ރާއްޖެއިން އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ ކުރިއަށްގެންދާ "އިންޑިޔާ އައުޓް" ހަރަކާތުގައި އުޅޭ މީހުން އަނިޔާވެރިކޮށް ހައްޔަރު ކުރުމަކީ މިސަރުކާރު ވަރަށް ބޮޑަށް އިންޑިޔާގެ އަޅުވެތި ކަމުގެ ދަށަށް ވެއްޓިފައި އޮތް އޮތުމުގެ ސަބަބުން ހިންގާ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިގޮތަށް ބުނެފައި ވަނީ، އިއްޔެގެ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން ހަތް މީހަކު ހައްޔަރު ކުރުމާއި ގުޅިގެންނެވެ. އިދިކޮޅުން ބުނީ ފުލުހުން އެ މީހުން ހައްޔަރުކޮށްފައިވަނީ ސުލްހަވެރިކަމާއެކު އަޑު އުފުލަމުން ދަނިކޮށް ކަމަށެވެ. އަދި "އިންޑިޔާ އައުޓް" ނުގޮވޭނެ ކަމަށާއި އަދި "އިންޑިޔާއައުޓް" މިހެން ޖަހާފައިވާ ޓީޝަރޓްގައި އަޑުނުއުފުލޭނެ ކަމަށް ފުލުހުން ބުނި ކަމަށް އިދިކޮޅުން ބުނެފައި ވެއެވެ.

އިދިކޮޅުން ނެރުނު ބަޔާނުގައި ވަނީ، ހިޔާލުފާލުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ކަމަށެވެ. އަދި މިނިވަންކަމުގެ ދިފާއުގައި ރައްޔިތުން ނުކުމެ އަޑުއުފުލުމުން، އަނިޔާވެރިކަމާއެކު އެފަރާތްތައް ހައްޔަރުކޮށް ފުލުހުންނަށް އަންގާ ޣައިރު ގާނޫނީ އެންގުންތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށްވެސް އެއްވެސް ބެލުމެއްނެތި ހިފާ ހައްޔަރުކޮށް، ފިރިހެން ފުލުހުން ފޮނުވާ އަންހެނުން ހިފާ ހައްޔަރުކުރާކަން އެ ބަޔާނުގައި ވެއެވެ.

"މިފަދަ ނޭދެވޭ އަމަލުތައް ހިންގުމަކީ މިސަރުކާރު ވަރަށް ބޮޑަށް އިންޑިޔާގެ އަޅުވެތި ކަމުގެ ދަށަށް ވެއްޓިފައި އޮތް އޮތުމުގެ ސަބަބުން ހިންގާ ވަރަށް ދަށުދަރަޖައިގެ އަމަލެއްކަން މިކޯލިޝަނުން ފާހަގަކުރަން.". އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވަނީ، އިހްތިޖާޖުގެ ތެރެއިން މީހުން ހިފާ ހައްޔަރު ކުރުމުގައި އެއްވެސް ކަހަލަ ހަމައެއް އުސޫލެއް ނެތްކަމަށެވެ. އަދި ހައްޔަރުކޮށްގެން ގޮސް އެތައް ގަޑިއިރެއް ވަންދެން އެ މީހުން ފުލުހުންގެ ބަންދުގައި ބައިތިއްބަނީ ސީދާ ސަރުކާރުގެ އިސްވެރިންގެ އޯޑަރަށްކަން ވަރަށް ސާފުވާ ކަމަށް ބަޔާނުގައި ވެއެވެ.

"މިކަންކަން ރާއްޖޭގައި ގާއިމްކުރެވިފައިވާ ތަހްގީގީ އިދާރާތަކުން މިނިވަންކަމާއެކު ތަހްގީގު ކުރުމަށް ގޮވާލަން"

އިދިކޮޅުން ވަނީ މިނިވަންކަމާއެކު ސުލްހަވެރި އެއްވުންތައް ބޭއްވުމަށް ފުރުސަތު ދިނުމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް ގޮވާލާފައެވެ.