ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގައި ތަރައްގީވެފައިވާ ގައުމުތަކާ ކައިރިއަށް ގެންދިއުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަސް އަހަރަށް ވުރެ އިތުރަށް އަދި ވެރިކަމުގައި ހުންނަވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވުމާއެކު، ރައީސް މިއަދު ހިނިފުޅުވެޑުވައިފިއެވެ.

އަސްލަމަކީ، ރައީސް ސޯލިހު އިތުރު ދައުރެއް ކާމިޔާބު ކުރައްވައި، މަގާމުގައި ދެމިހުންނަވާނެ ކަމަށް މިހާ ޔަގީންކަމާއެކު މި ސަރުކާރުގެ ވަޒީރަކު އަދި އެމްޑީޕީގެ ބޭފުޅަކު ވިދާޅުވި ފުރަތަމަ ފަހަރެވެ. އެކަމަކު، 2023 ގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލެއްވުމާ މެދު ރައީސް އަދި ވަކި ގޮތެއް ނުނިންމަވައެވެ.

މާފުށީގައި އަލަށް ހިއްކި ބިމާއި ޕިކްނިކް އައިލެންޑް އެ ރަށުގެ ކައުންސިލާ ހަވާލުކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ ރާއްޖޭގައި މަޝްރޫއުތައް މިހާ ހަލުވިމިނެއްގައި ކުރިއަށް ދިޔަ ދުވަސްވަރެއް މީގެކުރިން ދުވަހަކު ވެސް އޭނާ އަށް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ.

އޭގެ ފަހުގައި، އޭނާ ތަފާސް ހިސާބުތައް ދެއްކެވީ ބަނދަރާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި މަގު ހެދުމާއި ފެނާއި ނަރުދަމާ އާއި އެއާޕޯޓު އެޅުމުގެ މަޝްރޫއުތަކުންނެވެ.

އެ ތަފާސް ހިސާބުތައް ނިންމަވާލެއްވުމަށް ފަހު، ޕޯޑިއަމުން ފައިބައިވަޑައިގަތުމުގެ ކުރިން އަސްލަމް ވަނީ އެ ރަސްމިއްޔާތުގައި ތިއްބެވި ބައެއް ބޭފުޅުން މޫނުމަތިން ހިނިތުންވުން ގެނުވައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކ. މާފުށި ޕިކްނިކް އައިލެންޑްގައި އޮތް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ރައީސް އޮފީސް

އޭގެ ތެރޭގައި ރައީސް ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެންވަޔަރަމަންޓް މިނިސްޓަރު މަރިޔަމް ޝައުނާ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޒާހިރާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

އަދި ބައެއް އާންމުންނަށް ވެސް މި ވާހަކައިން ހިނިތުންވުން ގެނުވިއެވެ.

"އަޅުގަނޑުމެންގެ ޓްރެކް ރިކޯޑަށް ބަލާފައި އަޅުގަނޑަށް ޔަގީން ރައީސް ހުންނަވާނެ ދިވެހި ރައްޔިތުންނަށް ބާކީ ހުރި މަސައްކަތްތައް ފުރިހަމަކޮށް ދިނުމުގައި. ތަރައްގީވެފައިވާ ގައުމަކާ ދިމާލަށް ކައިރިވާ ހިސާބަށް ގެންދިއުމުގައި އެމަނިކުފާނު މި ފަސް އަހަރަށް ވުރެ އިތުރަށް އަދި ރާއްޖޭގައި ވެރިކަމުގައި ހުންނަވާނެ." ނޮވެމްބަރު 2018 ގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް ސޯލިހާ ބެހޭ ގޮތުން އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އެގޮތަށް ވިދާޅުވުމާ އެކު، ރައީސް ސޯލިހް އެންމެ ފުރަތަމަ ވެސް ހިނިފުޅުވަޑުވައި، އެމަނިކުފާނު ކައިރީ އިންނެވި ޝައުނާއާ ދިމާލަށް ބައްލަވައި ކޮންމެވެސް އެއްޗެއް ވިދާޅުވެއެވެ. އޭގެ ފަހުގައި އިމްރާން އާއި އާޒިމް ވެސް އެމަނިކުފާނާ ދިމާލަށް ބައްލަވައި ހިނިތުންވާ މަންޒަރު ފެނުނެވެ.

އަސްލަމް، ރައީސް ސޯލިހް އަރިހު އިށީނދެވަޑައިގަތުމާއެކު، ދެ ބޭފުޅުން ހިނިތުންވުމާއެކު ވާހަކަ ދައްކަވައެވެ.

ރައީސް ސޯލިހް، މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ވެރިކަމަށް ވަޑައިގެން ދައުރު ރަނގަޅަށް ފުރިހަމަވާން ވަގުތު ގާތް ނުވަނީސް ދެ ވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަންނަވަން ވިސްނެވުމަކީ ވަރަށް ހުދުމުހުތާރު މީހަކު ކުރާނެ ކަމެއް ކަމަށެވެ. ދެވަނަ ދައުރަކަށް ވާދަކުރައްވަން އަދި އަވަސް ކަމަށާއި އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަން ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް ކުރިން ވިދާޅުވީ ހެޔޮ ވެރިކަމެއް ކޮށްދެއްވަން ބޭނުންވާނަމަ ރައީސްގެ ހުރިހާ ވަގުތެއް ހޭދަކުރައްވަން ޖެހޭނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދެވުމުގައި ކަމަށެވެ.

ރައީސް ސޯލިހްގެ ރިޔާސީ ދައުރުގައި ބާކީ ދެ އަހަރު އެބައޮތެވެ. މި ދެ އަހަރުގެ ތެރޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ނިންމަން ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބޮއިކަޓް ޢަލީ

    ތީ ވަރަށް މަޖާ ޖޯކެއް،

    49
    4
  2. ރަން ރީނދޫ

    އަހަރުމެނަށް ވެސް ހިނިތުންވުން. ބަލި ކުރެވޭނެ ފިސާރި ރަނގަޅަށް. 🤣

    52
    3
    • ލޮލް

      ހަމަހިލާ ބައްޔެއް ނުވާނެ

      7
      17
  3. އެކަހެރި

    ބާދަގަނޑުން ތަނެއްހަދާފަ ފުރާޅުގަ ޓިނުޖެހިޔަކަސް ތަރަށްގީވެފައިވާ ގައުމުތަކާ އެއްހަމައެއް ނުކުރެވޭނެ ތިޔައުޅެނީ 10 ވަނަގަރުނުގައި......... ކަންޒުކަނހަބާއި މުސަޅުވާހަކަ 100 ފަހަރުކިޔާބަލަ.

    52
    3
  4. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

    ޤާސިމުގެ ވޯޓާއި މައުމޫނުގެ ވޯޓާއި، ނަޝީދުގެ ވޯޓުގައި ވެރިކަމަށް އާދެވިއްޖެ ދެއްތޯ ވީމާ، ދެންވެސް އޮންނާނީ އެގޮތް ދެއްތޯ ކޯލިޝަންގެ ވޯޓުގައި ވެރިކަމަށް އެރުން

    26
    1
  5. Anonymous

    އަސްލަމް އަކީ އަންނި ފަޅީގެ މީހެއް، މަލާމާތް ކޮއްެލީ އެއީ..

    39
    3
  6. ލޫޓުވާ

    ވެރިކަމުގެ ފޮނިމީރުކަން އަރުތެރޭގަ ހަރުލީމަ ހެވޭނެ. ރައްޔިތުން ވަރަށް ހާލުގަމިތިބީ. ވޯޓު ނުދިނަސް އިންޑިޔާ އޮތިއްޔާ ހޮވޭނެ.

    39
    2
  7. ޖާނޭ

    މިމީހުންނަށް އިތުރު ދައުރެއް ދީފިނަމަ އިންޑިއާގެ އަވަށަކަށް މިދިވެހިރާއްޖެ ވެގެންދާނެ. ދަރުމަވާނެ ދިވެހިންނޭ. އިތުރު ދައުރަކަށް ޖާގަ ނުދެއްވުން އެދެން.

    19
    1
  8. ޢަދުރޭ

    ތަރައްޤީއަށް ޓަކައި ހިންގި އެންމެބޮޑު މަޝްރޫޢު ތަކަކީ އުފެއްދި ކަމިޝަންތައް . ފްލެޓް ކަމިޝަން ދެއަހަރު މަސައްކަތް ކުރި ފްލެޓްދޭނީ ކާކަށްތޯ ބަލަން. 2 ބިލިއަން ޚަރަދުވި އެ ކަމިޝަނަށް. އެފައިސާ ދައްކަން ޖެހުނީ ފްލެޓްލިބުނު މީހުން ނަށް 6500 އަށް ދެވެން އޮތް ތަނެއް 8500 ވީ އެހެންވެ . މަރުކޮމިޝަނަށް 5 މިލިއަން ޚަރަދުވީ ވަޅިއެއް ބޭރަށް ފޮނުވައިގެން ޓެސްޓު ކުރަން އޭގެން 1 މިލިއަން ޚަރަދުވި .މި ވަރައް ޤައުމެއް ތަރައްޤީ ކުރެވޭނީ އިންސާނަކަށް

    15
  9. ބެއްޔާބެ

    މާލޭގައި ދިރިއުޅޭ މީހުންނަށް ތަރައްގީ ފެންނާނީ 25 ބުރީގެ އިމާރާތަކަށް ވުރެ އުސް އަދި މިހާރު އޮތް ބްރިޖަށް ވުރެ ދިގު ބްރިޖެއް އަޅައިދިނީމަ. މި ހުރިހާ ދުވަހު ގުއި ފެނުން ފެންވަރައި އެ ބޮއި އުޅުނު މީހުންނަށް ސާފު ބޯފެން ލިބި ބިން ނެތިގެން ގޯތި ނުދެވޭތީ ދެމަފިރިންގެ މެދުގައި ތިން ކުދިން ބާވައިގެން ނިދަމުން އައި މީހުންނަށ ގޯތި ލިބި ރަށްރަށުގެ މީހުންނަށް ފްލެޓް ލިބި، ބަނދަރެއްގެ ހުވަފެން ވެސް ނުދެކޭ މީހުންގެ ލޯކުރިމަތީ އެކަންކަން ހަގީގަތަކަށްވެ އަދި ވަމުންދާތަން ފެނި މާލެ ނައިސް ސިއްހީ ފަރުވާ ލިބޭތަން ފެނުމަކީ ތަރައްގީއެއް ކަމަށް މާލޭ މީހުން ގަބޫލެއް ނުކުރާނެ. އަޅެ ޖުމްހޫރިއްޔާގެ ވެސް 50 އަހަރު ވެގެން ދިޔަ އިރު އަދިވެސް ރަށްތަކުގައި ދިރިއުޅޭ މީހުން ބޯންޖެހެނީ ނަޖިސް ފެން. މި ދައުރު ނިމޭ އިރު އެކަން ހައްލުވެ ނޫނީ ހައްލުވުމުގެ މަގުމަތީގައި އޮންނަ އިރު ހިތަށް އަރާ ދެން ވެރިކަމަށް އަންނަ ބަޔަކު ރަށްރަށުގައި ހިންގަން އޮންނާނީ ކޮން ޕްރޮޖެކްޓެއްބާއޭ؟

    8
    3
  10. ކޮވިޑް

    އެމްޑީޕީން އޮތީ ތިޔަފުރުޝަތު ދޭ ގޮތަކަށް ނޫން ކިންބްލާ. ބަލަ ދެން އަންނި އޯ؟ ބަލަމާ ހިންގާ ތޯލާފުޅިއަށް ލާ ސިޔާސީ ހަޔާތް ބަރުބާދު ވަނީ އަންނި ތޯ؟ ސޯލިހު ތޯ؟ މި ކުޑަ ދުވަސް ކޮޅުގަ މިނިސްޓަރުން ވާނެ ސޯލިހު އުފާވާ ކަހަލަ ވާހަކަ ދެއްތޯ ބަލަން އެހެން ނޫނީ ސޯލިހުގެ ހިތް ހުއްޓިދާނެ. # އިންޑިއާ އައުޓް #

    13
  11. ނަންނި

    ނުކިޔަވަ ހުރި ނާގާބިލު މީހަކަށް ވެރިކަމެއް ދެވަނަ ފަހަރަށް ދެވޭކަށްނެތް އަދި އެވެސް ބާގީ ފެމެލީ މީހަކަށް. ދެކެފީމު ނާގާބިލު ވެރިއެއްކަންވެސް. ވީ ވައުދުތައް ފެނަށްވެދިޔަ ތަންވެސް. ރައިސް ޔާމީން 2023 އިރާދަ ކުރެއްވިޔާ ކާމިޔަބު ކުރައްވާނީ. ޫޫޫޫޫޫ