ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓުގައި ވާދަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ރަނިންގެ މޭޓަކަށް ކަނޑައަޅުއްވާފައިވާ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުގެ ސަބަބުން ދެކުނު އޭޝިޔާ ސަރަޙައްދަށް ނުރައްކާވާނެކަމަށް ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ އަޙުމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ކުރައްވާފައިވާ ޓްވީޓެއްގައެވެ. ކެރެފާ ނަސީމުގެ ޓްވީޓުގައި އޭނާވަނީ، ރައީސް ޔާމީނަކީ ހުދުމުޚުތާރު ވެރިއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި، އޭނާގެ ޓްވީޓުގައި ސީދާ، ރައީސް ޔާމީން އަދި ޑރ. ޝަހީމްގެ ނަން ވިދާޅުވެފައި ނުވެއެވެ.

ކެރެފާ ނަސީމުގެ ޓްވީޓުގައި ވަނީ ރަނިންގ މޭޓަކަށް ޑރ. ޝަހީމް ހަމަޖެއްސެވުމުން، ރާއްޖެ ޚާއްޞަ ޙާލަތަކަށް ވެއްޓިފައިވާކަމަށެވެ. އަދި، މިއީ މި ސަރަޙައްދުގައި ނުރައްކާތެރި ކަންތައްތަކެއް އުފެދޭނެ ކަމެއް ކަމުގައިވެސް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދުވެސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޑރ. ޝަހީމަކީ ހައްދުފަހަނަ އަޅާފައިވާ ހަނގުރާމަވެރި ޖަމާއަތެއްކަމުގައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަށް، ރާއްޖެއިން މީހުން ވެއްދުމުގެ މަސައްކަތް ކުރާ މީހެއްކަމަށެވެ.

އެހެންނަމަވެސް، އެކަމުގެ އެއްވެސް ތަފްޞީލެއް ނަޝީދު ދެއްވާފައި ނުވެއެވެ. އަދި، މީގެކުރިންވެސް، ނަޝީދުވެސް އަދި އެހެން ފަރާތަކުންވެސް، އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގައި ހުންނެވި ޑރ. ޝަހީމަކީ އައިއެސް ޖަމާއަތަށް ރާއްޖެއިން މީހުން ވައްދާ ނުވަތަ އެޖަމާއަތާ ގުޅުން އޮންނަ ބޭފުޅެއްކަމަށްވެސް ވިދާޅުވެފައެއް ނުވެއެވެ. ހަމައެހެންމެ، އެކަން ޤަބޫލުކުރެވޭ ވަރުގެ، ސާބިތު ހިފޭ ހެއްކެއްވެސް ނަޝީދު ދައްކަވާފައެއް ނުވެއެވެ.

ޑރ. ޝަހީމަކީ އައިއެސް ޖަމާއަތާ ގުޅުން އޮންނަ ބޭފުޅެއްކަމަށް މިއަދު އިދިކޮޅު އެމްޑީޕީގެ އެހެން ފަރާތްތަކުންވެސް ވިދާޅުވެ ޓްވީޓް ކުރައްވަމުންދެއެވެ. އެހެންނަމަވެސް، ޑރ. ޝަހީމާއެކު މީގެކުރިން މަސައްކަތްކޮށް، އަދާލަތު ޕާޓީގައިވެސް މީގެކުރިން މަސައްކަތް ކުރައްވާފައިވާ ޑރ. މައުރޫފު ހުސައިން މިއަދު ވިދާޅުވެފައިވަނީ ޑރ. ޝަހީމަކީވެސް އަދި އަދާލަތު ޕާޓީގެ ރައީސް، ޝެއިޚް އިމްރާން އަބްދުﷲ އަކީވެސް އަދި އަދާލަތު ޕާޓީގެ އެހެން އެއްވެސް އިސް ބޭފުޅަކީވެސް، އައިއެސް ޖަމާއަތާ ގުޅުން އޮންނަ ބޭފުޅުން ނޫންކަމަށެވެ.

މީގެއިތުރުން، ޑރ. ޝަހީމަކީ ރާއްޖޭގައި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅައިދިޔުމާއި ދީނުގެ ނަމުގައި ގެންގުޅެމުންދާ ހަރުކަށި އުސޫލުތަކާ ދެކޮޅަށް ވަކާލާތު ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ރައީސް ޔާމީންގެ ރަނިންގ މޭޓެއްގެ ގޮތުގައި ޑރ. ޝަހީމް ހަމަޖެއްސެވުމަކީ، އިދިކޮޅު ފަރާތްތައް ބަލިކަށިވެގެންދާނެ ކަމެއްކަމަށް އެތައް ފަރާތަކުން ދަނީ ބުނަމުންނެވެ. އަދި، އެއީ އެތައް ބައެއްގެ ތާއީދާއި ލޯބި ލިބިފއިވާ ބޭފުޅެއްކަމަށްވެސް، އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

އިދިކޮޅު ކޯލިޝަނުގެ ރަނިންގ މޭޓެއް، އަދި ހަމަޖެއްސޭގޮތް ވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެރަފާ

    ކެރަފާ އަލަފާ ފީފާ ނުލަފާ ދިވެހި ގައުމާ ނުބެހޭތި އީޔޫ އާއި ބެހުނަސް.

  2. ޢަބުދުﷲ

    ކެރަފާ ނަސީމް އަކީ އަދި މީނާގެ މުޅި ފެމެލީއަކީ ބަޣާވާތްތަކުގެ ތާރީޚާއި ގުޅިފައިވާ ބައެއް، މިކަމަށް ކޯޓުތަކުގެ މިކަމާއި ގުޅޭ ޤަޟިއްޔާތަކުން ސާބިތުވާން ހުންނާނެ، ކެރަފާ ނަސީމާއި، ކެރަފާ ނަޝިދުގެ ސަބަބުން، އޭޝިޔާ ބައްރުގައި ވަރަށް ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ހެކިތަށް މިދަނީ ފެންނަމުން، ހައްދާވަ ގެންގުޅުއެްވާ ﷲ މި ނުބައިވެގެންވާ ،ކެރަފާ ނަސީމާއި ކެރަފާ ނަޝީދަށް ތެދުމަގު ދެއްކެވުމަށް އިބަﷲ ގެ ޙަޟުރަތުގައިވާނަމަ، އެބައިމީހުންނަށް ތެދުމަގު ދައްކަވާދޭވެ، އެގޮތް ނުވާނަމަ މިބައި މީހުންގެ ހިތްޕެވުން އަވަސް ކުރައްވާދޭވެ. އާމީން!

  3. ބޭދަނާ

    ދެންލަދު ނުގަނޭތަ މީނާ މިވާހަކަ ދައްކާކަށް؟ ދެން ބިމައް ބޯކޮށްޕައިގެން އޮންނަން ވީނުން.......