ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުން މިހާތަނަށް އާންމު ކޮށްފައިވާ ފަރާތްތަކަށް ހަމަހަމަ އުސޫލަކުން އަމަލު ކުރުމަށް ފުލުހުންނަށާއި ހޯމް މިނިސްޓްރީއަށާއި ހައުސިން މިނިސްޓްރީއަށް އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް އަންގަވައިފިއެވެ.

ރިޔާސީ ކެންޑިޑޭޓުންގެ ނަންތައް ރަސްމީކޮށް އިއުލާނުކޮށްފައިނުވި ނަމަވެސް ޕާޓީތަކުން މިހާތަނަށް ނެރެފައިވާ ބޭފުޅުންގެ މެދުގައި ހަމަހަމަކޮށް އަމަލުކޮށް، ކެންޑިޑޭޓުން ތާއީދު ހޯދަން ކުރައްވާ މަސައްކަތްތަކުގައި ދައުލަތުގެ ވަސީލަތްތައް ހަމަހަމަކޮށް ފޯރުކޮށްދިނުމަށާއި ދައުލަތުގެ ހަރަދުގައި ސަލާމަތީ ކަންކަން ފޯރުކޮށްދޭން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މަގުތަކާއި ދައުލަތުގެ ބިމާއި އިމާރާތްތައް ވެސް ހަމަހަމަކަމާ އެކު ފޯރުކޮށްދޭން ހައުސިން މިނިސްޓްރީ އަށްމީގެ އިތުރުން ދައުލަތުގެ މީޑިޔާއިން ހަމަހަމަކޮށް އެއާޓައިމް ދޭން ވެސް ވަނީ އަންގަވައިފަ އެވެ.

އެޓާނީ ޖެނެރަލް އަނިލް އެގޮތަށް އަންގަވާފައި މިވަނީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުޅުމާލޭގައި ކެމްޕެއިން ކުރެއްވުމަށް އިއްޔެ ވަޑައިގަތުމުން ބަޔަކު މީހުން އޭނާ އަށް ހަމަލަ ދޭން މަސައްކަތް ކޮށްފައިވާކަމަށް އެމްޑީޕީން ބުނެފައި ވަނިކޮށެވެ.

އިބޫ އާއި އެމްޑީޕީގެ ބައެއް ވެރިން ހުޅުމާލެއަށް ވަޑައިގެންނެވުމުން ދެ ފަހަރެއްގެ މަތިން ގްރޫޕަކުން އިންޒާރުދީ އަދި އޭގެ ފަހުން ކެމްޕެއިން ޓީމަށް އަމާޒުކޮށް ކަޅު ތެޔޮ އުކި ކަމަށް އެމްޑީޕީން ބުނެއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ފުލުހުން ބަލަމުން އަަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    މީހުން މަރުވާ ދުވަސްވަރެއްގައި ބޭނުންވާނީ ޖަމާޢަތްތެރިންނެވެ. ހިނަވައި ކަފުންކޮށް ކަށުނަމާދު ކުރާމީހުންނެވެ.