މޯ‎ލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ކުރިޔަށް ގެންދިޔަ ސޭފްޓީވީކްގެ އެންމެ ފަހު ހަރަކާތް "ޕޯޓް ސޭފްޓީވީކް ރަން" ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.

ހުކުރު ދުވަހުގެ ހެނދުނު ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލް އިން ފެށި ދުވުމުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. ދުވުމުގައި އަންހެން ކެޓެގަރީ އަދި ފިރިހެން ކެޓަގެރީން އެއްވަނަ ދެވަނަ އަދި ތިންވަނަޔަށް ހޮވުނު ފަރާތްތަކަށް ވަނީ ފައިސާގެ އިނާމު ދީފައެވެ.

އެމްޕީއެލް ގެ ފަރާތުން ބޭއްވި ޕޯޓް ސޭފްޓީ ވީކް ދުވުން 2021 ގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެގޮތުން އެއްވަނަޔަށް 2500 ރުފިޔާ، ދެވަނަޔަށް 1500 ރުފިޔާ އަދި ތިން ވަނަޔަށް 500 ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ. ފިރިހެން ކެޓަގެރީއިން އެއްވަނައަށް ދިޔައީ، ހުސައިން ރިޒާއެވެ. ދެވަނަޔަށް އާބިދް ދިޔައިރު ތިންވަނަޔަށް ދިޔައީ ފަރްހާދުއެވެ. މި ބައިވެރިންނަށް އިނާމު ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ. އަންހެން ކެޓެގެރީން ވަނަ ތަކަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ޗެއަރމަން މުހައްމަދު ޝަރީފުއެވެ. އަންހެން ކެޓަގަރީން އެއްވަނަޔަށް ޝަމްހާ ދިޔައިރު ދެވަނައަށް ދިޔައީ ހުސްނާ މުހައްމަދެވެ. އަދި ތިން ވަނަޔަށް ދިޔައީ ނަޝީދާ އަލީއެވެ.

ދުވުމުގައި ޖާޒީ ވިއްކައިގެން ލިބުނު ފައިސާ ވަނީ ‎ކުޑަކުދިންގެ ހައްގުތަށް ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާ އާކްއަށް ހަދިޔާކޮށްފައެވެ. އެގޮތުން، -/23،700 ރުފިޔާ އާކް އާއި ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މުހައްމަދު މުއިއްޒުއެވެ.

އެމްޕީއެލް ގެ ފަރާތުން ބޭއްވި ޕޯޓް ސޭފްޓީ ވީކް ދުވުން 2021 ގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެމްޕީއެލް އިން ބުނީ ކުންފުނިން އިސްނަގައިގެން އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީއަށް އާންމުން ހޭލުންތެރިކުރުމަށް ހަފްތާއެއް ހާއްސަކުރުމުގެ ބޭނުމަކީ، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ސަގާފަތެއް ބޭނުންކުރުމެވެ. އަދި، ކުރިޔަށް އޮތް ތަނުގައި މިޔަށް ވުރެން ފުޅާ ކޮށް މިކަންތައް ކުރިޔަށް ގެންދިއުމަށް އެމްޕީއެލް އިން ވަނީ ރާވާފައި ކަމަށް ވެސް އެކުންފުނިން ބުނެއެވެ.