ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން މި ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގެ ތަފްސީލާއި މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ކުރިން ވިދާޅުވެފައިވާ ގޮތުގައި އެއޮޕަރޭޝަންގައި 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ.

އޮޕަރޭޝަންގެ ތަފްސީލް ހާމަކުރަމުން ފުލުހުން ވިދާޅުވީ މި ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ބުރުޒުމަގުން ޓެކްސީއެއް ހުއްޓުވައި ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ ދެ މީހުންނަކީ ގދ. ހޯނޑެއްދޫ /އިރުމަތީގެ، އަޙްމަދު ސުނައިނު (25އ) އާއި ގދ. ހޯނޑެއްދޫ /ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) އެވެ. މި ދެ މީހުން ހައްޔަރުކޮށް ޓެކްސީ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ހުރި 28 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައިގެ ތަހުގީގުން ހޯދިހޯދުންތަކުން އެ ޓެކްސީން ފެނިފައިވާ ތަކެއްޗަކީ ޑިސެމްބަރު 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި "ބަންގާ" ނަމަކަށްކިޔާ ލޯންޗުން މާލެއަށް ހޯނޑެއްދޫ / ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) އާއި ހޯނޑެއްދޫ / ދޯދި، މުޙައްމަދު އަކްރަމް ޢަބްދުލް ހަންނާން (31 އ) އާއި ހޯނޑެއްދޫ / އަލޯރާ، އަޙްމަދު މުޖާހިދު (29އ) އެތެރެކުރި މަސްތުވާތަކެތިކަމަށް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެމިހުންނާ ގުޅުންހުރި ކާރަކުން މަސްތުވާތަކެތި ހުރި 86 ރަބަރު ޕެކެޓާއި ސައިކަލެއްގެ މަޑިދަށުން 5 ރަބަރު ޕެކެޓް ހޯދާފައިވެއެވެ.

މީގެ އިތުރުން ހޯނޑެއްދޫ / އަލޯރާ އަރުޝަދު ޚާލިދު (26އ) އެ ތިން މީހުންނާ ބައްދަލުކޮށް ކަމުގެ އިރުޝާދު ދިނުމުގައި ހަރަކާތްތެރިވެފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މާލެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އަރުޝަދު ޚާލިދު އާއި މުޙައްމަދު އަކްރަމް ޢަބްދުލް ހަންނާން ވަނީ ޑިސެމްބަރު 12 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މި މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އަރުޝަދު ޚާލިދަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރި ފަރާތެވެ.

މި މައްސަލާގައި ތުުހުމަތުކުރެވޭ އަޙްމަދު ސުނައިން އާއި އަލީ ޒުބެއިރަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވިގެން 2020 ޖެނުއަރީ 30 ވަނަ ދުވަހު ހައްޔަރުކުރުމަށްފަހު މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރެވި މައްސަލަ ޝަރީއަތުން ސާބިތުނުވުމާ ގުޅިގެން 2021 ސެޕްޓެމްބަރު 28 ވަނަ ދުވަހު ދޫކޮށްލާފައިވާ ދެ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދުންމާރި

    ތިޔަ ވަނވަރު ހާޟަކުރި މީހުނަށް 119 ކިލޯ މަސްތުވާ ތަކެތި ރާއްޖެ އެތެރެކޮށް ގެންގުޅެ ވިއްކާ ވިޔަފާރިކުރެވޭނެތޯ؟ އެފަދަ މާލީ ތަނަވަސްކަމާ އާރާ ބާރާ ނުފޫޒު ހުރިބައެއްބާތީ؟ ނޫނީ މިއްސަނދި ސިޔާސީ ނުފޫޒުގަދަ ބައެއް ފަރުދާގެ ފުރަގަހުގަ ތިބެގެން އެކަން ކުރުވާބައެއްބާތީ؟

    4
    4
  2. އެހެންދީ

    ރަށުގެ ނަމާ ތަރައްގީއަށް މަސައްކަތް ކުރާ ކުދިން…އެމީހުންގެ އާއިލާއިންވެސް ފަހުރުވެރިވާނެ…ސާބަސް…

    12
  3. ޝެއިޚް ނަސްރުﷲ

    ދިވެހިރައްޔިތުން ފަޚުރުވެރި ވާންވީ ހޯޑެއްދޫގެ މި ފަހުލަވާނުން ނަށްޓަކައި..

    7
    1
    • މަބުނީ

      ހެހެހެ...އަސްލުވެސް..

  4. ޟުހ

    ތިރަށުގަ ހުންނަ ތީގެ ބޮޑުމީހުން ބުނަނީ އަދިވެސް ކޯޓާހަމައިން ސަލާމަތް ވާނެކަމައް

  5. Happy 123

    ތި ދެދުވަސް ނުވާނެ ދޫކޮށްލާނެ!!

  6. ސިމްނާ

    ކޮންބަޔަކަށް ދައްކަން ޖަހާ ޚަބަރެއް.މާދަން އިވޭނީ އުންސަރު ހަމަނުވެގެން ދޫކޮށްލި ޚަބަރު.