ފ.ފީއަލިން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ “އަލަމާ 5” ދޯނި ވ. އަތޮޅު ފުއްސަރު ފަޅާ ދިމާލު ހަތަރު ނޯޓިކަލް މޭލު ބޭރުން މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެން ދޯނި ދިޔަވެ، ގެއްލުނު ތިން މީހުންގެ ތެރެއިން ދެމީހެއްގެ މައުލޫމާތު ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި ދޯނިން ގެއްލިފައިވާ ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ކ. ގުރައިދޫ/ ނަލަވާ، އާދަމް ޝަފީޤް (32އ) އާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަސަދުލް އިސްމާލް (37އ) އެވެ.

ގެއްލިފައިވާ ތިންވަނަ މީހާއަކީ ބިދޭސީ ފިރިހެނެއް ކަމަށާއި އެމީހާގެ މައުލޫމާތު ހޯދައި، ވެރިފައިކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރު 3322111 އަށް ނުވަތަ ވ. ފެލިދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792782 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ގެއްލިގެން ހޯދަމުންދާ އަލަމާ-5 ދޯނީގެ ފަޅުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާތަނަށް ވަނީ ކަނޑާއި ވައިގެ މަގުން 2720 އަކަ ނޯޓިކަލްމޭލްގެ ސަރަޙައްދެއް ބަލާފައި ކަމަށެވެ. ފަޅުވެރިން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާއިރު މި ކަމުގައި ހަރަކާތްތެރިވަމުން ދަނީ އެމްއެންޑީއެފް ޑޯނިއަރ ފްލައިޓާއި ކޯސްޓްގާޑް އެކޯ-905 ސީ އެމްބިއުލާންސެވެ.

މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 23:22 ހާއިރުއެވެ. އަދި އެ ދޯނިން ކަނޑަށް ދޫވެފައިވާ ސާމާނުތަކެއް އޮޔާދާ ކަަމަށް އެމްއެންޑީއެފް އިން މިއަދު މެންދުރު ވަނީ ވިދާޅުވެފައެވެ.