ކޯލިޝަން ހަދައިގެން ނުވަތަ އިއްތިޙާދަކުން ވެރިކަން ހިންގުމަކީ ފަސޭހަ ކަމެއް ނޫންކަމަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު، މ. ކޮޅުފުށީ ބަނދަރުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެގޮތަށް ވެރިކަން ހިންގަން އުނދަގޫ ވެގެންދަނީ އެއް ބައެއްގެ ފިކުރު ތެރެއަށް އެހެން ބައެއްގެ ފިކުރު ވަންނާތީކަމަށާއި އެފަދަ ކޯލިޝަނެއް ނެތްކަމުގައިވާނަމަ، ތަރައްޤީ މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާނެ ކަމުގައެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ، 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީ އިން ކޯލިޝަން ހަދައިގެން އިންތިޙާބު ކާމިޔާބު ކުރެއްވިކަމަށާއި، އެ ކޯލިޝަންވެސް ނުހިންގެވުނީ ރައީސް މުޙައްމަދު ނަޝީދަށް ކަމަށެވެ.

"ކޯލިޝަން ހަދައިގެން ހަމަ ހަޤީޤަތުގައިވެސް ކާމިޔާބުކަމާއެކު ނުހިންގެވުނީ ރައީސް ނަޝީދަށް." ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ ކޯލިޝަން ހަދައިގެން މަސައްކަތް ކުރާއިރު ދިމާވާ މައްސަލަތަކެއް ހުންނަކަމަށާއި އެތަޖުރިބާއަށް ބިނާކޮށް އޭރު ރައީސް ނަޝީދުވެސް، އެވާހަކަތައް ދިވެހި ހުރިހާ ރައްޔިތުންނަށް ކިޔައިދެއްވިކަމަށެވެ.

"ކޯލިޝަނަކާއެކު މަސައްކަތް ކުރުމަކީ ފަސޭހަ ކަމަކަށް ނުވޭ. އަޅުގަނޑުވެސް އެކަން ގަބޫލު ކުރަން. ކޯލިޝަނަކާއެކު ސަރުކާރު ހިންގާއިރު އުނދަގޫތަކެއް އެބަ ހުރޭ. އެއީ އަސްކު ފިކުރުގެ ތެރެއަށް އެހެން ފިކުރެއް އައިމާ އެ ފިކުރަށް އަންނަ ތަޣައްޔަރުކަމުގެ ތެރެއިން އުނދަގޫތަކެއް ހުންނަނީ." ކޮޅުފުށީގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ރައީސް ވިދާޅުވީ ސަރުކާރުގެ އެކި ވުޒާރާތައް، ކޯލިޝަނެއްގެ ތެރެއިން ހިންގާކަމުގައިވާނަމަ ބެހިފައި ހުންނަނީ އެކި ޕާޓީތަކަށް ކަމަށެވެ. އަދި، މިކަމުގެ ސަބަބުން މަސައްކަތްތައް ހިންގުމުގެ ދުވެއްޔަށް ނުވަތަ ސްޕީޑަށް އަސަރުކުރާކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް، މިއަދު ސަރުކާރުގައި އޮތީ ސައްތައިން ސައްތަ ޕީޕީއެމްގެ ކެބިނެޓެއްކަމުން، މިއަދު މި ފެންނަނީ އެތަފާތުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިއަދު އެތަފާތު މި ފެންނަނީ. މިއަދު އަޅުގަނޑުމެންގެ މި ސަރުކާރު މި ހިންގަނީ ސަތޭކައިން ސަތޭކަ ޕީޕީއެމްގެ ކެބިނެޓަކާ އެކީ. ސަތޭކައިން ސަތޭކަ ޕީޕީއެމްގެ ކެބިނެޓަކާ އެކީ ހިންގާތީ މިހާ ބާރަށް މަޝްރޫޢުތައް ކުރިއަށް ދަނީ." ރައީސް މިއަދު ވިދާޅުވިއެވެ.

އަންނަ ރިޔާސީ އިންތިޙާބުގައިވެސް ވާދަކުރައްވާ ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރުވެސް ވެރިކަމަށް އައީ ކޯލިޝަނަކުން ކަމަށާއި އެހެންނަމަވެސް، ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޯލިޝަން ރޫޅިގެން ދިޔަކަމަށެވެ. އަދި، އެވާހަކަތަކުގެ ތަފްޞީލަށް ދާން ބޭނުން ނުވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ޤާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެން، ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުތައްވެސް ކުޑަކޮށްފައިވާކަމަށެވެ. އެގޮތުން އެންމެ ކުޑަ ކޮށްފައިވަނީ ކުށްވެރިންނަށް މައާފް ދިނުމުގެ ބާރުކަމަށްވެސް ވިދާޅުވިއެވެ. އަދި، އެކަން ކޮށްފައިވަނީ ސަބަބުތަކެއް ހުރުމުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވެފައިވަނީ ނިރުބަވެރިކަމުގެ މައްސަލަތަކުގައި ހުކުމްކޮށްފައިވާ ފަރާތްތަކަށް ރައީސްއަށް އަދަބު ނުދެވޭނެކަމަށެވެ. އަދި، ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަންނަ ފަރާތްތަކަށްވެސް މައާފް ދޭން ބޭނުން ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޮތުންނާއި ޖިސްމާނީ ގޮތުން އަދި ނަފްސާނޫ ގޮތުން އަނިޔާ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމެއްކަމުގައެވެ.

މިހާރު ރައީސް ގެންދަވަނީ މ. އަތޮޅަށް ދަތުރުފުޅެއް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތުން

    ވީމާ، ސަންޓްރެވަލް ޝިޔާމުގެ ބައިވެރިވުން ޔާމީނު އާއި އޮންނާނީ ކޮންގޮތަކަށްތޯ؟؟؟؟

    ބޮޑަށް ރަނގަޅީ ޔާމީނު އެބުނާހެން ޔާމީނުވެސް ޕީޕީއެމްގެ އިތުރުން އިތުރު ޕާރޓީއެއްގެ މަދަދަށް ނޭދީ އަމިއްލަ ޕާރޓީ އިން މަސައްކަތްކޮށް ބާރު ސްޕީޑްގައި ގޮސް އިންތިޚާބު ކާމިޔާބު ކުރުން