ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ހުކުމް ކުރުމާ މެދުގައި ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން، އާއިލާއިން އެދިގެން ފަސްކޮށްފިއެވެ.

އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބޭއްވީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގައެވެ. އެ ދުވަހު ކުރިއަށް ގެންދިޔައީ ދެ ފަރާތުން ޚުލާސާ ބަޔާން އިއްވުމުގެ މަރުހަލާއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ގޮތުން، ޚުލާސާ ބަޔާން އިއްވުމަށް ފަހު 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން ޖެހެއެވެ.

އެ މުއްދަތު ފަހަނައަޅައި ގޮސްފައިވާއިރު، ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ ހުކުމް ކުރުމުގެ އަޑުއެހުން އާއިލާއިން އެދިގެން ފަސްކޮށްފައިވާ ކަމަށެވެ. އެއީ އަޑުއެހުންތަކަށް އާއިލާއިން ބަރާބަރަށް ހާޒިރުވާއިރު، އާއިލާގެ މެންބަރަކު ބަލިވެ އުޅޭތީ ހުކުމް ކުރަން ބާއްވާ އަޑުއެހުމަށް ހާޒިރުނުވެވިދާނެތީ ކަމުގައެވެ.

"ނިޔާވި ފަރާތުގެ އާއިލާ ބަރާބަރަށް ކޮންމެ އަޑުއެހުމަށް ހާޒިރުވާނެ، މައްސަލަ ސާބިތުވެއްޖެނަމަ ވާރިސުންގެ ބަސް ވެެސް ނަގަން ޖެހޭ، އެހެންވެ އާއިލާ އެ މެންބަރުން ހާޒިރުވެވޭ ދުވަހެއްގައި އަޑުއެހުން ބޭއްވޭނެ ގޮތަކަށް ފަސްކޮށްދޭން އެދިފައި އޮތީ،" ކްރިމިނަލް ކޯޓުގެ އެ އޮފިޝަލް ވިދާޅުވިއެވެ.

މިއީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއަކަށް ވެފައި، އިސްލާމީ ޝަރީއަތުގައި ގަސްދުގައި މީހަކު މެރުމުގެ އަދަބަކީ މަރުގެ އަދަބު ކަމުގައި ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ. އަދި އެ ހަ މީހުންގެ މައްޗަށް ވެސް މަރަަށް މަރު ހިފުމުގެ އަދަބު ކަނޑައެޅުމަށް ދައުލަތުން އެދިވަޑައިގަތެވެ.

ޔާމީން އުޅުނު ގޭގެ ސިޑި ކައިރީގައި 2017 ވަނަ އަހަރުގެ އޭޕްރީލް މަހު، ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރި ގޮތަކަށް އޭނާ މަރާލި މައްސަލާގައި ދައުލަތުން ހަ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

އެއީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއީލް ރަޝީދާއި، މ. ކުދެހިގޭ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުވަދޫ އަލިބެއްޔާ

  ސުވާލެއް: މާތްﷲއަށް އުރެދި، ރަސޫލުންނާއި ނަބިއްޔުންނަށް ބަދުބަސް ބުނެ، ޤުރުއާނުގައިވާ މާތްﷲގެ ވަޙީ ބަސްފުޅުތަކަށް ޖޯކު ޖަހާ އެކި ގޮތް ގޮތަށް ފުރައްސާރަ ކުރި ދީނާ ދުރު ( ލާ ދީނީ ) މީހަކު ޤަތުލު ކުރުމުން އެކަމާ ދެރަވެ ހިތާމާ ކުރުމަކީ އޮންނަ ކަމެއްތޯ އެވެ؟ މި ސުވާލަކީ އެއްވެސް ޙާލެއްގައި ޔާމީން ރަޝީދު އާ ގުޅުވާ އަޅުގަނޑު ކުރި ސުވާލެއް ނޫން.. އެގޮތަށް ނުދެކުން އެދެން.. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ދެކޭނެ އެއްޗެއް.. ސިއްރުތައް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ އެވެ.

  1
  1
 2. އަބްދޫ

  ޔާމީނގެ ބްލޮގްގަ ލިޔެފަހުރި ތަކެތީގެ މައްޗަށް ރިއާޔަތް ކުރިބާ؟

  6
  1
 3. ރަން ރީނދޫ

  ކޮބާ ދީނަށް ފުރައްސާރަ ކުރެވިފައި މިހާރު އޮންނާނީ. އަހަރުމެން ނަށް ވަރިހަމަ ދުވަހަކު ހުކުމެއް ނުކުރިޔަސް.

  1
  1
 4. Anonymous

  ސާބިތު ނުވާ ހެއްކެއް ނެތް މައްސަލައެއްގައި ބައެއްގެ މައްޗައް ކުއް ސާބިތު ނުވާހާ ހިިނދަކު އެބަޔަކު ވާނީ މައުސޫމް ބަޔަކައް. ހެކި ހަދައިގެންވެސް އެ އުޅެނީ ސާބިތު ނުކުރެވިގެން. ވީއިރު ކިހިނެއްތޯ އާއިލާއިންވެސް އަދި ވަކީލައްވެސް އެގޮތައް އެދެވޭނީ. ސަދޫމްގެ ކޯޓެއް ވެއްޖިއްޔާ ސާބިތުވާނެ

  1
  1