މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިޔަށް ގެންދާ ސޭފްޓީވީކްގެ އެންމެ ފަހު ހަރަކާތް ކަމަށް "ޕޯޓް ސޭފްޓީވީކް ރަން" މާދަމާ ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލް ސަރަހައްދުގައި ކުރިއަށްދާ ގޮތަށް ހަމަޖެހިއްޖެއެވެ.

މާދަމާ ހެނދުނު 6:30ގައި ހުޅުމާލެ ޕޯޓު ސަރަހައްދުގައި ފަށާ މި ދުވުމުގައި މިހާތަނަށް 300ށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. އަދި، އެކި ވުޒާރާތަކުގެ ވަޒީރުންނާއި، މުއައްސަސާތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންވެސް ދުވުމުގައި ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ފަސް ކިލޯމީޓަރުގެ މި ދުވުމުގައި ވަނަވަނަޔަށް ހޮވޭ ފަރާތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، އެއްވަނައަށް ހޮވޭ ފަރާތަކަށް 2500 ރުފިޔާ، ދެވަނަޔަށް 1500 ރުފިޔާ އަދި ތިން ވަނަޔަށް ހޮވޭ ފަރާތަކަށް 500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ދުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާޒީ ވިއްކައިގެން ލިބޭ ހުރިހާ ފައިސާ، ކުޑަކުދިންގެ ހައްގުތަށް ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާ (އާކް)ށް ހަދިޔާކުރުމަށް ވަނީ ނިމްމާފައެވެ.

އެމްޕީއެލް އިން ބުނީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ޕްރޮގްރާމް ކުރިއަށްދާއިރު، އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީއަށް އާންމުން ހޭލުންތެރިކުރުމަށް ހަފްތާއެއް ހާއްސަކުރުމުގެ ބޭނުމަކީ، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ސަގާފަތެއް ބޭނުންކުރުން ކަމަށެވެ. އަދި، ކުރިޔަށް އޮތް ތަނުގައި މިޔަށް ވުރެން ފުޅާ ކޮށް މިކަންތައް ކުރިޔަށް ގެންދިއުމަށް މި ކުންފުނިން ވަނީ ރާވާފައެވެ.

މި ދުވުން ޕްރޮމޯޓްކުރުމުގެ ގޮތުން މި ކުންފުނިން ވަނީ މިއަދު ހެނދުނު ނައިބު ރައީސް ފައިސަލް ނަސީމަށް ދުވުމުގެ ޖޯޒީ ހަދިޔާކޮށްފައެވެ. މީގެއިތުރުން، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަށާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއަށްވެސް ވަނީ ޖާރޒީ ހަވާލުކޮށްފައެވެ.
އެމްޕީއެލްގެ ފަރާތުން ޖާރޒީ ހަވާލުކޮށްދެއްވީ ސީއީއޯ ޝާހިދު އަލީ އެވެ. .

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    ބޮޑެތި ލާރިވެރިންނަށް ހަދިޔާކުރަނީ. ނިކަމެތި ރައްޔިތުންނަށް ވިއްކަނީ. ސަޅި

  2. ޟަޒް

    ޢެންމެ ވަޒީރެއް ވެސް ނެތް. އިލްޔާސް ލަބީބް އާއި ހަސަަން ލަތީފު އެކަނި ބައިވެރިވީ. ދެންތިބީ ދުވާ މީހުން ނާ ފުލުހުންނާ ސިފައިން

  3. Anonymous

    ފައިސަލް ޝާހިދު ކަލޭމެން ދެމީހުން ވެސް1 އަހަރު ދެންބާކީ އޮތީ ޝާހިދު ކުރާނެކަމެއްނޭގޭ ފައިސަލް ސްޕާހިންގާ