ކ. ގުޅިފަޅު ކައިރިއަށް ބޯވަ ހިފަން ގޮސްގެން އުޅެނިކޮށް އިއްޔެ ހެނދުނު ގެއްލިގެން ހޯދަމުން އަންނަ އުމުރުން 21 އަހަރުގެ ޒުވާނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު، އެ ޒުވާނާ އަދިވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

މި ޒުވާނާ ގެއްލިފައި ވަނީ، "ޖަންނު" ނަމަކަށްކިޔާ ކުޑަ ލޯންޗަކުން ކ.ގުޅިފަޅު ކައިރިޔަށް ގޮސް އުޅެނިކޮށް މޫދަށް ފޭބި ފަހުންނެވެ. ގެއްލިގެން ހޯދަނީ ހދ. ކުމުންދޫ އަރާއިރުގޭ ޝްރޭހް ހަސަންއެވެ.

އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކޯސްޓްގާޑުން ކުރަމުންދާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އެގޮތުން މިހާރު ކޯސްޓްގާޑް ނޫރަށްދީން ލޯންޗް އަދި ހާބާ ކްރާފްޓް ލޯންޗުން ކުއްޖާ ހޯދުމުގެ މަސައްކަތް ކުރިޔަށްދާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބިފައިވަނީ އިއްޔެ 08:58 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްެއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ގުޅީފަޅުގެ ހުޅަނގުދެކުނު ކަންމަތީގައި ބޯވަ ހިފަން އުޅެނިކޮށް ޝްރޭހް އޮޔާ ދަމައިގަތީ ވާދޫ ކަނޑުތެރެއަށް ހުޅަނގަށް ވާގޮތަށެވެ.

އެންމެފަހުން އޭނާ ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެކެވެ. އެ ޒުވާނާ ނޫކުލައިގެ މާސްކެއް ވެސް އަޅާފައި ހުއްޓެވެ.