ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ މީހުން އެއްވާއި އެއްވުންތަކާއި، ހަފްލާތަކާއި، ހަރަކާތްތައް ބޭއްވުމަށް ހުއްދަދިނުން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް އޮމިކްރޮން ވޭރިއެންޓް ރާއްޖެއިން ފެނިފައިވުމާއެކު، ބަލިޖެހޭ އަދަދު މާލެ ސަރަހައްދުގައި އިތުރުވަމުންދާތީ ބަލިފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ހުޅުމާލޭގެ ސަރަހައްދުތަކުގައި ގިނަ މީހުން އެއްވާ ހަފްލާތަކާއި ހަރަކާތްތައް ބޭއްވުން މެދުކަނޑާލުމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ.

އެޗްޕީއޭގެ އެންގުމާއި ގުޅިގެން އެޗްޑީސީން މިފަދަ ކަންކަމަށް ދޫކުރަމުން ގެންދާ ހުއްދަތައް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ފައްސިވާ އަދަދުތައް އަނެއްްކާވެސް މި ވަނީ ވަރަށް ބޮޑަށް މައްޗަށް ޖެހިލާފައެވެ. އެގޮތުން މިދިޔަ ތިން ދުވަހު ރާއްޖޭގެ ކޮވިޑްގެ އަދަދުތައް 200 އިން މަތީގައި އުޅޭއިރު، މާލެ ސަރަހައްދުން ކޮވިޑަށް ފައްސިވި އަދަދު އިއްޔެ އުޅުނީ 100 އިން މަތީގައެވެ.

ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ކޮވިޑަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައި ވަނީ އާ ވޭރިއެންޓާއި ގުޅިގެންނެވެ.

ރާއްޖެއިންެސް އާ ވޭރިއެންޓްގެ ވޭދަނަތައް ފެނިފައިވާއިރު، ކުރިއަށް އޮތް ތިން ހަފްތާގައި ރާއްޖޭގައި ކޮވިޑްގެ ވޭދަނަތައް އިތުރުވެދާނެ ކަމަށް ސިއްހީ މާހިރުން ވަނީ ލަފާދެއްވާފައެވެ.