މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކުރަމުން އައި، މާލޭ ދަފްތަރު ބެލެހެއްޓުމުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ ދަށަށް މި ހަފުތާގައި ބަދަލުކޮށްފައިވާއިރު އެ މިނިސްޓްރީން ބުނީ ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމާ ހުޅުވާލައި، އެކަން ގެޒެޓުގައި އާއްމުކޮށް އިއުލާނުކުރާނެ ކަމަށެވެ.

ދަފްތަރުގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު އަލުން ހުޅުވައިލަނީ، މި ސަރުކާރުން ހުޅުވައިލި 7،000 ފްލެޓުގެ މަޝްރޫއުން އެއްވެސް މީހެއްގެ ހައްގު ގެއްލުވައިނުލުމަށް ކަމަށް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ ކުރިން އެ މަސައްކަތް ކުރަމުން އައި ސިޓީ ކައުންސިލުން ވަނީ ސުވާލު އުފައްދައިފަ އެވެ.

އެގޮތުން ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ މާލޭގެ ރައްޔިތުން ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު 1987 ހުޅުވާލާފައި އޮތް އިރު، ރަށްރަށުގެ މީހުން ދަފުތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު 1994 އިން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އަދި މިހާތަނަށް އައި އިރު، އެ ފުރުސަތު ބަންދު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައުސިންގް މިނިސްޓަރ މީގެ ކުރިން ވިދާޅުވީ ދަފްތަރުގައި ރަޖިސްޓްރީކުރުން މީގެ އަށް އަހަރު ކުރިން ފެށިގެން ސިޓީ ކައުންސިލުން ވަނީ ހުއްޓާލައިފައި ކަމަށެވެ. އަދި 2009 ވަނަ އަހަރު ދަފްތަރުގެ މައުލޫމާތު ސައްހަ ކުރި ފަހުން އެއްވެސް ބަދަލެއް ނާންނަ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް މިނިސްޓަރގެ ވާހަކައަށް ރަށްދުދެމުން ޝަމާއި ވިދާޅުވީ ދަފްތަރު ބަންދުކުރި ވާހަކައަކީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ.

ދަފްތަރުގައި ޖެހުމުން ވޯޓާސްލިސްޓަށް ބަދަލުތަކެއް އައިސްފާނެ ކަމަށް އަޑުފެތުރިފައިވާ މި ދަނޑިވަޅުގައި މިނިސްޓަރ މުއިއްޒު ވިދާޅުވީ ވޯޓުލުމުގެ ފުރުސަތު ގެއްލޭ ފަދަ ނުވަތަ ވޯޓުލުމުގެ ހައްގަށް އުނިކަމެއް އަންނަ ފަދަ ކަމެއް ދަފްތަރުގައި ޖެހުމުން ކުރިމަތި ނުވާނެ ކަމަށެވެ.

މީގެ 31 އަހަރު ކުރީއްސުރެ މާލޭގެ މީހުންނަށް ހުޅުވައިލާފައި އޮންނަ "ހާއްސަ ދަފުތަރު"ގައި މިހާތަނަށް 3،264 މީހުން ރަޖިސްޓްރީ ވެފައިވާއިރު ރަށްރަށުގެ މީހުން މާލެ އަށް ބަދަލުވުމަށް 12،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ވެފައިވެ އެވެ.