ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބައިވެރިކުރާ ނިސްބަތް ބޮޑުތަނުން އިތުރުވެފައިވާ ކަަމށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފިއެވެ.

އެ ރިޕޯޓްގައި ވަނީ މިދިޔަ އަހަރުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައިވަނީ ކުޑަ ކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ކަމަށެވެ. އެގޮތުން އެޗްއާރްސީއެމްގެ ރިޕޯޓުގައި ވާގޮތުން ވޭޭތުވެދިޔަ އަހަރުތެރޭގައި ޖެންޑާ މިނިސްޓްރީ އާއި ފުލުހަށް ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ޖިންސީ އަނިޔާއާއި އިހުމާލު އަދި ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ.

މީގެ އިތުރުން ނަފްސާނީ އަނިޔާ، ސައިބަރ ބުލީންގ، ގަނާކުރުން، ފުރައްސާރަ، ބްލެކްމެއިލްކުރުން، ބިރުދެއްކުން، ނަހަމަގޮތުގައި ބޭނުންހިފުން، ޖިންސީ ގުނަވަނެއް ހާމަކުރުން އަދި ގެވެށިއަނިޔާގެ އަމަލެއް ހިނގަމުންދާ މަންޒަރު އެކުދިންނަށް ގަސްދުގައި ދައްކައިގެން ހުށަހަޅާފައިވާ މައްސަލަތައް ވެސް ހިމެނޭ ކަމަށާއި އަދި ކުޑަކުދިންނަށް އަނިޔާކޮށްގެން ދައުވާކުރި މައްސަލަތަކުގެ ތެރޭގައި ވެސް އެންމެ ގިނައީ ޖިންސީ އަނިޔާގެ މައްސަލަކަން ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

އަދި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން އެކުލަވާލާފައިވާ ބޭސްލައިން ސްޓަޑީގައި ވަނީ އަތޮޅު ތެރޭގައި ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ވެސް ފާޙަގަ ކޮށްފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި އެކަނިވެސް ކުޑަކުދިންނަށް އަނިޔާކުރުމުގެ 46 މައްސަލައެއް ހިމެނޭކަން އެޗްއާރްސީއެމްގެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ، މި މުއްދަތުގައި ކޮމިޝަނަށް ހުށަހެޅިފައިވަނީ އަންހެނުންނަށް ކުރާ އަނިޔާގެ ނުވަ މައްސަލައެކެވެ.

މުޅި ދުނިޔެއަށް ވެސް ކުރިމަތިވި އާލަމީ ވަބާ ކޮވިޑް-19ގެ ލޮކްޑައުންގައި ގެތަކުގައި ތާށިވެފައި ތިބުމަށްފަހުގައި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ މައްސަލަތައް ހުށަހެޅުނު މިންވަރު އިތުރުވެފައިވާ ކަމަށްވެސް ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބައިވެރިކުރާ ނިސްބަތް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

މިގޮތުން ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރުމުގެ މައްސަލަތަކުގައި އިޖްތިމާޢީ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފުރިހަމައަށް އެޑްރެސްކުރެވިގެން ނުދާކަމަށް ރިޕޯޓްގައި ވެއެވެ.

އަދި ފުލުހުންނާއި އިޖްތިމާޢީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޖިންސީ ވަގުފާރި އަދި ޖިންސީ އަނިޔާގެ ފަރަގު އެންމެ ފުރިހަމައަށް ފަހުމްވެފައި ނުވާކަމަށް އެ ރިޕޯޓްގައި ބުނެފައިވާއިރު، މިއާއި ގުޅިގެން ޖިންސީ ވަގުފާރީގެ މައްސަލަތަކުގެ އަދަދު ފާހަގަ ކުރެވިފައިނުވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަވާސާ އިބޫ

    އެމްޑީޕީއަށް އެންމެގިނައިން ފައިސާލިބެނީ މިކަމުން ހޯރަ އެއްބެ މެނޭޖަރަކީ!

    7
    2
  2. ސިއްކަ

    ޖިންސީ ވިޔަފާރިއޭ ތި ކިޔަނީ ހަށި ވިއްކުމަށްތަ؟

    3
    1