އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން ދައުވާ ކުރަން ފޮނުވުނީ އެންމެ %14 މައްސަލަ ކަމަށް އެޗްއާރުސީއެމްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފިއެވެ.

އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ދައުވާކުރަން ފޮނުވޭ ނިސްބަތް ވަރަށް ދަށްކަން ފާހަގަކޮށް އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަންގެ އަހަރީ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި 2015 ވަނަ އަހަރުން ފެށިގެން 2020 އާ ދެމެދު އަންހެނުންނަށް އަނިޔާކޮށްގެން ފުލުހުން ބެލި މައްސަލަތަކުގެ ތެރެއިން ދައުވާ ކުރަން ފޮނުވާފައިވަނީ ހަމައެކަނި %14 މައްސަލައެވެ.

މީގެ އިތުރުން 2016 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް އަންހެނުންނަށް އަނިޔާ ކޮށްފައިވާ 60 މައްސަލައެއްގެ ދައުވާކޮށްފައި ވާއިރު، އޭގެ ތެރެއިން ކުށް ސާބިތުވެފައިވަނީ 10 މައްސަލައެއްގައި ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ހަވާލާދީ އެކޮމިޝަނުގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

މިގޮތުން އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ދައުވާ ކުރުމުގައި ދިމާވާ ދަތިތަކުގެ ތެރޭގައި އާާއިލާއިން ނުވަތަ ތުހުމަތުކުރެވޭ ފަރާތުން އަނިޔާ ލިބުނު ފަރާތަށް ނުފޫޒު ފޯރުވައިގެން މައްސަލަ އަނބުރާ ގެންދާކަމަށް ވެސް ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި ޓްނެސް ޕްރޮޓެކްޝަން ބިލާއި
ހެއްކާބެހޭ ބިލު ފަދަ ގާނޫނުތައް ވުޖޫދަށް އައުމުން މިފަދަ މައްސަލަތަކުގައި އިންސާފު ހޯދަން ފަސޭހަ ވާނެ ކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ.

ކޮވިޑާއެކު ޖިންސީ އަނިޔާ އިތުރުވި!

މުޅި ދުނިޔެއަށް ވެސް ކުރިމަތިވި އާލަމީ ވަބާ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ގެތަކުގައި ތާށިވެފައި ތިބި ދުވަސް ވަރު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ މައްސަލަތައް ހުށަހެޅުނު މިންވަރު އިތުރުވެފައިވާ ކަމަށްވެސް ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން އަންހެނުންނަށް ކުރާ އަނިޔާއާ ގުޅިގެން ކޮމިޝަނަށް ނުވަ މައްސަލަ ހުށައަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ނަފްސާނީ އަނިޔާ ލިބިފައިވާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައާއި ޖިސްމާނީ އަނިޔާ ލިބިގެން ހުށައަޅާފައިވާ މައްސަލައާއި ޖިންސީ ފުރައްސާރަ ލިބިގެން ހުށައަޅާފައިވާ މައްސަލައާއި ގެވެށި އަނިޔާގެ މައްސަލައާއި ޖިންސީ ގޯނާގެ މައްސަލަތައް ވެސް ހިމެނެއެވެ.

ގާނޫނުއަސާސީ އާއި ކަމާގުޅުންހުރި އެހެން ގާނޫނުތައްކަމުގައިވާ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނާއި ޖިންސީ ކުށުގެ ގާނޫނާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް ރިއާޔަތްކޮށް ކޮމިޝަނަށް ހުށައެޅޭ މިބާވަތުގެ މައްސަލަތަކަށް ރިއާޔަތްކުރާއިރު ވަޒީފާގެ މާހައުލުންނާއި އާއިލާގެ ތެރެއިންނާއި މުޖުތަމައުގެ ތެރެއިން އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށްޓަކައި ގާނޫނީ ބާރުވެރިކަން ލިބިފައިވީ ނަމަވެސް މި ގާނޫނުތަކަށް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުން ހޭލުންތެރިވެފައި ނުވުމުގެ ސަބަބުން މިފަދަ މައްސަލަތައް މަދުކުރުމަށް ކަމާގުޅުންހުރި އިދާރަތަކަށް ގޮންޖެހުންތަކާ ދިމާވާ ކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ހަމައެހެންމެ، ހުށައެޅޭ މައްސަލަތައް ބަލައި ތަހްގީގު ކުރުމަށް ބޭނުންވާ ހެކި ހޯދުމަށް މިފަދަ މައްސަލަތަކުގައި އުނދަގޫ ކަމަށާއި ވިކްޓިމައިޒް ވެފައިވާ ފަރާތްތައް ގްރޫމް ކުރެވިފައިވަނީ ކިހާ މިންވަރަކަށްކަން އެނެލައިޒް ކުރެވޭނެ އުސޫލެއްވެސް ގާއިމް ކުރެވިފައިނުވާއިރު އަތޮޅު ތެރޭގައި މިފަދަ ޓްރެއިނިން ލިބިފައިވާ މުވައްޒަފުން ނުތިބޭތީ ދަތިތަކާއި ކުރިމަތިވާ ކަމަށްވެސް ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ސސ

  ކޮންމެ އަންހެނަކަށް ލިބޭ ގެއްލުމާއި އަނިޔާ އަކީ ހަމަ ކޮންމެ ފިރިހެނަކަށްވެސް ލިބޭ ގެއްލުމާއި އަނިޔާ !

 2. ލލ

  މީ އިސްލާމް ފޯބިއާ ހަރަކާތެއް، މިފަދަ ކަންކަން ކުރަނީ ހުޅަގުން ފައިސާލިބޭތީ ؟

  4
  3
 3. Anonymous

  ފިރިހެނުންނަށް ކުރާ އަނިޔާތަކުގެ މައްސަލައެއްގައި ދަޢުވާކުރަން ނުފޮނުވާތަ؟ އަންހެނުންގެ ކިބައިން އަނިޔާއާއި ގެއްލުން ލިބިފައިވާ ފިރިހެނުން ކޯޓުތަކުގެ ގާޒީންނަށް ވެސް އެބައުޅޭ. ޖެންޑާ މިނިސްޓްރީން ބަލަނީ ހަމައެކަނި އަންހެނުންގެ މައްސަލަ. ދާދި މިދާކަށްދުވަހު ފިރިހެނެއްގެ ބަނޑަށް އަންހެނަކު ވަޅިހެރި މައްސަލައެއް ވަގުތުގައި ވެސް ޖެހި. ކީއްވެ ދައުވާނުކުރަނީ؟

  1
  1