ހުޅުމާލެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް 60 ގޯތި ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމީ އެ ކުންފުނީގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ބިންތައް މުއްސަނދިންނަށް ދޭން ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

އެޗްޑީސީން އިއްޔެ ބުނި ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުންނާއި ބީޗް ސައިޑުން ޖުމްލަ 60 ގޯތި ވިއްކަން ނިންމައި ބީލަމަށްލާން ނިންމީ ޒަމާނާއި އެއްގޮތަށް ތަރައްގީ ކުރެވޭ ގެދޮރުވެރިކަމުގެ އެކި އެކި މަޝްރޫއުގެ ތެރެއިން އެކިއެކި ފަންތީގައި ހިމެނޭ މީހުންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.

އަދި މިފަދަ މަޝްރޫއުން ލިބޭ ފައިސާ އިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫއުތަކުގެ އަގު ކުޑަކުރުން ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ އިއުލާނާ މެދުގައި ކަންބޮޑުވުން ފާޅުކޮށް މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ އަކީ މާލެ ސިޓީގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަނަކަށްވެފައި އެ ސިޓީ ކައުންސިލްގެ ބަހެއް ނެތި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރުގެ މުހިންމު ކަން ބޭނުންވެފައިވާ ވަރަށް ގިނަ ބަޔަކަށް ގޯތި ގެދޮރު ލިބޭނެ ފުރުސަތު ނުދީ ހަމައެކަނި މުއްސަނދިންނަށް ހުޅުވާލި ހުޅުވާލުން ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހިން މާލެ ރައްޔިތުންނަށް ގޯތި ލިބޭނެ ގޮތް ފަހިކޮށްދިނުމުގެ ބަދަލުގައި 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އާމްދަނީ އިތުރު ކުރުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން އެޗްޑީސީން ނިންމި ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ 5 ވަނަ ބާބުގެ 39 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ ފަދައިން މާލެ ސިޓީކައުންސިލްގެ އިހްތިސާސްގައި ހިމެނޭބިމެއް ބޭނުންކުރާ ނަމަ އެކަމާއި ގުޅޭގޮތުން މާލެ ސިޓީކައުންސިލާއި މަޝްވަރާ ކުރަންޖެހޭނެއެވެ. ލާމަރުކަޒީ ގާނޫނުގައި މިގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް އެޗްޑީސީންނާއި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ވެސް ކައުންސިލާ މަޝްވަރާ ނުކުރާ ކަމަށް ބަޔާނުގައިވެއެވެ.

ސިޓީ ކައުންސިލްގެ ބަޔާނުގައި ވަނީ ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލްކުރުމަށް މާލެ ސިޓީކައުންސިލުން ނިންމި ނިންމުމަށް އަމަލު ކުރުން މަޑު ޖައްސާލަން ސިވިލް ކޯޓުން ކައުންސިލަށް އަންގާފައިވާ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން ހުޅުމާލެ ބިމުގެ ވެރިފަރާތާ މެދު ވަކި ގޮތެއް ނުނިމި ކޯޓު މަރުހަލާގައި އޮއްވައި އެޗްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް ނިންމި ނިންމުމަކީ ގާނޫނީ ގޮތުން ވެސް އެޗްޑީސީ އަށް ކުރެވޭނެ ކަމެއް ނޫން ކަމުގައި ކައުންސިލުން ދެކެއެވެ.

"ވީމާ ސަރުކާރުގެ މި ސިޔާސަތު ބަދަލު ކުރުމަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސަރުކާރަށް ގޮވާލަމެވެ،" ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ.

"މާލެ ސިޓީކައުންސިލުން އަބަދުވެސް އެދެނީ މާލެ ސިޓީގެ ރައްޔިތުންނަކީ އުފާވެރި ރިވެތި ދިރިއުޅުމެއް އުޅެވޭނެ ބައެއްކަމުގައިވުމެވެ. އެހެންކަމުން މާލޭގެ ރައްޔިތުންނަށް ބޭނުންވާ ގެދޮރުވެރިކަން ހޯދައިދިނުމަކީ މި ކައުންސިލުން އަބަދުވެސް މަސައްކަތްކުރާނެ ކަމެއްކަމުގައި ދަންނަވަމެވެ." ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަލީ

  ހުރިއްޔާ ހުރި އެސެޓެއް ވިއްކޭތޯ ބަލާތި.

 2. ބޭކާރު ވާހަކަ

  ބިން ވިއްކުމުގެ ބޭނުމެއްނެތް! ހުރިހާ އެންމެން ހަމަހަމަ ވަާންވާނެ. ހުޅުމާލެއަކީ އެންމެންގެ ލާރިން ހިއްކާފަައޮތް ބިމެއް!

  5
  1
 3. ޒައިކް

  ދުވަހަކުވެސް މެދިފަންތީގެ މީހުންނަށާ ފަޤީރުންނަށް ބިންކޮޅެއް ލިބޭ ގޮތެއް ނޯވޭ.. 100 ވަރަކަށް ބިން ރަށުތެރެއިން ވިއްކަބަލަ ބީޗު ފުރަންޓުން ނޫނަސް ބިން ކޮޅެއް ވިއްކިދާނެދޯ؟؟ ނިކަން އޭގެ 75 ޕަސެންޓު މާލޭގެ ރައްވެހިންނަށް ހާއްސަކުރަން އެދެން.. އޯކޭ ވާނެ 600 ނޫނީ 800 އަކަ ފޫޓުވިޔަސް. އަގު ހެޔޮކޮށްލާފަ ވިއްކާލަބަލަ ރައްޔިތުންނަށް ހެވެއް އެދެންޏާ..

 4. އަބްދޫ

  އެޗްޑީސީ އަށް ބިން ހަވާލުކުރި ރަޖިސްޓަރީ ބާތިލް ކުރެވިފާ ވަނިކޮށް ބިން ވިއްކުމުގެ މުއާމަލާތެއް ހިންގޭނެކަމަށް ނުދެކެން. ގާނޫނީ ގޮތުނަބަލާއިރު ރަޖިސްޓަރީ އަބުރާ އިއާދަ ކުރުމުގެ ބާރު ކޯޓްތަކަށް ލިބިގެންނުވޭ. ކޯޓުން އެވަނީ ކޯޓަށް ހުށަހެޅިމައްސަލަ ނިމެންދެން އަމުރެއްނެރެފަ. އަމުރުދެމިއޮންނަ ހާލަތުގާ ވެސް ބިމާމެދު ގޮތެއްނުނިންމެނީސް ގޯތިވިއްކާހެދިދާނެ ކަމަކަށް ނުދެކެން، އަދި ވިއްކާ ގޯތި ވިއްކާ މުދަލަށް ބިޑްސެކިއުރިޓީ ހުށަހަލަންޖެހޭނެ ސަބަބެއްނެތް. އެއިން ދޭހަކޮށްދެނީ އެމީހުނކަނޑައަޅާ ވަކިބަޔަކަށް ބިންދިނުމަށް އުޅޭކަން . އެއީ ކުރެވިދާނެ ކަމެއްކަމަކަށް ނުދެކެން.

 5. ޢަލީ

  އެއީ މިހާރުތިބި 65 މެމްބަރުންގެ ތެރެއިން ގޯތި ލިބިފައިއޮތް 5 މީހުން ކެނޑުމަށްފަހު ބާކީތިބި މީހުންނަށް ވިއްކާ އެއްޗެއް، ކޮންމެހެން ކޭޝްފްލޯ މައްޗަށް ޖައްސާކަންނޫން، މިއަށް އެހެން ބަޔަކު ކުރިމަތިލާނެކަމެއްވެސް ނެތް، ބޭކާރު ކަމެއް. އަމިއްލަ ސިކުނޑިން ވިސްނާލަބަލަ 60 އެއީ ކޮން އަދަދެއް، 50 ގޯތި 100 ގޯތި 75 ގޯތި 150 ގޯތި މިއީ ދޯ އަދަދުތަކަކީ، 60 ގޯތި 40 ގޯތި 70 ގޯތި މިއީ ވަކި ބަޔަކަށް ގޯތި ދޭން ހުންނަ އަދަދުތައް. ވިސްނާ ބަޔަކަށް ޢިބުރަތްހުރި

 6. ބޮކި

  ބަލަ ކަލޭމެން ޓީޖެޓީ ނުލިބިގެން ތިޅިބާލަނީ ކޮން އާމްދަނީ އެއްނުލިބިގެންތަ ؟

  2
  2
 7. މާމީ

  ވަކިބަޔަކައް ދޭން އެމީހުނައް ފައިސާވެސް ހަމަޖައްސަދީފަ ހުރީމަ މާއުދަގޫކަމަކައް ނުވާނެ، ކޮވިޑުފައިސާތައް ހުރީ ތިކަމައް ވަކިބަޔަކައް އިންވެސްޓު ކޮއްދީފަ ދެން ކޮންބިޑެކޭތޯ ތިކިއަނީ