ރައީސް ޔާމީންގެ ސަރުކާރުން ގެންނަވަމުންދާ ތަރައްގީ ދެމެހެއްޓުން އޮތީ ރައްޔިތުންގެ އަތްމަތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އާއި އެކު މިއަދު މ.ކޮޅުފުއްޓަށް ވައިޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ތަރައްގީ ބަހައްޓާފައި ހުރީ އެންމެ ހަލުވިކޮށް ކަމަށެވެ.

"މިއަދު ހުޅުވިގެން ދިޔަ ކޮޅުފުށީގެ ބަނދަރަކީ ކޮޅުފުށީގެ އުންމީދު, ސުނާމީގައި ހާލުގައި ޖެހުނު ފަރާތަކަށް ވޭތުވެ ދިޔަ ސަރުކާރު ތަކުން ވަނީ އަޅާނުލާ ދޫކޮއްލާފައި, ސުނާމީގައި ގެއްލުން ލިބުނު ފަރާތަކަށް ބޯހިޔާވަކި ކަން ފޯރުކޮއްދިނީ މިސަރުކާރުން" މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ މި ސަރުކާރުން 5 އަހަރު ތެރޭ 105 ރަށެއްގެ ބަނދަރާއި ގުޅޭ އެތަށްކަމެއް ވަނީ ނިންމާފައި ކަމަށާއި ބަނދަރާއި ގުޅޭ މައްސަކަތްތައް ކުރަން ދެން އޮތީ އެންމެ ދިހަ ރަށުގައި ކަމަށެވެ.

ރައީސް ޔާމީން އަކީ ވެވަޑައިގަންނަވާ ވައުދެއް ފުއްދައްވާ ރައީސެއް ކަމަށް ވިދާޅުވެ މިނިސްޓަރ މުއިއްޒު ވިދާޅުވީ ރައީސް ޔާމީން މިވަނީ ކޮޅުފުށީ ރައްޔިތުން އެދިލައްވާގޮތަށް ކޮޅުފުށީގައި ޒަމާނީ ބަނދަރެއް އަޅުވައި ދެއްވާފައި ކަމަށެވެ.

"ކުރީގެ ސަރުކާރުތަކުން ވަނީ ރައްޔިތުންގެ އެދުންތަށް ފުއްދަވައި ނުދެއްވާފަ, މި ތަރައްގީގެ ދުވެލި މިގޮތަށް ބެހެއްޓުމަށް ރައީސް ޔާމީންއަށް ވޯޓް ދެއްވާ" މިނިސްޓަރ މުއިޒު ވިދާޅުވިއެވެ.

ރައްޔިތުންނަށް ބޭނުންވާ ކަންތައް ރައްޔިތުން ބޭނުންވާ ގޮތަށް ފުރިހަމަކޮށްދެއްވާ ވެރިއަކީ ރައީސް ޔާމީނުކަން ފާހަގަ ކުރައްވައި މިނިސްޓަރ މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަކީ ވަކި ފިކުރަކަށް ބެލުމެއްނެތި ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގެންގުޅުއްވާ ވެރިއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ތަރައްގީ އަކީ ރައްޔިތުން އެތައް ދުވަހެއް ވަންދެން ބޭނުންވެފައި އޮތް ކަންތައް. އެތައް ދުވަހެއް ވަންދެން އިންތިޒާރުކުރަމުން ދިޔަ ވަރަށް ގިނަ ކަންތައް މި ސަރުކާރުވެ ވޭތުވެ ދިޔަ ހަތަރު އަހަރު ތެރޭގައި ރައީސް ޔާމީން ވަނީ ކޮށްދެއްވާފައި" މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެނގޭތަ

    މި ރާއްޖެއަށް އައިސްފައި މިވާ ތަރައްޤީ އަކީ ރައީސް ޔާމީނަކަސް، މިނިސްޓަރު މުއިއްޒަކަސް ފުނޑާލެވިގެން ވާނެ އެއްޗެއް ނޫނެވެ. ހަމަ ޤައިމު ވެސް އެއްވެސް ރައްޔިތަކީ ތަރައްޤީ ފުނޑާލާނެ ރައްޔިތެއް ނޫނެވެ. އެހެންކަމަށް ވާނަމަ، މިހާރު މިއޮތް ތަރައްޤީ މިގޮތުގައި ކުރިއަށް ދާނެ އެވެ.