ރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުމަށްޓަކައި ރާއްޖެއަށް ހާއްސަ އަމިއްލަ މުގައްރަރެއް ތައްޔާރު ކުރުމާއި ގުޅޭ ގޮތުން އިލްމް އިންސްޓްޓިއުޓުން ސެންޓަރ އޮފް އަރަބިކް ފޯ ނަން އަރަބިކް ސްޕީކާސް އެޓް ދި ވޯލްޑް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަން އާއިއެކުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އިސްލާމީ ތައުލީމާއި ބެހޭ ކަންކަމުގައި ހަރަކާތްތެރިވާ މި ޖަމިއްޔާ އާއި އެކުގައި އިލްމް އިންސްޓިޓުއުޓުން ބޭއްވި ބައްދަލުވުމާއި ގުޅޭ ގޮތުން އެ އިންސްޓިޓިއުޓްގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ އަރަބި ބަސް ކިޔަވައިދިނުން ހަރުދަނާ ކުރެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން ކަމަށެވެ.

މީގެ އިތުރުން އެ ޖަމިއްޔާގެ ފަންނީ އެހީތެރިކަން ހޯދިދާނެ ގޮތްތަކާއި ގުޅޭ ގޮތުންނާއި، އަރަބި ބަސް ކިޔަވައިދިނުމަށް ރާއްޖެއަށް ހާއްސަ އަމިއްލަ މުގައްރަރެއް އެކުލަވާލުމާއި، އަދި އަރަބި އުނގަންނާއި ދެއްވާ މުދައްރިސުންނަށް ބޭނުންވާ ފަންނީ ތަމްރީނުތައް ދިނުމާއި ގުޅޭ ގޮތުންނާއި އިލްމް އިންސްޓިޓިއުޓް މެދުވެރިވެގެން ރާއްޖެއަކީ މި ސަރަހައްދުގެ މައިގަނޑު ހަބަކަށް ހެދުމާއި ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަދި ދެ ޖަމިއްޔާގެ ދެމެދުގައި އެހީތެރިކަން ބަދަލު ކުރުމަށް ރަސްމީ އެއްބަސްވުމެއްގައި ވެސް މި ބައްދަލުވުމުގެ ތެރެއިން ސޮއިކޮށްފައިވާ ކަމަށް އިލްމް އިންސްޓިޓިއުޓުން ހާމަކޮށްފައި ވެއެވެ.

މި ބައްދަލުވުމުގައި ދެ ޖަމިއްޔާގެ އިސްވެރިންވެސް ބައިވެރިވިއިރު، އިލްމް އިންސްޓްޓިއުޓްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައިވަނީ އެ އިންސްޓްޓިއުޓްގެ ރައީސް އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާއި މުހައްމަދު ފިރްޒުލްއެވެ.