ވ. ވަށުގިރީގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ގަވައިދާ ހިލާފަށް ކުރުމާ ގުޅިގެން އެ ރިސޯޓު ތަރައްގީ ކުރާ ވަށުގިރި ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނި ގޮތުގައި އެ ކުންފުނި ޖޫރިމަނާކޮށްފައި ވަނީ 593،750ރ. އިންނެވެ.

އީޕީއޭ އިން ބުނީ ވަށުގިރި ޕްރައިވެޓް ލިމިޓެޑުން ވަށުގިރީގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓު ހެދުމާއި ގަވައިދާ ހިލާފަށް ކޮށްފައިވާ ކަމަށެވެ.

އެހެންވެ، އެ ކުންފުނި ޖޫރިމަނާ ކުރީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާއި ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައަޅައި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުންނެވެ.

މި ޖޫރިމަނާ ފައިސާ ދައްކަން ވަށުގިރި އަށް އަންގާފައި ވަނީ އެއް މަސް ދުވަހުގެ ތެރޭގައެވެ.