މިހިނގާ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ސަރުކާރުން ޞިއްޙީ ދާއިރާއަށް އިންޤިލާގެއް ގެނައުމަށް ތަރައްޤީ ކުރަމުންދާ "ދަރުމަވަންތަ ހޮސްޕިޓަލް" ހުޅުވައި ޢާއްމުންނަށް ޚިދުމަތް ދޭން ފަށްޓަވާނެކަމަށް ހެލްތު މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް ނޫސްވެރިންނަށް ދައްކާލައި ހުރިހާ ފްލޯއެއްގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށްފަހު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ނޫސްވެރިންނާ ބައްދަލުކޮށް ވިދާޅުވީ، ޖުލައޮ 26 ވަނަ ދުވަހަށް ދަރުމަވަންތަ ހޮސްޕިޓަލު ޢާއްމުކޮށް ހުޅުވާލެވޭނެ ކަމަށް ނުބެލެވޭ ކަމަށާއި، އެހެންނަމަވެސް ސެޕްޓެމްބަރ މަހުގެ ތެރޭގައި އެ ހޮސްޕިޓަލުގެ ބައެއް ފްލޯތައް ހުޅުވައި ޢާއްމުންނަށް ޚިދުމަތް ދޭން ފެށިގެންދާނެ ކަމަށެވެ.

"ޖުލައި 26 ގައި ޢާއްމުންގެ ޚިދުމަތަށް ހުޅުވާލެވިދާނެކަމަށް އަޅުގަނޑަކަށް ނުފެނޭ. އެހެން ނަމަވެސް ސެޕްޓެމްބަރ މަހުގެ ތެރޭގައި ބައެއް ފްލޯތަކުގެ ޚިދުމަތް ދޭން ފެށިގެންދާނެ." ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރ ނާޒިމް ވާހަކަދައްކަވަނީ - ވަގުތު އިމޭޖްސް: އަމީން ފަހުމީ

މިނިސްޓަރު ވިދާޅުވީ، ޖުލައި 26 ވަނަ ދުވަހު ޚިދުމަތް ނުދެވިދާނެ ކަމަށް ލަފާކުރެވެނީ ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީތަށް ގެނައުމުގައި ކުޑަ ޑިލޭއެއް އުޅޭތީ ކަމަށާއި، އެހެންނަމަވެސް މިހާރު މެޝިނަރީސްތަށް ގެނައުމުގެ މަގުމަތީގައިވާ ކަމަށެވެ.

"މި ހޮސްޕިޓަލަށް ބޭނުންވާނެ ހުރިހާ މެޝީނަރީއަކަށް ބޭނުންވާ ފައިސާ ހޯދި، އެތަކެތި ގަންނަން ކުންފުނިތަކާ ވަނީ ހަވާލކުރެވި. މެޝިނަރީ އައުމުގައި ކުޑަ ޑިލޭއެއް އުޅުނު ނަމަވެސް މިހާރު ވަނީ މެޝިނަރީސްތަށް ގެނައުމުގެ މަގުމަތީގައި" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ދާގޮތް ދައްކާލުން - ވަގުތު އިމޭޖްސް: އަމީން ފަހުމީ

މިނިސްޓަރު ވިދާޅުވީ، ހޮސްޕިޓަލްގެ ހުރިހާ ފްލޯއެއްގެ މަސައްކަތްތަށްވެސް އެއްފަހަރާ ހުއްޓުމެއްނެތި، 24 ގަޑިއިރު ކުރަމުންދާއިރު، ހޮސްޕިޓަލާ ގުޅުންހުރި މަގުތަށް ހެދުމާއި، އެމަޖެންސީ ޕަވަރ ސްޓޭޝަންގެ މަސައްކަތާއި، އައިޖީއެމް އެޗް އިމާރާތާއި ދަރުމަވަންތަ ހޮސްޕިޓަލް ގުޅާލުމުގެ މަސައްކަތްތަށް ކުރެވެމުންދާއިރު، މާގިނަ ދުވަހެއް ނުވެ ދިވެހި ރައްޔިތުންގެ މި އުއްމީދަށް ނިމުމެއް އާންނާނެ ކަމަށެވެ.

"މި 25 ބުރީގެ އިމާރާތުގެ ބިންގާ އެޅުނީ 2015 ވަނަ އަހަރު، ތިން އަހަރުގެ ތެރޭގައި މިވަރުގެ ބޮޑު އިމާރާތެއްގެ މަސައްކަތް ގެންދިއުމަކީ އެއީފަސޭހަ ކަމެއް ނޫން، ވަރަށް ހަލުވިކޮށް ގެންދެވޭތީ މި ހިސާބަށް މި ގެންދެވުނީ. އައިޖީއެމްއެޗްގެ 11 ބުރީގެ އިމާރާތެއް އަޅަން 11 އަހަރު ނެގި ވާހަކަ އަޑު އައްސަވާނެ" ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތުގެ ހަލުވި މިނާއި ގުޅުވައި މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ދާގޮތް ދައްކާލުން - ވަގުތު އިމޭޖްސް: އަމީން ފަހުމީ

ހޮސްޕިޓަލަށް ބޭނުންވާ ހުރިހާ މެޝިނަރީއާއި އިކުއިޕްމަންޓްސް އަދި ހުރިހާ ވަސީލަތްތަކާއެކު ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތް ނިންމޭކަމީ ސަރުކާރުން މިކަމަށް ދެއްވާ އަހަންމިއްޔަތުކަމާއި، ސަރުކާރުން ރައްޔިތުންނަށް މި ޚިދުމަތް ފޯރުކޮށްދެއްވުމަށް އޮތް ހެޔޮ ނިޔަތާއި، އިހުލާސްތެރި ސިޔާސަތު ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމެއް ކަމަށްވެސް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

"މިއީ ދިވެހިރާއްޖޭގެ ހެލްތު މިއަދު އޮތް ހާލަތުން މުޅިން އައު ސްޓޭޖަކަށް ގެންގޮސްދޭނެ މަސައްކަތަކަށް ވެގެންދާނެ." މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ދާގޮތް ދައްކާލުން - ވަގުތު އިމޭޖްސް: އަމީން ފަހުމީ

ނޫސްވެރިންނަށް ދަރުމަވަންތަ ހޮސްޕިޓަލް ދައްކާލާފައިވާއިރު، މުޅި އިމާރާތަށް ބަލާއިރު ފެނިގެން ގޮސްފައިވަނީ ހަލުވި ދުވެލީގައި މުޅި ހޮސްޕިޓަލްގެ ހުރިހާ ފަންގިފިލާއެއްގައިވެސް މަސައްކަތްތަށް ކުރަމުންދިޔަ މަންޒަރެވެ. އަދި ހޮސްޕިޓަލުގެ ޖާގަ ތަނަވަސްކަތާއި، ޑިޒައިނުގެ ފުރިހަމަކަމުގެ އިތުރުން ހުރިހާ ފަންގިފިލާއެއްގެވެސް މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޙަފްޞާ / މާލެ

  ދިވެހިރައްޔިތުން ، ޚާއްޞަކޮށް މާލޭ ރައްޔިތުންއ ސަމާލުވެނެތަމަ އަލުންވެސް ދިވެހި ޤަވްމު ކުރުޖެހި ، ރައީސް ޔާމީން ހޯއްދަވައިދެއްވި ތަރައްޤީގެ ހުރިހާ ވަޞީލަތްތައް ފުލުންގޮސް ޔަހޫދީންގެ ބާރުގެ ދަށަށް ދިވެހި ދައުލަތް ގޮސް ، އެތަކެއް ބުރަ މަސައްކަތުން ރައީސް ޔާމީން ހޯއްދަވައިދެއްވި ޤަވްމުގެ ހުރިހާ ވަޞީލަތްތައް އަލުންވެސް ބޭރުބަޔަކަށް ވިއްކާލާ ދިވެހިން ބިކަވާނޭކަމީ ޝައކެތް އޮތް ކަމެއްނޫނެވެ.
  ކީރިތި ﷲ ، ދިވެހިންނަކީ ނިޢުމަތަށް ޝުކުރުކުރާ އެ ނިޢުމަތްތައްް ދަމަހައްޓާ ބަޔަކުކަމުގައި ލައްވާށިއެވެ.

  • ޚަދީޖާ

   އާމީން

 2. މިސް

  އަޅުގަނޑުމެންގެ ދަރިވަރުންގެ ސްކޫލް ، ދަރުމަވަންތަ ސްކޫލް މަސައްކަތް ކުރިޔަށް ނުދަނީ ކީއްވެތޯ؟؟؟؟؟

 3. ފެނޭތޭ

  ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް...