ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމަށް މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ފިޔަވަޅު އެޅުމަށް މީރާއިން ނިންމައިފިއެވެ.

މީރާއިން "ކޮމްޕްލަޔަންސް އިމްޕްރޫވްމެންޓް" ޕްލޭނެއް ފުރަތަމަ ފަހަރަށް ތައާރަފުކޮށްފައިވަނީ މިދިޔަ އަހަރުގައެވެ. މި ޕްލޭންގެ ދަށުން މިދިޔަ އަހަރު ކޮވިޑް-19 ގެ ސަބަބުން ޓެކްސް ކޮމްޕްލަޔަންސްއަށް ކުރިމަތިވި ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ޓެކްސް ދައްކާ ފަރާތްތަކަށް ގިނަ ލުއިތަކެއް ދިނުމުގެ އިތުރުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަމުން ދިޔަ ފިޔަވަޅުތައް ހުއްޓައިލައިފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ނަމަވެސް އަހަރުގެ ޕްލޭންގައި، ކޮވިޑުގެ ހާލަތަށްފަހު ރާއްޖޭގެ އިގްތިސޯދަށް އަންނަމުންދާ ކުރިއެރުންތަކަށް ރިއާޔަތްކޮށް، ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމަށް މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ފިޔަވަޅު އެޅުމަށް ނިންމައިފައިވެއެެވެ.

މި އަހަރުގެ ޕްލޭންގައި، ޓެކްސް ދައްކާ ފަރާތްތަކުން ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާ މިންވަރު އިތުރުކުރުމަށްޓަކައި، މި އަހަރަށް މީރާއިން ކުރަން ރާވައިފައިވާ މައިގަނޑު ފަސް ކަމެއް ވަނީ ހިމަނައިފައެވެ. މި ގޮތުން، މި ޕްލޭންގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި، ޓެކްސް ދައްކާ ފަރާތްތަކާއި އާންމު ރައްޔިތުން ޓެކުހުގެ މައުލޫމާތުތަކަށް ހޭލުންތެރިކުރުވުމާއި، ވަކިވަކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ އާމްދަނީލިބޭ ފަރާތްތައް ރަޖިސްޓަރީކުރުވުމާއި، ކުދި ވިޔަފާރިތަކުގެ ޓެކްސް ކޮމްޕްލަޔަންސް އިތުރުކުރުމަށް އެހީތެރިވެދިނުމާއި، ބޮޑު އަދި މެދު ފަންތީގެ ޓެކްސް ދައްކާ ފަރާތްތައް ޓެކުހާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބާކަން ޔަގީންކުރުން ހިމެނެއެވެ. އަދި އޭގެ އިތުރުން ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކުހަށް މަކަރު ހަދާ ފަރާތްތައް ދެނެގަނެ، އެ ފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ހިމެނޭކަމަށްވެސް ބުންޏެވެ.

މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީއަކީ ޓެކުހާ ގުޅޭ އިލްތިޒާމްތައްއަދާކުރުން ލުއިފަސޭހަކޮށްދީގެން ޓެކްސް ދައްކާ ފަރާތްތަކުން އަމިއްލަ އިހުތިޔާރުގައިޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުން ނުވަތަ 'ވޮލަންޓްރީ ކޮމްޕްލަޔަންސް' އިތުރުކުރުމާއި، ތަންފީޒީ ފިޔަވަޅުތައް މެދުވެރިކޮށް ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށްތަބާނުވުން ނުވަތަ 'ނޮން-ކޮމްޕްލަޔަންސް' މަދުކުރުވުމުގެ މަގުސަދުގައި އެކުލަވާލައިފައިވާ ޕޮލިސީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފައިސާ

    ﷲހަރާމް ކުރެއްވި ގޮތުގައި ގިނަ ލާރި އެތެރެވެ އެއިންކެވޭނަމަ އެއިން ދައްކާގެއްލުން މާބޮޑުވާނެނޫންތޯ

  2. ވާވާ

    ދިވެހި ސަރުކާރުން އާންމު ކުންފުނިތަކަށް ދަރާފައިވާ ފައިސާ ކަންތައް ނިންމާފަ ދެންތިކަމާ އުޅޭ..

  3. ޒާ

    ބިދޭސީންގެ ޑިޕޮސިޓަށް ބަހައްޓާފައިވާ ތިންލައްކައަށްވުރެ ގިނަފައިސާ ވަނީ ގެއްލިފަ. އެލާރި ފުރަތަމަ އަނބުރާދީ.

  4. ހުސޭނުބޭ

    ފިޔަވަޅު އެޅޭނީ ރިހާކުރުފުޅި ވަގަށްނެގި ސޮރުގެ މައްޗަށް. ރާއްޖޭގެ މަހުޖަނުންގެ މައްޗަށް ފިޔަވަޅުއަޅާކަށް ލާހިކެއްނޫން.

    1
    1
    • ށަވިޔަނި

      ސަރުކާރު ހިންގަނީ ރައްޔިތުން ފެލައިގެން ފެނަކައިން ވެސް ހަމަފެލާލަނީ އެނގިދާނެތާ.

  5. ސސ

    ޖިޒީ ދީގެން ރައްޔިތުން ހާލުގައި ނުންތޯ ؟

  6. ނާޅި

    ކުރީޒާމާނުގައި މުސްލިމުން ޢައިރު މުސްލިމުންގެ އަތުން ޖިޒީ ކިޔާ އެއްޗެއް ނެގީމާ މިއަދު އެމީހުންގެ މަދަދާއިއެކު މުސްލިމުން އަތުންވެސް ޖިޒީ ނަގަން މިއުޅެނީ، ކޮންމެ މީހެއްގެ އަތުން ކޮންމެ އަހަރަކު ޖިޒީ ކޮންމެސް ސިފައެއްގައި އެބަނަގާ ޖީއެސްޓީ ކިޔާ އެއްޗަކާއި އިންކަމް ޓެކުސް ކިޔާ އެއްޗަކާއި ބީބީޓީ ކިޔާ އެއްޗަކާއި، ރެވިޑެންޑް ކިޔާ އެއްޗަކާއި މިހެންގޮސް އެކިނަން ކިޔާއިގެން މި ޖިޒީ މިނަގަނީ !

  7. ސައްލި

    ސިޔާސީ އިދިކޮޅު ހަރަކާތް ގަދަކޮށްލާއިރަށް މީރާ ނިކުންނާނެ އިދިކޮޅު މީހުނަށް ލޮޓިދޭން އެމީހުންގެ ވިޔަފާރިތަކަށް އުދަގޫ ކުރަން، ސިޔާސީ ވަފާތެރި ކެހިވެރިން މީރާ ބޭނުން ކުރަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އިދިކޮޅަށް ލޮޓިދޭ ޑިފެންޑާރް އެއްގެ ގޮތުގައި !