އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑިއާ ސިފައިން ރާއްޖޭން ފައިބަން އެންގުމުން ވެސް އެ ކަން ނުކުރުމުން އދ. އަށް މައްސަލަ ހުށަހެޅި ކަމަށް ދެކެވޭ ވާހަކަތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދޮގުކޮށްފިއެވެ.

މި ވާހަކަ ފެންމަތިވީ ކުރީގެ ސަރުކާރުގައި ވެސް އިންޑިއާއާއި އެކު އަސްކަރީ އެހީ ހޯދުމުގެ އެއްބަސްވުންތައް ގާއިމު ކުރި ކަމަށް ވިދާޅުވެ އެމްއެންޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ކުރެއްވި ޓްވީޓަކާއި އެކުގައެވެ. އެ ޓްވީޓަށް ރައްދު ޖަވާބެއް ދެއްވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްއެވެ.

ޝިޔާމް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވަނީ "އެކްޝަން ޕްލޭން އޮފް ޑިފެންސް ކޯޕަރޭޝަންއަކީ ދެކެވުނު ވާހަތަކެއްގެ ޔައުމިއްޔާ، މިލިޓަރީ ސިފައިން ތިބެން އޭރު ވެސް ސައްލާތަކުގައި ސަރުކާރުން ދެކޮޅު، ރައީސް ޔާމީން އެދިވަޑައިގަތީ ތިބި މީހުން ވެސް އަނބުރާ ގެންދަން، ވިސާ އާނުކޮށްދިނީ ފޮނުވާލަން ބޭނުންވީމަ، އެ މައްސަލަ ވަނީ އދ.އަށް ވެސް ހުށަހަޅާފައި،" މިހެނެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ޝިޔާމް ކުރެއްވި އެ ޓްވީޓާއި ގުޅޭ ގޮތުން، ފޮރިން މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ސުވާލު ކުރިއެވެ. އޭގެ ޖަވާބުގައި ފޮރިންގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް ހިމެނޭ ވާހަކައެއް ނެތް ކަމަށެވެ. އެފަދަ ކަމެއްގެ ހިސާބުކިތާބެއް އެއްވެސް ތަނެއްގައި ނެތް ކަމަށެވެ.

"ފޮރިން މިނިސްޓްރީގެ ރެކޯޑަކު ވެސް، އދ.އިން ވެސް ފެންނާން ނެތް، އެއީ ހަމަ ކަނޑައެޅިގެން ދޮގު ވާހަކައެއް، އދ.ގައި ތި މައްސަލައެއް ހިނގާފައެއް ވެސް ނެތް." އިއްޔެ ހަވީރު ނޫސްވެރިންނާއި ބައްދަލު ކުރައްވައި، ނޫސްވެރިޔަކު ކުރި ސުވާލުގެ ޖަވާބުގައި މިއުވާން ވިދާޅުވިއެވެ.

އިދިކޮޅުގެ ލީޑަރު، ރައީސް ޔާމީން ޖަލު ހުކުމުން މިނިވަންވުމާއި އެކު "އިންޑިއާ އައުޓް" ގެ ކެމްޕޭން ހަރަކާތްތައް ވަނީ ފުޅާކޮށްފައެވެ. އެ ޝިއާރުގެ ޓީޝާޓް ތުރު ކުރައްވައިގެން ރައީސް ޔާމީން ގެންދަވަނީ ރަށްރަށަށް ވެސް ދަތުރު ކުރައްވަމުންނެވެ. މި ކެމްޕޭން ހުއްޓާލާނީ އިންޑިއާ ސިފައިންގެ އެންމެ ފަހު މީހާ މި ރާއްޖޭން ފާބަންދެކަށް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

އިންޑިއާއާއި މެދު އުފެދިފައިވާ މައްސަލަ؛

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވައި، އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށް އިންޑިއާގެ ކުންފުނިތަކުންނެވެ.

އިންޑިއާގެ އަސްކަރީ އެހީ ވަރަށް ބޮޑަށް ހޯދަން ސަރުކާރުން ނިންމިއިރު، އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ވެސް ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.

މީގެ ބޭނުމަކީ އިންޑިއާ އަސްކަރިއްޔާގެ ބެކްޔާޑެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތައް ބޭނުންކޮށްގެން، އިންޑިއާގެ ޖާސޫސީ މީހުންނާއި، އަސްކަރީ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭއްތިބޭނެ ގޮތް ހެދުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް މި ކަން ދޮގު ކުރެއެވެ.

އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ދިވެހި ފަސްގަނޑުގައި ތިބުމާއި، ދިވެހި އިގްތިސާދު އެންމެ ގައުމަކަށް އެހާ ބޮޑަށް ބަރޯސާވެ އޮތުމުން ނުކުމެދާނެ ގޯހަކާ މެދު ބައެއް އާންމުންގެ ތެރޭގައި ވެސް ނުހަނު ކަންބޮޑުވުން އެބަ އޮތެވެ.

މި ކަމަކީ ޚާރިޖީ ތަޖުރިބާ ކާރުންގެ ކަންބޮޑުވުން ވެސް އޮތް ކަމެކެވެ. އިންޑިއާ އަދި ޗައިނާއާއި ދެމެދު ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު، ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ބަދަލުގައި، އެއިން އެއް ގައުމަކާ މާ ބޮޑަށް ގާތްވެ އަނެއް ގައުމާ ގުޅުން ގޯސްވުން ރަނގަޅު ނުވާނެ ތަޖުރިބާކާރުން ވިދާޅުވެއެވެ. ދުނިޔޭގެ "ޖިއޯޕޮލިޓިކްސް" ތެރެއަށް ދިވެހި ދައުލަތް ނުވަނުމަށް ތަޖުރިބާކާރުން ދަނީ ލަފާ ދެއްވަމުންނެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށާއި، ނިރުބަވެރި ހަރަކާތެއް ރާއްޖޭގައި ހިނގިޔަ ނުދީ ހުއްޓުވަން ބޭނުންވާ ވަރަށް އަސްކަރީ ގާބިލްކަން އިތުރު ކުރުން ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ. މި ސިޔާސަތު ދިފާއު ކުރައްވައި، ސަރުކާރުގެ ބޭފުޅުން ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަމާސާ

    ހުށަނާޅާއި އޮތިއްޔާ އަވަހަށް ހިނގާ ހުށަހަޅަން.
    ރޔ ވިދާޅުވި އެމީހުން ވިސާ އައުނުކޮށްދީ ފޮނުވާލީމަވަސް ނުގޮސް ތިބިވާހަކަ.
    ވީމާ މިއީ އދ އަށް ހުށަހަޅަންޖެހޭ މައްސަލައެއް. މިސަރުކާރުން މިމައްސަލަ ނުބަލައިފިއްޔާ މިއީ ގައްދާރުންގެ ގޮތުގައި އަންނަންއޮތް ޖީލު ދެކޭނެ.

    32
    1
  2. ކިއުންތެރިއެއް

    އަވަހަށް ތިމައްސަލަ ހުށައަޅައި އިންދިޔާ ސިފައިން ފޮނުވާލަންޖެހޭ. ޢެމްދީޕީގެ ވެރިކަން ނިމޭއިރު އިންޑިޔާ ސިފައިންވެސް ދާންޖެހޭ، އެއްބަސްވުންތަން އެކަމަށް ޖާގަ ދޭންޖެހޭ. ޢަބަދު އެމްދިޕީ ވެރިކަމުގައި ނޯނާނެ. ފައިސާއަށްވުރެ، ގައުމު ބޮޑުވާނެ، މުހިއްމުވާނެ.

    24
  3. ބަދަލުވަމުންދާ ސަޤާފަތް

    ނޫސްވެރިން ކުރެ ބޭފުޅަކު ފޮރިން މިނިސްޓްރީގެ ބޭފުޅަކާއި ސުވާލު ކޮށްލެވިދާނެތޯ؟ ރައީސް މައުމޫނުގެ ވެރިކަމުގައި މަރުވި ހުސައިން ޞަލާހު ކިޔާ ޒުވާނާގެ ޕޯސްޓް މޯޓަމް ރިޕޯޓް އާއި ގުޅުންހުރި ފައިލް ގެނެސް ދިނުމަށް ފޮރިން މިނިސްޓަރު ކެރަފާ ނަސީމްގެ ވަޒީރު ކަމުގައި އެދުމުން އެފައިލް ގެނައިރު އެ ފައިލް ތެރޭގައި އެކަމާއި ގުޅުންހުރި އެއްވެސް ލިޔުމެއް އޮތްތޯ؟ އަދި މިހާރުވެސް އެލިޔުންތައް އެފައިލުގައި އެބަހުރިތޯ؟ ވީމާ ތަނެއްގައި ލިޔުމެއް ފެނަން ނެތުމަކީ އެކަމެއް ހިނގާފައި ނެތްކަން ދަލީލު ކޮޒްދެކަމެއްނޫން. މިކަހަލަ ކިތަންމެ ކަމެއް ހުންނާނެ ނޫންތޯ؟

    23
    1
  4. އުތުރުން

    އިންޑިއާ އައުޓް ކެމްޕޭން ވަރުގަދަ ކުރުން މުހިއްމެވެ
    ބޭރުގައުމެއްގެ ސިފައިންނަށް ރާއްޖެއިން ޖާގަދޭން
    މި ސަރު ކާރުން ނިންމި ކަންއެއީ ހެދި ވަރަށް ބޮޑު ގޯހެކެ ކެވެ
    މި ކަން އިތުރަށް ސީރިއަސް ނުވަނީ އެމީހުން ބޭލުން އެއީ
    މުހިއްމު ކަމެއް ކަމަށް ބަލައިގަނެ އޭތި ތަންފީޒް ކުރުމަށް
    ސަރު ކާރަށް ގޮވާލަމެވެ.

    19
  5. އުގުރި

    މިދާ ވަރުން ޖެހޭނީ އިންޑިޔާ ސިފައިން ފައިބައިގެން ދާއިރު އެމީހުންނަށް ތާއީދު ކުރާ މީހުން ވެސް ފާބާގެ ދާންތާދޯ.

    10
  6. ކިނބޫ

    ސުލޮލޭއަކަށް ނޭނގޭނެނު އޭނައެއް ނޫންވިއްޔަ ހުށަހެޅީ. އަމިއްލައަށް ކުރާ ކަންތައްވެސް ނޭނގި ވާނުވާގަ އެފަކީރު އުޅެނީ.
    ހިޔާ ފްލެޓް ލިއުންތައްވެސް ކާލައިގެން އުޅުނެއްނު. އެހެންވީމަ ތިޔައީ ހިސާބުކިތާބު ހުންނާނެ ކަމެއް ނޫނެއްނު އަމުދަކުން.

  7. ދިވެހި ރައްޔިތުން

    އެންމެން ހޭލާންވެއްޖެ ސިޔާސީ މީހުން ދައްކާ ވާހަކަތަކަށް ހިޔަނި ގޭމްތަކަށް ނުހެއްލެންވީ ވިސްނާލީމާ ކަންސާފުވާނެ.

  8. އަހަންމަދު

    ރައީސްޔާމިނުމިކަންއޮޅުންފިލުވައިދެއްވުންއެދެން!