ގައުމީ އެއާލައިން މޯލްޑިވިއަން އިން ގެންނަން އުޅުނު ދެފްލައިޓް ނުގެންނަން އެކުންފުނިން މިހާރު ނިންމާފައިވާކަން "ވަގުތު" އަށް ކަށަވަރު ވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވިއަން އިން ގެންނަން އުޅުނު އޭޓީއާރް މަރުކާގެ ދެފްލައިޓް ރާއްޖެ ގެނައުމަށް ބައެއް ތައްޔާރީތައް ވުމަށްފަހު ދެފްލައިޓް ނުގެންނަން މިހާރު ވަނީ ނިންމާފައެވެ. މޯލްޑިވިއަން އިން ވަނީ ދާދި ފަހުން 20 ކެބިންކްރޫން ޓްރޭނިން ކުރަން ވެސް ފަށާފައެވެ. ނަމަވެސް މިހާރު އެޓްރޭނިންތައް ވެސް ހުއްޓާލާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

އޭޓީއާރް މަރުކާގެ ދެފްލައިޓެއް މޯލްޑިވިއަން އިން ގެންނަން އުޅުނީ ކުއްޔަށް ކަމަށް މައުލޫމާތު ލިބެއެވެ. ދެފްލައިޓް ނުގެންނަން އެކުންފުނިން ނިންމި ސަބަބެއް ސާފެއް ނުވެއެވެ.

މޯލްޑިވިއަންގެ ފްލައިޓްތައް ޝެޑިއުލްކޮށް ކުރަން ޖެހޭ މަރާމާތުތަކަކަށް ގްރައުންޑްވިއިރު އެކަމަށް އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނެތުމުން ދާދިފަހުން ވަނީ ގިނަ އަދަދެއްގެ ފްލައިޓް ޗާޓަރު ވެސް ކޮށްފައެވެ. މޯލްޑިވިއަން އިން ފްލައިޓް ޗާޓަރު ކުރުމަށް ފާއިތުވި ދެމަހެއްހާ ދުވަސް ތެރޭގައި 15 މިލިއަން ރުފިޔާ ހޭދަކޮށްފައިވާނެ ކަމަށް ބެލެވެއެވެ. އެކުންފުނިން ޗާޓަރު ކުރި ފްލައިޓްތަކުގެ އަދަދު 60 އަށް ވުރެ ގިނައެވެ.

މިއަހަރު ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ކުރިން ފެށިގެން ލަފާކުރެވިފައި ވާއިރު ވެސް މޯލްޑިވިއަން އިން އެކަމަށް ތައްޔާރުވެފައި ނުވާކަމަށް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

މޯލްޑިވިއަން އަށް މިއަހަރުގެ ދެވަނަ ކުއާޓާގައި ވެސް 99.6 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައި ވެއެވެ. ފަހަކަށް އައިސް މޯލްޑިވިއަންގެ ހިންދުން ދޯދިޔާވެ ފާޑުކިޔުންތައް އަމާޒުވެފައި ވާއިރު ސަރުކާރުން މިހާރު ގެންދަނީ މޯލްޑިވިއަންގެ ހިއްސާ ވިއްކާލުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރިޔާޒު

    މޯލްޑިވިއަންގެ ހިއްސާ ބޭރުގެ ކުންފުންޏަކަށް ވިއްކާލުމަށް ވަމުންދާ ތައްޔާރީތައް ތިޔައީ. މޯލްޑިވިއަން ގެއްލުންވަނީ ހިންގަން ނޭގޭތީ. ކުންފުނީގެ ތަރައްގީކުރާށޭ ކިޔާފަ ބޮޑު މުސާރަ ދީފަ ތާކުންތާކު ނުޖެހޭ މީހުންތަކެއް ލީމަ ބޮއްސުންލައިގެން ދިޔައީ. ކެޕޭސިޓީހުރި އެއަރ ލައިންއަކާ ހަވާލުކުރުން މައްސަލައެއްނޫން. އަޑު އެހިން ކުރިންވެސް ބޮޑު އެއަރލައިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ވާހަކަ. ކައްޕަޅި އިންޑިޔާގެ ކުންފުންޏަކާ ނޫން ހަވާލުކުރަންވީ.

    22
    • ޔަހޫ

      ވިއްކާލުމައް ނުވަތަ ވިލާ އަށް އިންޑަސްޓުރީ ޑޯމިނޭޓް ކުރުމައް މަގުފަހިކޮއްދޭންވެގެން އެޔާލައިން މަޑުމަޑުން ހަލާކުކޮއްލަނީ ކަމައް ވަރައް ބެލެވޭ.

  2. މޕ

    ބަނގު ރޫޓު ކޮއްލާފަކާ ދެން ނުގެނެވޭ ނެނު، މުޅިން ވެސް އޮޅުވާލުން

    20
  3. ރާއްޖެ

    އަދިވެސް އެންމެ މޮޅު ސީއީއޯ ހުރި ކުންފުނި ކަމަށް އެލެކްސް ބުނަނީ. ކުންފުނި ބަގުރޫޓްވެ ނިމިއްޖެ

  4. ކޮއްޔާ

    މޯލްޑިވިއަން އިންޑިޔާއަށް ވިއްކާލުމަށް ހިންގާ އެޖެންޑާަ //

  5. ލީލާ

    މޫސާވަސީމު ލައިގެން ނުވާނެ ތިކަމެއް

  6. ހުސޭނުބޭ

    ގައިމު ކަދުރުދައިތަ ބުނި އެމްޑީޕީން ގެންނަ ތަރައްޤީ ފެނިފައި މީހުންނަށް ހަޖަމްނުވެޔޯ!@ ފެނެއެއްނު އެބަ ތި ގެންނަ ތަރައްޤީ. ދެން ފްލައިޓްގަނޑެއްވެސް ނުގެނެވެންޏާ ބާ ބޮއްކުރާގަނޑެއްވެސް ގެނެވޭތޯ ބަލާ! އޭރުން ރީނދޫހުން ޖެހިފައި ތިބި މީހުންނަށް އެ ބޮއްކުރާގަނޑު ފެންނާނީ އޭ380 މަރުކާގެ ދެ ބޯޓު ހެން