ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރަން މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުން މަޑުޖައްސާލަން ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު ސިޓީ ކައުންސިލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭ ބިމުގެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފް ކުރަން މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ހައި ކޯޓަށް ފޮނުވީ އިއްޔެ ކަމަށެވެ.

އެޗްޑީސީ އަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެޗްޑީސީންނެވެ. އެޗްޑީސީން ބުނާ ގޮތުގައި ކައުންސިލްގެ ނިންމުމަކީ ގާނޫނުތަކާ ޚިލާފު ނިންމުމެކެވެ. ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެޗްޑީސީން ވަނީ ގެއްލުމުގެ ބަދަލު ނަގައިދޭން ވެސް އެދިފައެވެ.

މާލެ ސިޓީ ކައުންސިލްގެ ލީގަލް ޓީމުން ދެކެވަޑައިގަންނަވާ ގޮތުގައި، ސިވިލް ކޯޓުން ވެސް މާލެ ސިޓީ ކައުންސިލްގެ ނިންމުން ގޯސް ކަމުގައި ކަނޑައަޅާފައެއް ނުވެއެވެ. އެހެންވެ އެ ނިންމުން ތަންފީޒު ކުރުން މަޑުޖެއްސުމުގެ އަމުރެއް ނުނެރެވޭނެ ލީގަލް ޓީމުން ދެކެވަޑައިގަންނަވައެވެ.

ހުޅުމާލެ ބިމުގެ މިލްކުވެރިކަމާ މެދު އޮތީ ގާނޫނީ ބަހުސެއް އުފެދިފައެވެ.

އެ ބިމުގެ މިލްކުވެރިކަން އެޗްޑީސީއަށް އޮންނަ ކަމަށް ބުނާ ފަރާތްތަކުން ފާހަގަ ކުރާ ކަމަކީ، ލާމަރުކަޒީ ގާނޫނުގެ އިސްލާހު އައުމުގެ ކުރިން ވަކި ބަޔަކަށް ރަޖިސްޓްރީ ކޮށްދީފައިވާ ބިންތަކާއި ރަށްތައް ކައުންސިލްތަކުގެ އިހްތިސާސުން އުނިވާނެ ކަން ގާނޫނުގައި ބަޔާން ކޮށްފައި އޮތް އޮތުމެވެ.

ނަމަވެސް މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހުޅުމާލެ ސަރަހައްދު ހިމަނައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެ ކަން ކަނޑައަޅުއްވާފައިވެއެވެ. އަދި މާލެ ސިޓީ ކައުންސިލްގައި ހުޅުމާލެ ތަމްސީލް ކުރައްވާ ކައުންސިލަރަކު ވެސް އިންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    އެޗްޑިސި އަކި އެހެން ރަށްރަށެކެ އެއްގޮތަށް ރައްޔިތުންނަށް ހިދުމަތް ފޯރު ކޮސްދޭ ކައުންސިލެއް ފަދަ ތަނެއްނޫން. ގާނޫނޫއަސާސީގަ ކައުންސލްތައް އުފައްދަން ރައީސުލްޖުމްހޫރިއްޔަ އާއި މަތިކުރުރުމުން ރައީސުލްޖުމަހޫރިއްޔާ ވަނީ ރާއްޖޭގެ ހުރިހާރަށްރަށަށް ކައުންސިލް އުފައްދާ އަތޮޅު ކައުނސިލާ ސިޓީ ކައުންސިލް އުފައްދަފަ. މާލެގެ އަވަށެއްގެ ގޮތުގާ މިހާރު އޮތް ވިލިގިލި ޑިވޮލޮޕް ކުރުމަށް އުފެއްދީ ސެލެކްޓެޑް އައިލެންޑް ޑިވޮލޮޕްމަންޓް ޔުނިޓް .ވިލިގިލި ން ގޯތިދީ ފްލެތއަޅާ ނިމުމުން ވިލިގިލި ވަނީ މާލޭގެ ބައެއްގެ ގޮތުގަ ހަމަޖައްސާ ސެލެކްޓެޑް އައިލެން ޑިވޮލޮޕްމަމންޓް ޔުނިޓް ވަނީ އުވަލާފަ. ހުޅުމާލެ ހިއްކަން ރައްީސުލްޖުމަހޫރިއްޔާގެ ގަރާރަކުން އުފެއްދި ހުޅުމާލެ ޑިވޮލޮޕްމަންޓް ކޯޕަރޭސަން .މިކުންފުނި އުފައދާ ހުލުމާލެ ފުރަތަމަފިޔަވަހި ހިއްކަ ގޯއްޗާއި ފްލެތްދީ ވިއްކާ މާލޭގެ ބަޔަކަށް އެތަން ހެދުމަށް ފަހު ހުޅުމާލެ ޑިވޮލޮޕްމަންޓް ކޯޕަރޭސަން އުވާލާ. މިވަނީ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭސަނު އުފަން ކޮށްފަ. ވީމާ މިހާރަކު ހުޅުމާލޭގެ އެއްވެސް އިހްތިސާސް އެއް އެޗްޑިސީ އަކަށް ނޯންނާނެ. އެޗްޑީސީ އަށް އޮންނާނީ ހަމަ އެކަނި ސިޓީކައުންސިލުން އެޗްޑީސީ އާއި ހަވާލުކުރާ ބިންތަކުގާ ފްލެޓް އިމަރާތް ކޮށް ދޫކުރުމުގެ މަސައްކަތް އެކަނި. ހުޅުމާލޭ ބިމާއި މޫދާއި ވަށައިގެންވާ ފަރުގެ މިލްކުވެރިފަރާތަކީ މާލޭ ސިޓީކައުންސިލް.

  2. ރީތި މޫސަ

    މިނޫނީ ރައްޔިތުން ދިރިއުޅޭ ރަށެއްނޯންނާނެ ކުންފުންޏަކަށް ޖިޒީ ދައްކަގެން އުޅެންޖެހޭ ހުޅުމާލޭ ރައްޔިތުން ތިބެންޖެނީ އެޗްޑީސީގެ އަޅުވެތިކަމުގެ ދަށުގަ ގިނައީ މަނާކަންތައް ލިބެންވާ އަސާސީ ޚިދުމަތްތައްހޯދަން އެހާދަތި މާލޭ ރައްޔިތުންނަށް އޮންނަފަސޭހަތަކެއްނޯވެ