ފ.އަތޮޅުން ފުރައިގެން މާލެ އަށް ދަތުރު ކުރަމުން ދަނިކޮށް އަޑިއަށް ދިޔަ ދޯނީގެ ތިން ފަޅުވެރިން ހޯދަން މިހާތަނަށް ކުރި މަސައްކަތުން ފަޅުވެރިން ފެނިފައި ނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

ވ.ފުއްސަރު ކައިރިން ގެއްލިގެން ކޯސްޓްގާޑުން ހޯދަމުން އަންނަނީ އަލަމާ-5 ކިޔާ 60 ފޫޓުގެ ދޯންޏެކެވެ. އެ ދޯނީގައި ތިބީ ދިވެހި ކައްޕިއަކާއި ބިދޭސީ ދެ ފަޅުވެރިންނެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ގެއްލިގެން ހޯދަމުންދާ އަލަމާ-5 ދޯނީގެ ފަޅުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާތަނަށް ވަނީ ކަނޑާއި ވައިގެ މަގުން 2720 އަކަ ނޯޓިކަލްމޭލްގެ ސަރަޙައްދެއް ބަލާފައި ކަމަށެވެ. ފަޅުވެރިން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާއިރު މި ކަމުގައި ހަރަކާތްތެރިވަމުން ދަނީ އެމްއެންޑީއެފް ޑޯނިއަރ ފްލައިޓާއި ކޯސްޓްގާޑް އެކޯ-905 ސީ އެމްބިއުލާންސެވެ.

މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 23:22 ހާއިރުއެވެ. އަދި އެ ދޯނިން ކަނޑަށް ދޫވެފައިވާ ސާމާނުތަކެއް އޮޔާދާ ކަަމަށް އެމްއެންޑީއެފް އިން މިއަދު މެންދުރު ވަނީ ވިދާޅުވެފައެވެ.

ދޯނި އަޑިއަށް ދާކަމުގެ ރިޕޯޓް ކުރީ ދޯނީގެ ކެޕްޓަން ދޯނީގެ ކުރީގެ ކެޕްޓަނަށް ގުޅާފައި ބުނުމުންނެވެ. ކެޕްޓަނަށް ފޯނު ކުރުމަށް ދޯނި އަޑިއަށް ދަނީ ކަމަށާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކޮށްދިނުމަށް އެދެކުނު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އިތުރު ވާހަކައެއް ނުދެއްކެނީސް ފޯނު ވަނީ ކެނޑިފައެވެ.