި ވެއެވެ.

އޮކްޓޮބަރު މަހުގެ 15 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 215 ކިލޯގެ ހެރޮއިން ހޯދީ ރ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ރާނބުގަލިންނެވެ.

އެ މީހުންގެ މައްޗަށް ދައުވާތައް ކުރުމަށް ފޮނުވާފައިވާއިރު، ދެ މީހުންގެ މައްޗަށްވެސް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާކޮށްފައިވާއިރު، ޝާކިރުގެ މައްޗަށް ކުޑަކަމުދާއެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދައުވާ ކޮށްފައި ވެއެވެ.