ޖަޕާނުގެ ފުކޯކާގައި އޮންނަ 30 ވަނަ އޭޝިޔާ ޕެސިފިކް ޗިލްޑްރަންސް ކޮންވެންޝަން (އޭޕީސީސީ) ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމްގައި ރާއްޖޭން ބައިވެރިވާ ދަރިވަރުންނާ އެޑިޔުކޭޝަން މިނިސްޓްރީން ބައްދަލުކޮއްފިއެވެ.

މިއަދު އިސްކަންދަރު އިސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައ ދަރިވަރުންނާ ބައްދަލު ކޮށް އެކިއުކޭޝަން މިނިސްޓްރީން ވަނީ އެކުދިންނަށް ހިތްވަރު ދެއްވާފަ އެވެ. މިއަދު ބޭއްވި ބައްދަލުކޮށްލެއްވުމުގައި ދަރިވަރުންގެ ބެލެނިވެރިން ވެސް ބައިވެރިވި އެވެ.

މިބައްދަލުވުމުގައި ވަނީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ގެ ހާއްސަ މެސެޖެއް އިއްވާފައެވެ. އެމެސެޖުގައި މިނިސްޓަރ ޝިހާމް ވިދާޅުވީ މިކަމުގައި ގައި ބައިވެރިވާން ފުރުސަތު ލިބުނީ ހަމަ ގައިމުވެސް ވަރަށް ނަސީބު ގަދަ ކުދިން ކޮޅެއް ކަމަށާއި މި ޕްރޮގުރާމުގައި ބައިވެރިވާ ހުރިހާ ދަރިވަރުން ވެސް އިސްލާމީ ރިވެތި އުސޫލިތަކުގައި ހިފެހެއްޓުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

އޭޕީސީސީގައި ބައިވެރިވާ ދިވެހި ދަރިވަރުންނާއި ބައްދަލުކުރުން - ވަގުތު އިމޭޖެސް

މިނިސްޓަރ އިތުރަށް ވިދާޅުވީ ދިވެހި ދަރިވަރުންނަށް މިކަން ވާނީ ތަފާތު ތަޖުރިބާއަކަށް ކަމަށާއި އަދި އެއީ ތަފާތު އެއްޗެހި އުނގެނުމަށް ލިބޭނެ ބޮޑު ފުރުސަތެއް ކަމަށެވެ.

އޭޕީސީސީ ޕްރޮގްރާމްގައި ބައިވެރިވުމަށް ރާއްޖޭން ދަރިވަރުން ހޮވާފައިވަނީ މާލޭ ސްކޫލްތަކުންނާއި އަތޮޅު ތެރޭގެ ސްކޫލުތަކުންނެވެ. މިއަހަރަކީ އޭޕީސީސީ އަށް 30 އަހަރު ފުރޭ އަހަރެވެ.

މި ޕްރޮގްރާމްގެ މަގްސަދަކީ ދިރިއުޅުމުގެ ސަގާފަތާއި އާދަކާދަ ހިއްސާކުރުމަށް އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމްކުރުމާއި އަދި ސުލްހަމަސަލަސްކަން ގާއިމުކުރުމުގެ ރޫހު ދަރިވަރުންގެ ކިބައިގައި އުފެއްދުމެވެ.

އޭޕީސީސީގައި ބައިވެރިވާ ދިވެހި ދަރިވަރުންނާއި ބައްދަލުކުރުން - ވަގުތު އިމޭޖެސް

މި ޕްރޮގްރާމްގައި ދަރިވަރުން ތަފާތު ތަންތަން ބަލާލުމަށް ޒިޔާރަތްކޮށް އަދި ސްކޫލްތަކަށް ޒިޔާރަތްކުރާނެއެވެ. އަދި ލީޑަރޝިޕްގެ އެކި ކަހަލަ ސިފަތައް ކުދިންނަށް ދަސްކޮށްދިނުމުގެ ވޯކްޝޮޕްތައް ބޭއްވުމުގެ އިތުރުން، އެކި ޤައުމުތަކުގެ ސަގާފަތާއި އާދަކާދަ ދައްކައިދިނުމުގެ އައިޓަމްތައް ހުށައެޅުން އޮންނާނެއެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް އޭޕީސީސީ އިންވިޓޭޝަން ޕްރޮޖެކްޓްގެ ދަށުން ޖަޕާނަށް ދިއުމަށް އެންމެ ފުރަތަމަ ފުރުސަތު ލިބިފައިވަނީ 1990 ވަނަ އަހަރު އެވެ.މިހާތަނަށް ރާއްޖޭގެ އެކި ސްކޫލްތަކުން 200 އަށް ވުރެ ގިނަ ދަރިވަރުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފަ އެވެ.

މި ޕްރޮގްރާމަކީ ޖަޕާނުގެ ތާރީހީ ރަށެއްކަމަށްވާ ފުކުކާއަށް 100 އަހަރު ފުރުމާއި ގުޅިގެން އެ ސިޓީގެ ފަރާތުން 1989 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވާ ކޮންވެންޝަނެކެވެ.

ކިޔުންތެރިންގެ ހިޔާލު